ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު ހޭދައެއް، ހިއްސާ ބޮޑީ ދަތުރުފަތުރުގެ ދާއިރާގެ ތަރައްގީއަށް

އެމްޓީސީސީ ފެރީތަކެއް -- ފޮޓޯ/ އެމްޓީސީސީ

މި އަހަރު ވެސް ތަރައްގީގެ މަޝްރޫތަކުގެ ތެރެެއިން ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށް ބޮޑު ހޭދައެއްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މި އަހަރު، މިދިޔަ މަހުގެ 27ގެ ނިޔަލަށް ތަރައްގީގެ (ޕީއެސްއައިޕީ) މަޝްރޫތަކަށް 6.1 ބިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާގެ ތަރައްގީއަށެވެ. އެއީ 1.8 ބިލިއަން ރުފިޔާއެވެ.

އޭގެ ތެރޭގައި ބަނދަރު ތަރައްގީކުރުމަށް 776 މިލިއަން ރުފިޔާގެ ޚަރަދެއް ހިނގައިފައިވާއިރު، ބްރިޖުތަކުގެ މަސައްކަތަަށް 595 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއާޕޯޓުތައް ތަރައްގީކުރުމަށް 477 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މިދިޔަ އަހަރު ޕީއެސްއައިޕީގެ މަޝްރޫތަކަށް ޖުމްލަ 8.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވީ ނަމަވެސް އަހަރު ނިމުނު އިރު ހޭދަކޮށްފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ވެސް އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެގޮތުން 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގައިފައިވެއެވެ.

ސަރުކާރުން ބުނި ގޮތުގައި އަންނަ އަހަރު އަލަށް މަޝްރޫތައް ފަށަން އިސްކަން ނުދޭނެއެވެ. އޭގެ ބަދަލުގައި އިސްކަން ދޭނީ މިހާރު ފަށައިފައި ހުރި މަޝްރޫތައް ނިންމަންކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް