ޓެކްސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) ގެ ކަންޓްރީ އެންގޭޖްމަންޓް ޕްރޮގްރާމް ފެށުމުގެ ގޮތުން ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ޔޫއެންޑީޕީ އާއި ފިނޭންސް މިނިސްޓްރީ އާއެކު ކޯޕަރޭޝަން އެގްރިމެންޓެއްގައި ސޮއިކޮށްފިއެވެ.
އެގޮތުން ދެ އަހަރުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ މި ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ކޯޕަރޭޝަން އެގްރީމެންޓުގައި ސޮއި ކުރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވަނީ ޒަމާނާއެކު ޓެކްސްގެ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރާއްޖެއަށް މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ފަތުހުﷲ ފާހަގަ ކުރެއްވި ގޮންޖެހުން ތަކުގެ ތެރޭގައި، ޑިޖިޓަލައިޒްޑް ގްލޯބަލް އިކޮނޮމީގެ ތެރެއިން ޓެކްސްގެ ނިޒާމަށް އަންނަ ގޮންޖެހުންތަކާއި، ޖެންޑާ ބޭސްޑް ޓެކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ ބޭރުން ހިންގާ ވިޔަފާރިތައް ޓެކުހުގެ ނިޒާމުގެ ތެރެއަށް ވެއްދުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ.
ފަތުހުﷲ ވިދާޅުވީ ޓެކްސްގެ ނިޒާމް ހަރުދަނާކުރުމަށާއި އިޤްތިސާދީ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޔޫއެންޑިޕީގެ ފަރާތުން ފޯރުކޮށްދެމުންދާ މާލީ އަދި ފަންނީ ލަފަޔާއި އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ޓެކްސް ފޯ އެސްޑިޖީ ޕްރޮގްރާމްގެ ތެރެއިން ޓެކްސް ނިޒާމަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައް ގެނެސް، ގުޅުންހުރި އިދާރާތައް ތަރައްގީކުރެވިގެންދާނެކަމަށް މީރާއިން ބުންޏެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ޖުމްލަ ދެ ކަމެއް ހާސިލް ކުރުމަށް މީރާއިން ވަނީ އަމާޒު ހިފާފައެވެ.
އެގޮތުން އެއީ ޑޭޓާ ގަވަނެންސް ފްރޭމްވޯކެއްގެ ތެރެއިން ޓެކްސްގެ މަސައްކަތް ޑިޖިޓަލައިޒްކުރުމާއި އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އެކުލަވައިލުމެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މީރާ، ޔޫއެންޑީޕީ އަދި ފިނޭންސް މިނިސްޓްރީގެ ބައިވެރިންނާއެކު ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.