ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ތިން ވަނަ ފަހަރަށް ދިފާއުކޮށްފި

ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ)ގެ އެންމެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއިން ތިން ވަނަ ފަހަރަށް ދިފާއުކޮށްފިއެވެ.

އޮމާންގެ ވެރިރަށް މަސްކަޓްގައި މިރޭ ބޭއްވި، 29 ވަނަ ވޯލްޑް ޓްރެވެލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާ ރަސްމިއްޔާތުގައި ރާއްޖެއަށް ލިބުނު ލީޑިން ޑެސްޓިނޭޝަން އެވޯޑާ ހަވާލުވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދެވެ.

އެ އެވޯޑް ރާއްޖެއިން ހާސިލު ކުރީ 18 ގައުމަކާ ވާދަކޮށްގެންނެވެ. އެއީ އާޖެންޓީނާ، ބްރެޒިލް، ޗިލީ، ކޮލޮމްބިއާ، ކޯސްޓަރީކާ، ދުބާއީ، ގްރީސް، އިންޑިއާ، އިންޑޮނޭޝިއާ، ޖަމައިކާ، ކެންޔާ، މެކްސިކޯ، ނިއު ޒިލެންޑް، ޕޯޗުގަލް، ދެކުނު އެފްރިކާ، ސްޕެއިން، އެމެރިކާ އަދި ވިއެޓްނާމްއެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް މި އެވޯޑް ހާސިލުކުރުމަށް ފަހު، ރާއްޖެއަށް ތިން ވަނަ ފަހަރަށް މި އެވޯޑް ލިބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަ ކުރަމުން ދަނިކޮށެވެ.

ޑަބްލިޔުޓީއޭގައި މިރޭ ރާއްޖެއަށް އިތުރު އެވޯޑްތަކެއް ވެސް ލިބިފައިވެއެވެ. އެގޮތުން ލީޑިން ޓޫރިޒަމް ބޯޑް އެވޯޑު އެމްއެމްޕީއާރުސީއަށް ލިބިފައިވެއެވެ. އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ވަނީ ވޯލްޑް ލީޑިން ސީޕްލޭން އޮޕަރޭޓާ އެވޯޑް ލިބިފައެވެ.

ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން އެވޯޑަށް ރާއްޖެ ނޮމިނޭޓްވުމާ ގުޅިގެން، މީގެ ކުރިން އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ދަތިތަކާ އެކުވެސް، ވޭތުވެދިޔަ ދެ އަހަރު ރާއްޖެއިން މި ލަގަބު ކާމިޔާބުކޮށްފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ބައިވެރިންގެ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމުގެ ސަބަބުންކަން ޔަގީން ކަމަށެވެ.

މީގެ އިތުރުން މި އަހަރަކީ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ކަމުން، ތިންވަނަ ފަހަރަށް މި އެވޯޑް ހާސިލްކުރުމަކީ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން, އިތުރަށް ވަރުގަދަވާނެ ފަދަ ކާމިޔާބީއެއްކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.

ޑަބްލިޔުޓީއޭގެ އެވޯޑްތަކަކީ ދުނިޔޭގެ ޓޫރިޒަމްގެ އިތުރުން ދަތުރުފަތުރުގެ ސިނާއަތުގައި ވެސް އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކެވެ.

comment ކޮމެންޓް