ބޭރުން އަންނަ މީހުން ދީނީ ޝިއާރުތަކަށް އިޙްތިރާމްކުރުމަށް އިލްތިމާސްކޮށްފި

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިންގެ ގޮތުގައްޔާއި ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ބިދޭސީން ގެންނަ ފަރާތްތަކުން، ރާއްޖޭގެ އިސްލާމީ ޝިއާރާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރުމާ ގުޅޭގޮތުން އެމިނިސްޓްރީން މިއަދު އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖެއަކީ ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ އަދި، ފަތުރުވެރިންގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ބޭރުމީހުން ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރާ ގައުމެއް ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދަށް ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، އެފަދަ މައްސަލަތަކުގައި ފިޔަވަޅުއަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އަޅަމުން ގެންދިއުމަށް އަންގާފައިވެއެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނުގައި ވާގޮތުން ރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި، އާންމު ތަންތާނގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.

އަދި، ރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ. މީގެއިތުރުން، މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ރާއްޖޭގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމާ ބެހޭ ގަވާއިދާ އެއްގޮތަށް، އާންމު އިޖްތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިންނަށް އިރުޝާދު ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން އަންގާފައިވެއެވެ.

މިނިސްޓްރީން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މިފަދައިން އަންގާފައި މިވަނީ ދާދިފަހުން ރާއްޖޭގެ ރަށެއްގައި ހިންދޫ ދީނަށް ނިސްބަތްވާ ބަޔަކު އެމީހުންގެ ދީނީ އަޅުކަމެއް ފުރިހަމަކުރަމުން ދިޔަ މަންޒަރު މީސްމީޑިއާގައި އާންމު ވެފައި ވަނިކޮށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެމައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.

comment ކޮމެންޓް