ނުރައްކާތެރި ހާދިސާތައް މަދުކުރެވޭނީ ތޮއްޖެހުން ކުޑަކޮށްގެން، އެކަން ކުރާނަން: ރައީސް

ރައީސް ޞާލިހް ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާއާ ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: މުޙައްމަދު ހައްޔާން

ނުރައްކާތެރި ހާދިސާތައް މަދުކުރެވޭނީ ތޮއްޖެހުން ކުޑަކޮށްގެން ކަމަށާއި އެ ކަމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހީ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދު ބައްލައިވައިލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގަރާޖުތަކާއި ވޯކްޝޮޕްތައް ރަށުތެރެއިން، ބަދަލުކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމެކެވެ.

"މީގައި ކުރަންޖެހޭނެ ކަމަކީ، އެންމެ މުހިންމު ކަމަކީ މާލޭގައި ތޮއްޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދުން. އެއާއެކީގައި ގަރާޖުތަކާއި ވޯކްޝޮޕްތަކާއި އެ އެއްޗެހި މީހުން ދިރިނޫޅޭ ވަކި ސަރަހައްދަކަަށް ގެންދިއުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ގުޅީފަޅާއި ތިލަފުށީގައި ކަނޑައެޅިފައިވާ ސަރަހައްދުތަކަށް އެ ތަންތަން ބަދަލުކުރުންކަމަށެވެ. އަދި އެ މަސައްކަތަކީ ލަސްވެފައިވާ ކަމެއް ކަމަަށް ވިދާޅުވިއެވެ.

"މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މައްސަލައެއްް މި މައްސަލައަކީ،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރޭ ހިނގައިދިޔަ ހާދިސާއާ ގުޅިގެން ވަގުތުން ވަގުތަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށްފަހު އެ ކަންކަން ހިއްސާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މީގެ ތިން އަހަރު ކުރިން ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ވެސް ގިނަ ކަންތައްތަކެއް އިސްލާހުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

ރައީސް ޞާލިޙް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: މުޙައްމަދު ހައްޔާން

"އެހާތަނަށް އައިއިރު ކެމިކަލް ގުދަންތައް ހުރީ ގޭގެ ތިރީ ބަޔާއި، ފިހާރަތަކުގެ ތެރޭ. އެހެން ނަމަވެސް އެ ހާދިސާއާ ގުޅިގެން އަޅުގަނޑުމެން ވަގުތުން ފިޔަވަޅުތަކެއް އަޅައި، މާލޭގައި ހުރި ކެމިކަލް ގުދަންތައް ބަދަލުކުރުމުގެ މަސައްކަތް ކުރެވުނު. މިހާރަކު މާލޭގައެއް ހުރެގެންނެއް ނުވާނެ ކެމިކަލް އެއްވެސް ގުދަނެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ ހާދިސާއަށްފަހު ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް ބަހައްޓާނެ ގުދަންތައް ވަނީ ކ.ތިލަފުށީގައި ގާއިމްކޮށްފައެވެ. ހަމައެއާއެކު ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު މުރާޖައާ ކުރައްވައި ތަންފީޒު ކުރުން ވެސް ހިމެނެއެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި 10 ބިދޭސީން ފިހިގެން މަރުވެފައިވާއިރު ގަރާޖުތައް ރަށު ތެރެއިން ބޭރަށް ގެންދިއުމުގެ ވާހަކައަކީ ޒަމާންވީ ކަމެކެވެ. އެ ވާހަކަތައް ދައްކާތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް އަމަލީ ސިފައެއް މިހާތަނަށް ގެނެވިފައެއް ނުވެއެވެ.

comment ކޮމެންޓް