ރޭ މ. ނިރުފެހީގައި ރޯވި އަލިފާންގަނޑުގެ ސަބަބުން މަރުވި 10 މީހުންގެ ތެރެއިން ހަތް މީހުންނަކީ އިންޑިއާ މީހުންކަން ކަށަވަރުވެއްޖެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދެންމެ ކުރި ޓުވީޓެއްގައިވާ ގޮތުން، އެ ހާދިސާގައި މަރުވި ހަތް މީހަކު ނިސްބަތް ވަނީ އިންޑިއާއަށްކަން ދިވެހި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އެ ކޮމިޝަނަށް އަންގައިފައެވެ.
ހައި ކޮމިޝަނުން އިތުރަށް ބުނީ މަރުވި މީހުންގެ އާއިލާތަކާ އެ ކޮމިޝަނުން ވާހަކަދައްކަމުންގެންދާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކަކަކީ ކާކުކަން ޔަގީން ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިރުކޮޅެއް ކުރިން އެ ކޮމިޝަނުން ވަނީ، އެ ހާދިސާގެ ސަބަބުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ މީހުންނާ ހައި ކޮމިޝަނަރު މުނޫ މަހާވަރު ބައްދަލުކުރައްވާފައިވާ ކަަމަށް ބުނެފައެވެ. އެ މީހުންނަށް ވެދެވެން އޮތް އެހީއެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ހައި ކޮމިޝަނަރު ދެއްވި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ހަމައެއާއެކު، ވަގުތީ ހިޔާގައި ތިބި މީހުންނަށް ދިވެހި ސަރުކާރުގެ އިދާރާތަކާއި އެންޖީއޯތަކާއި އާންމު ރައްޔިތުން ވަމުންދާ އެހީއަށް އެ ކޮމިޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ދެ ޖިންސުގެ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި އިންޑިއާގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ ބަޔަކު ހިމެނޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެ ހާދިސާ ހިނގީ ގްރައުންޑް ފްލޯގައި ގަރާޖެއް ހުންނަ އަދި މަތީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިތަކެއް ހަދާފައިވާ އިމާރާތެއްގައެވެ. އެ އިމާރާތުގައި 38 ބިދޭސީން އުޅެމުންދިޔައިރު އެ މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ އިމާރާތުން ޖުމްލަ 28 މީހަކު ސަލާމަތްކޮށްފައިވާއިރު، މިވަގުތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބެލުމުގެ ދަށުގައި ތިބީ އޭގެ ތެރެއިން މަދު ބަޔެކެވެ.