ރާއްޖޭގެ ތަރައްގީގެ މަގު ބައްޓަންކުރުމުގައި ޔޫއެންޑީޕީގެ ދައުރު ވަރަށް ބޮޑު: ރައީސް

ޔޫއެންޑީޕީއަށް ރާއްޖޭގައި 45 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މަގު ބައްޓަންކުރުމުގައި ޔޫއެންޑީޕީގެ ދައުރު ވަރަށް ބޮޑު ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ތަރައްގީގެ މަގު ބައްޓަންކުރުމުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް (ޔޫއެންޑީޕީ) ގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ޔޫއެންޑީޕީއަށް ރާއްޖޭގައި 45 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު ވަޒީރުންނާއި ޔޫއެންޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި 45 އަހަރަކީ ދިވެހިރާއްޖެއާއި އދ.ގެ ގުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޔޫއެންޑީޕީގެ އެއްބާރުލުމަކީ ދިވެހި ރައްޔިތުންގެ އުއްމީދުތައް ފުރިހަމަވެ، ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ލިބުނު ވަރަށް މުހިންމު އެއްބާރުލުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔޫއެންޑީޕީއަށް ރާއްޖޭގައި 45 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ/ ރައީސް އޮފީސް

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއާއި ޔޫއެންޑީޕީގެ ޕާޓްނާޝިޕާއެކު ދެމެހެއްޓެނިވި ތަރައްގީ ގެނެވި، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކުރިއެރުމަށް ފުރުސަތު އެބައޮތެވެ. އަދި އެ ޕާޓްނާޝިޕްގެ ސަބަބުން އިގްތިޞާދީ ގޮތުން އެންމެ ކުޑަކޮށް ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން، ޒަމާނީ، ހަރުދަނާ، އަދި ކުރިއަރާފައިވާ ގައުމަކަށް ރާއްޖެ ބަދަލުވެފައިވާކަން ފާހަގަކުރެއްވިއެވެ.

ޔޫއެންޑީޕީގެ ކަންޓްރީ އޮފީހެއް 1978 ވަނަ އަހަރު ރާއްޖޭގައި ހުޅުވި ފަހުން، އެއީ ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ ދަތުރުގައި އަބަދުވެސް ހަރަކާތްތެރިވަމުން އަންނަ ބައެއް. 2011 ވަނަ އަހަރު ރާއްޖެ އެންމެ ކުޑަކޮށް ކުރިއަރާފައިވާ ގައުމެއްގެ ދަރަޖައިން މައްޗަށް ދިޔުމަށް ޔޫއެންޑީޕީގެ މާހިރުންގެ އެއްބާރުލުން ލިބުނު، ރައީސް ޑރ. މުހައްމަދު މުއިއްޒު

އަދި ޔޫއެންޑީޕީއާއެކު އޮތް ގުޅުމާއެކު ތަރައްގީގެ އަސާސީ ބޭނުންތަކަށް ހައްލު ހޯދުމުގެ އެންމެ ކުރީ ކޮޅުން ފެށިގެން، މޫސުމަށް އަންނަ ބަދަލުތަކާއި، އިގްތިސޯދީ ތަފާތުކުރުމާއި، އިޖްތިމާއީ ކަންކަމާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިންސްޓިޓިއުޝަނަލް ރިފޯމްގެ ދާއިރާއިން އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުނުކަން ވަނީ ފާހަގަކުރައްވައިފައެވެ.

ޔޫއެންޑީޕީއަށް ރާއްޖޭގައި 45 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ޑިޖިޓަލް އިގްތިޞާދާއި ދެމެހެއްޓެނިވި ތަރައްގީއަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީގެން 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަކީ ފުރިހަމަ އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައްޗަށް ވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ޔޫއެންޑީޕީ އިން ރާއްޖެއަށް ވެދީފައި އޮތް އެހީތެރިކަމުގެ ސަބަބުން ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ އެންމެ ކުޑަކޮށް ތަރައްގީވެފައި އޮތް ގައުމުތަކުގެ ލިސްޓުން ތަރައްގީ ވަމުންދާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ޔޫއެންޑީޕީން ވޭތުވެދިޔަ އަހަރުތަކުގައި ގައުމަށް ކޮށްދެއްވި ދެމެހެއްޓެނިވި އަދި އަގުހުރި ޚިދުމަތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް