ޓީއެމްއޭއިން ގެންނަ ބޯޓު ރާއްޖެ އައުމަށް ފުރައިފި

ޓީއެމްއޭއިން ގެންނަ ޓުއިން އޮޓާ މަރުކާގެ ބޯޓެއް-- ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެ އެއާލައިނުގެ އުދުހުންތަކުގައި ބޭނުންކުރުމަށް ގެންނަ ބޯޓު ރާއްޖެ އައުމަށް ކެނެޑާއިން ފުރައިފިއެވެ.

އެވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ބުނެފައިވަނީ، ޓީއެމްއޭގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ގެންނަނީ، ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ6 ސީރީޒް 300 ގެ ބޯޓެކެވެ. މިއީ ޓީއެމްއޭގެ އުދުހުންތަކުގައި އާއްމުކޮށް ގެންގުޅޭ ވައްތަރުގެ ބޯޓެކެވެ. މި ބޯޓު ރާއްޖެ އަންނަނީ ކެނެޑާއިން ފުރައިގެންނެވެ.

ޓީއެމްއޭއިން އަލަށް ގެންނަ ބޯޓު އޮޕަރޭޝަންތަކުގައި ބޭނުންކުރުމުން ކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ ސީޕްލޭންގެ އަދަދު 60 އަރާނެއެވެ. ޓީއެމްއޭއިން ދަނީ 80 އަށްވުރެ ގިނަ މަންޒިލަށް އުދުހުންތައް ބާއްވަމުންނެވެ. ޓީއެމްއޭއަކީ ދުނިޔޭގައި މިވަގުތު އޮތް ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ.

ޓީއެމްއޭއިން އެކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ބޯޓެއް ގެނެސްފައިވާއިރު، ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހައި ސީޒަނެވެ. ރާއްޖޭގެ ޓޫރިޒަމް ސީޒަން ފެށުމާ ދިމާކޮށް އާއްމުކޮށް ރާއްޖެއަށް ދަތުރުނުކުރާ ބައިނަލްއަޤްވާމީ ބައެއް އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. މީގެ އިތުރުން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ބޮޑެތި އެއާލައިންތަކުން ވަނީ ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެއަށް ބާއްވަމުން އަންނަ ފްލައިޓްތައްވެސް އިތުރުކޮށްފައެވެ.

comment ކޮމެންޓް