ދައުވާ ކުރެވޭވަރަށް ހެކި ނެތުމުން ޝިފާގެ މައްސަލަ ފައިލްކޮށްފި

ޓިކްޓޮކް ތަރި މަރިޔަމް ޝިފާ: އޭނާގެ މައްސަލަ ވަނީ ފައިލްކޮށްފަ --- ފޮޓޯ/ އިންސްޓަރާމް

ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތުމުން، ފިލްމީ ތަރި މަރިޔަމް ޝިފާގެ މައްސަލަ ފުލުހުން ފައިލްކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މަޝްވަރާއަށް ފޮނުވިކަމަށެވެ.

"މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށް ޕީޖީއިން ނިންމުމުން އެ މައްސަލަ ވަނީ ފައިލްކޮށްފަ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހު ފުލުހުން ވަނީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޝިފާގެ ޕާސްޕޯޓު ވެސް ހިފައްޓާފައެވެ.

ޝިފާ ކަމަށް ބެލެވޭ މީހަކާއި އިތުރު އަންހެނަކު، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މީސް މީޑިގައި ވަނީ އާންމުކޮށްފައެވެ.

އެ ވީޑިއޯ އާއްމު ވުމާއެކު ފުލުހުން ވަނީ ވީޑިއޯގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް ބަލަމުން އަންނަ ކަމަށް ބުނި މައްސަލައިގެ އިތުރު ތަފުސީލެއް މިއަދާ ހަމައަށް ވެސް ހާމައެއް ނުކުރައްވައެވެ.

ވީޑިއޯ މައްސަލައިގައި ޝިފާ މަސައްކަތް ކުރަމުން އަންނަ ނަށާ ގްރޫޕުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ. އެ ގްރޫޕަކީ ފިލްމީތަރި ޖާދުﷲ އިސްމާއީލާއި އިތުރު ބަޔަކު ގުޅިގެން ހިންގާ ޑާންސް ގްރޫޕެކެވެ.

comment ކޮމެންޓް