ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ނަޝީދު މެމްބަރު ކަމުން ވަކި ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑީގައި ވަނީ ސަރުކާރު ކަމަށް ތުހުމަތުކޮށް ނަޝީދަށް ތާއީދު ކުރާ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ މެމްބަރު ކަމުން ނަޝީދު ވަކި ކުރާކަށް ސަރުކާރުން ނޫޅޭ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ވިދާޅެއްނުވެއެވެ.
ނަޝީދު މެމްބަރު ކަމުން ވަކިކުރަން ހުށަހެޅީ ސްރީލަންކާ ތަމްސީލު ކުރުމަށް ކޮޕް27 އަށް ވަޑައިގަތުމާ ގުޅިގެންނެވެ.
ނަޝީދު މަޖިލީހުގެ މެންބަރު ކަމުން ވަކި ކޮށްދިނުމަށް އެދި ގާނޫނީ ވަކީލް އަހްމަދު ތާލިބް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ, ދިވެހި ދައުލަތުގެ މަސްލަހަތަށް ފުށުއަރާ ގޮތަށް ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ދިވެހި ގައުމަށް ވަފާތެރިވުމަށް ކޮށްފައިވާ ހުވަޔާ ހިލާފަށް އެހެން ސިޔާދަތީ ބާރެއް ތަމްސީލްކުރުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފް ކަމެއް ކަމަށެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެހެންކަމުން ނަޝީދުގެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއްކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މެންބަރު ކަމުގެ ގާނޫނީ ޝަރުއީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދެއްވުމަށް ތާލިބް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.
ތާލިބު ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވި މެމްބަރުންގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހިމެނެއެވެ.
އެގޮތުން ހަސަން ލަތީފު ވިދާޅުވީ މެމްބަރު ކަމުން ނަޝީދު ވަކިކުރަން ކުރާ މަސައްކަތްތަކުގައި ސަރުކާރުން ވާގިވެރިވާ ކަމަށެވެ. އަދި އެންމެ ފަހުން ސުޕްރީމަށް ހުށަހެޅުނު ދުސްތޫރީ މައްސަލައިގައި ވެސް ސަރުކާރުގެ އަތެއް ވާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ހަމައެއާއެކު އިންތި ވިދާޅުވީ ނަޝީދަށް ފުރައްސާރަ ކުރަނީ ސަރުކާރުން ކަމަށެވެ. އަދި މަޖިލީހުގެ ބައެއް އެމްޑީޕީ މެމްބަރުން މެދުވެރިކޮށް، ނަޝީދަށް ގަދަރު ކުޑަކޮށް އިހާނެތި ބަސްތައް ރައްދުކުރަމުން ދަނީ ސަރުކާރުން އަމުރުކޮށްގެން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
މި މައްސަލައިގައި ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާއިރު، މިސްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އދ. ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ނަޝީދު ވަޑައިގަތުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައިވެސް ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. އަދި ފުންނާބު އުސް ގާނޫނީ ވަކީލުން ވެސް ވަނީ ނަޝީދުގެ އެ އަމަލަށް ފާޑު ވިދާޅުވެފައެވެ.