އެކި މީހުން ކުރަން މޮޅުވާނީ އެކި ކަހަލަ ކަންތައްތަކެވެ. އެއްބައި މީހުން އެއްޗެހި ކައްކަން މޮޅުވެދާނެއެވެ. އަނެއް ބަޔަކު އަތްތެރި މަސައްކަތަށް ވެސް ވަރަށް ފަރިތަ ވެދާނެއެވެ. އަނެއް ބަޔަކީ އެކި ކަހަލަ އެއްޗެހި ކުރެހުމާއި ކުލަޖެއްސުމަށް ވަރަށް މޮޅު ބައެކެވެ. ހަސަން ރާއިފް ސިރާޖުގެ ހުނަރަކީ ވަށައިގެންވާ މަންޒަރުތައް ގަނޑަށް ނަކަލުކޮށްލުމެވެ. ހަގީގަތާއި ކުރެހުމާ ވަކި ނުވާހާ ރާއިފްގެ ހުނަރު ވަރުގަދައެވެ.
އުމުރުން 25 އަހަރުގެ ރާއިފްގެ މުޅި އާއިލާއަކީ ވެސް ކްރިއޭޓިވް އެކި ކަންތައްތަކަށް ލޯބިކުރާ މެމްބަރުންގެ އާއިލާއެކެވެ. ކުޑައިރުން ފެށިގެން އާޓަށް އެހާ ބޮޑު ޝައުގުވެރިކަމެއް ރާއިފްގެ އުފެދިގެން އައީ އާއިލާގެ ފަރާތުންނެވެ. އާއިލާގެ ހުނަރުތަކަކީ ރާއިފް އެކި ކަހަލަ އާޓުތައް އެންމެފަހުން ޓެސްޓު ކުރަން ފަށަން ބޭނުންވި ސަބަބުވެސް މެއެވެ.
ތަފާތު އެކި ކަހަލަ އާޓު ސްޓައިލުތައް ކުޑައިރުން ފެށިގެން އެކްސްޕެރިމެންޓް ކުރަމުން ދިޔަ ނަމަވެސް މި ހުރިހާ ކަމަކަށް އެންމެ ބޮޑު އިންސްޕިރޭޝަނަކަށް ވީ ރާއިފްގެ ވަށައިގެންވާ މާހައުލެވެ. ކުރެހުންތަކުން ވެސް ވަށައިގެންވާ މާހައުލު ފެންނަ މިންވަރު އިތުރު ވެގެން ދިޔައީ މާހައުލަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.
View this post on Instagram
"ނޭޗާއަކީ އެންމެ ބޮޑު އިންސްޕިރޭޝަން އަދި މޯޓިވޭޝަން. އާއިލާގެ ފަރާތުން އަސްލު ވަރަށް ބޮޑު އިންސްޕިރޭޝަނެއް ލިބިގެންދިޔަ އަމިއްލަ ހަޔާތުގެ ކަންތައްތަކުން އާޓު އުފެއްދުމަށް،" ރާއިފް ކިޔައިދިނެވެ.
ވަށައިގެންވާ މާހައުލަށް އޮތް ލޯބި ކަރުދާހާއި އެހެން މީޑިއަމްތަކަށް ބަދަލު ކުރުމަށްޓަކައި ރާއިފް އެކި ކަހަލަ ފޯމްތައް ދަސްކުރިއެވެ. އޭގެތެރޭގައި ސްކަޕްޓިން ވެސް ވަނީ ރާއިފް އެކްސްޕެރިމެންޓް ކޮށްފައެވެ. ނަމަވެސް އެ ހުރިހާ ދާއިރާއަކުން އެކްސްޕެރިމެންޓު ކުރިއިރު ރާއިފްގެ ޝައުގުވެރިކަން އެންމެ ބޮޑަށް ދަމައިގަތް ކަމަކީ ސޫވެނީއާ އާޓް އާއި ހައިޕަ ރިއަލިޒަމްއެވެ.
ހައިޕަ ރިއަލިޒަމް އަކީ ވީހާވެސް ހަގީގަތާ އެއްގޮތްވާ އާޓް ސްޓައިލަކަށް ދީފައިވާ ނަމެކެވެ. ރާއިފް މި ސްޓައިލަށް ހުރި ލޯތްބެއްގެ ނަތީޖާއެއްގެ ގޮތުން އެ ސްޓައިލް އިތުރަށް ވަރުގަދަ ކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރެއެވެ. ނަތީޖާ މިހާރުވެސް ވަރަށް ފުރިހަމައަށް ފެންނަން އެބަހުއްޓެވެ.
View this post on Instagram
ރާއިފްގެ އިންސްޓަގްރާމަށް ޕޯސްޓުކޮށްފައިވާ ހައިފަރިއަލިސްޓިކް އާޓްވޯކްތައް ވަރަށް ވެސް ފުރިހަމައެވެ. ބައެއް ކުރެހުންތަކަކީ ކެމެރާއަކުން ނަގާފައިވާ މަންޒަރެއް ހެން ވެސް ހީވެއެވެ. ރާއިފް މި ހުނަރު ބޭނުންކޮށްގެން ކުރަހާލަން ވަކި މީޑިއަމް އެއް ބޭނުމެއް ނުވެއެވެ. ފޯނު ވިޔަސް އަދި ގަނޑަކަށް ނަމަވެސް ހައިޕަރިއަލިސްޓިކް އާޓް އުފެއްދުމަށް ހަމަ އެހާ ފަރިތައެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ބޭނުންވަނީ މޮޅެތި އާޓިސްޓުން ގާތުން ވީހާވެސް ބޮޑަކަށް ނޭނގޭ ކަންތައްތައް ދަސްކުރަން،" ކުރިއަށް ހުރި ވިސްނުންތައް ހިއްސާކުރަމުން ރާއިފް ބުންޏެވެ.
View this post on Instagram
ރާއިފް އެންމެ ވަރުގަދައަށް ދެކެމުން އަންނަ އެއް ހުވަފެނަކީ އޭނާގެ އާޓް ރާއްޖެއިން ބޭރަށް ގޮސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެސް ދައްކާލެވުމެވެ. އަދި ކެންވަސް އާއި ފާރުތަކުން ބޭރުން ވެސް އޭނާގެ ހުނަރު ދައްކާލަން ރާއިފް ބޭނުންވެއެވެ.
ރާއިފް ގަބޫލު ކުރާގޮތުގައި އޭނާއަށް ހުރިހާ ކަމެއް މި ދާއިރާއިން ކާމިޔާބުވާ ދުވަހަކީ އޭނާގެ އަމިއްލަ އާޓް ގެލެރީއެއް ހުޅުވައި އެތަން ހިންގާ ދުވަސް ހަގީގަތަށް ވާ ދުވަހެވެ. އަދި އެ އާޓް ގެލެރީއަކީ އޭނާގެ އާޓުގެ އިތުރުން އަރަމުން އަންނަ އާޓިސްޓުންނަށް ފުރުސަތު ހޯދައިދޭނެ ތަނަކަށް ހެދުމަކީ ވެސް އޭނާ ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނުގެ ބައެކެވެ.
ނަމަވެސް މި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އާޓިސްޓަކަށް ގިނަ ކަންތައްތަކެއް ކަޑައްތު ކުރަން ޖެހެއެވެ.
View this post on Instagram
"އާޓިސްޓަކަށް އެންމެ އުނދަގޫ އެއް ކަމަކީ މުޖުތަމައުގެ ފަރާތުން ރިސްޕެކްޓް އަދި ސަމާލުކަން ހޯދަން. ގިނަ ފަހަރަށް ހަމަ ކުރާ މަސައްކަތަށް ޑީވެލިއު ކުރުމަކީ ގިނަ ފަހަރަށް ހުރިހާ އާޓިސްޓުން ތަހައްމަލު ކުރަން ޖެހޭ ކަމެއް. މިއީ ރާއްޖޭގެ އިތުރުން ވެސް އެހެން ސަރަހައްދުތަކުގައި ވެސް ދިމާވާ މައްސަލައެއް،" ރާއިފް ކިޔައިދިނެވެ.
އަދި އޭގެ އިތުރުން އާޓިސްޓުންނަށް ބޭނުންވާ ތަކެތި ހޯދުމަކީ ވެސް ރާއްޖޭގައި ބައެއް ފަހަރު ދިމާވާ ވަރަށް ބޮޑު އުނދަގުލެކެވެ. މިއީ ގިނަ އާޓިސްޓުންތަކެއް ޑީމޯޓިވޭޓްވެސް ވާ ކަމެކެވެ. އެކަމަކު މި މައްސަލަތައް މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް ރާއިފް ފާހަގަކުރިއެވެ. އެހެންވީމާ މަލަމަތި އެއްކޮށް ބަނައެއް ނޫނެވެ.
View this post on Instagram
ދަތިތަކާއި ފިއްތުންތަކާއެކުގައި ކުރިއަށް ދިޔުމަކީ ރާއިފްގެ ވިސްނުމެވެ. އަދި އާޓިސްޓުންނަށް ވާން ބޭނުންވާ އެހެން މީހުންނަށް ވެސް ރާއިފް ދޭ ނަސޭހަތަކީ އެއީއެވެ. ހިތްވަރު އެލުވައި ނުލައި ވީހާވެސް ގިނައިން ޕްރެކްޓިސް ކުރުމަކީ އިތުރަށް ކުރިއަށް ދިޔުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ރާއިފް ކިޔައިދެއެވެ. އެއީ ކޮންމެ ލެވެލްއެއްގެ ހުރި އާޓިސްޓަކަށް ވެސް ޕްރެކްޓިސް އާ އެކު ވަރަށް ކުރިއަށް ގޮސް ހުނަރު އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަކީ ކުރެވޭނެކަމެއް ކަމަށް ރާއިފް ޔަގީކަން ދެއެވެ.