ޖަކާޓާ (10 ނޮވެމްބަރު 2022) : އަންނަ ހަފުތާގައި އިންޑޮނީޝިއާގެ ބާލީގައި ފެށުމަށް ހަމަޖެހިފައިވާ ޖީ 20 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ކަމަށް އެގައުމުން ބުނެފިއެވެ.
އިންޑޮނީޝިއާގައި ހުންނަ ރަޝިއާގެ އެންބަސީގެ ޕްރޮޓޯކޯލްއާބެހޭ ވެރިޔާ ޔޫލިއާ ތޯމަސްކާޔާ ވިދާޅުވިގޮތުގައި ޖީ 20 ގެ ސިމިޓަށް ވަޑައިގަތުމަށް އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯގެ ފަރާތްޕުޅުން ރައީސް ވްލަދިމީރު ޕޫޓިންއަށް ދައުވަތު ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެ ސަމިޓްގައި ބައިވެރިވާ ރަޝިއާގެ ވަފްދުގެ ވެރިއަކަށް ހުންނަވާނީ ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ކަމަށް ރައީސް ޕޫޓިން ނިންމެވީއެވެ.
ޔޫލިއާ ވިދާޅުވިގޮތުގައި ޖީ 20 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ ބައެއް ސެޝަންތަކުގައި ނޫނީ ސެޝަނެއްގައި ރައީސް ޕޫޓިން ވާޗުއަލްކޮށް ބައިވެރިވެވަޑައިގަތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
އިންޑޮނީޝިއާއިން ބުނެފައިވާގޮތުން މިސަމިޓްގައި ރަޝިއާ ބައިވެރި ނުކުރުމަށް އެމެރިކާ ވަނީ ވަރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކޮށްފައެވެ. ނަމަވެސް އެއްގައުމެއް އެކަހެރި ކުރުމަށް އަނެއް ގައުމަށް އަމުރު ނުކުރެވޭނެތީ އެމެރިކާގެ އެ ފިއްތުންތަކަށް ބޯނުލަނބާނެކަން އިންޑޮނީއާގެ ރައީސް، އެމެރިކާގެ ރައީސް އަށް އެންގެވިކަމަށް އިންޑޮނީޝިއާގެ މަސްއޫލުވެރިއެއްކަމަށްވާ ޖޯދީ މަހާދީ ވިދާޅުވިއެވެ.
ޖީ20 ޖަމާއަތުގައި ހިމެނެނީ ދުނިޔޭގައި އިގްތިސާދީގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކެވެ. މީގެތެރޭގައި އެމެރިކާ، ޗައިނާ، ޖަޕާން ފަދަ ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދީ ބާރުތަކުގެ އިތުރުން އިންޑިއާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިންޑޮނީޝިއާ، ރަޝިއާ، ބްރަޒީލް، ސައޫދީ އަރަބިއާ، ތުރުކީ، މެކްސިކޯ އަދި އިޓަލީ ފަދަ ގައުމުތައްވެސް ހިމެނެއެވެ.
ދުނިޔޭގެ ޖިޑީޕީގެ ގާތްގަނޑަކަށް 70 އިން ސައްތަ ހިއްސާކުރަނީ ޖީ20 ގެ ގައުމުތަކުންނެވެ. ޔުކްރެއިން އަކީ ޖީ 20 ގެ ގައުމަކަށް ނުވިނަމަވެސް އިންޑޮނީޝިއާއިން ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ އަށް ޖީ 20 ގެ ސަމިޓަށް ދައުވަތު އެރުވިއެވެ. އެއީ ސަމިޓް ބާއްވާ ގައުމަކުން ބޭނުންވާ އިތުރު ގައުމެއް ސަމިޓްގައި ބައިވެރިކުރެވޭގޮތަށް އޮންނާތީއެވެ. ނަމަވެސް ޒެލެންސްކީ ވަނީ ސަމިޓްގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމަވާފައެވެ.
ޖީ20 ގެ ސަމިޓް ފެށޭނީ މިމަހުގެ 15 ވާ އަންގާރަ ދުވަހުއެވެ. ނިމޭނީ 18 ވާ ހުކުރުދުވަހުއެވެ.