ޅަދަރީންގެ އީމާންތެރިކަން ހަރުދަނާކުރެވޭ ގޮތަށް ގައުމީ މަންހަޖު ތަންފީޒުކުރަން ގޮތްތަކެއް ރާވަން ޖެހޭ: ޚުތުބާ

މާލޭގައި ކުރެވުނު ހުކުރު ނަމާދެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމުގެ ތައުލީމީ ފަލްސަފާ އާއި ގައުމީ މަންހަޖު ހަރުދަނާކޮށް ޅަދަރީންގެ ހިތްތަކުގައި އިމާންތެރިކަން ހަރުދަނާކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް، އެ މަންހަޖު ތަންފީޒުކުރެވޭނެ ގޮތްތަކެއް ރާވަން ޖެހޭ ކަމަށް މިއަދު ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ އިމާންކަމަކީ ހިތުގައި ސާބިތުވެފައިވާ ވަރުގަދަ އަގީދާއެއް ކަމަށާއި އެއީ ހިތުގައި ބިންވަޅުނެގިފައިވާ ޔަގީން ކަމެއް ކަމަށެވެ.

އިންސާނާގެ ހަގީގީ ކާމިޔާބާއި ބާއްޖަވެރިކަން ވަނީ މާތްﷲއަށް ފުރިހަމަ މާނާގައި އީމާންވުމުން، ކަމަށް ޚުތުބާގައި ބުންޏެވެ.

"އީމާންކަމަކީ އިސްލާމްދީނުގެ އަސާސް. ދުނިޔަވީ ހަޔާތުގެ އުފަލާ އަރާމާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނީ އިމާންކާން ވަރުގަދަކޮށް އަދި ހަރުދަނާކޮށްގެން،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ކިޔަވާ ކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަ ވާނެ ގޮތްތަކަކަށް ވިސްނަން ޖެހޭ ކަމަށެވެ.

އެގޮތުން ގައުމީ ފަލްސަފާ އާއި ގައުމީ މަންހަޖު ހަރުދަނާކޮށް ޅަދަރީންގެ ހިތްތަކުގައި އިމާންތެރިކަން ހަރުދަނާކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް، އެ މަންހަޖު ތަންފީޒުކުރެވޭނެ ގޮތްތަކެއް ރާވަންޖެހޭ ކަމަށް މިއަދުގެ ޚުތުބާގައި ބުންޏެވެ.

އިސްލާމީ އުއްމަތް ބިނާކޮށް ތަރައްގީ ކުރުމުގައި ޒުވާންނުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށްވާއިރު، އެމީހުންނަށް ދެވޭ ތަރުބިއްޔަތާއި ތައުލީމުގެ މިސްރާބު ހުރި ނެތްގޮތް ވަޒަންކޮށްލަން ޖެހޭ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނި ގޮތުގައި މިއަދުގެ ޒުވާނުންނަކީ ކުރިމަގުގައި ގައުމު އާރާސްތުކޮށް ސަލާމަތުގެ އައްސޭރިއަށް ގައުމު ގެންގޮސްދެވޭނެ ބައެއްތޯ ސުވާލުކޮށްލުން މުހިއްމެވެ.

ގައުމުގެ އާބަދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމުގައި ވާއިރު، ބައެއް ޒުވާނުން ދީނާ ދުރުވެ ރިވެތި އަޚުލާގީ ސިފަތަކުން ދުރުހެލިވެފައިވުމަކީ ހިތާމަހުރި ކަމެއް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

މިއަދުގެ ޚުތުބާގައި ބުނީ މުސްލިމުންގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަން ޖެހޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ކަމަށެވެ.

އެހެންކަމުން ގޭގެ މާހައުލާއި ސްކޫލުތަކުގެ މާހައުލަކީ ވެސް ދަރިވަރުންގެ އިމާންކަމާއި އަގީދާ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ބާރުއަޅާ ތަންތަނަށް ވާން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ ޅަދަރީންގެ ތައުލީމާއި ތަރުބިއްޔަތުގައި ގެއާއި މަދަރުސާތަކުގެ ހިއްސާ ބޮޑުކަމުން ކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުންޏެވެ.

ހަގީގީ މާނާގައި މާތްﷲއަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރުތަކާއި ބާއްޖަވެރިކަމުގެ އިހުސާސްތައް އުފައްދާ ކަމެއް ކަމުގައި ޚުތުބާގައި ބުންޏެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ހަގީގީ އީމާންކަމަކީ މާތްﷲގެ ކިޔަމަންތެރިކަމުގެ ތެރެއަށް އިންސާނާއަށް ވަދެވޭ ކަމެއް ކަމަށެވެ. އަދި ނަހީކުރެއްވި ކަންކަމާ އެކަހެރިވެ ދުރުހެލިވެވޭ ކަމެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް