ޗާގޮސް މައްސަލައިގައި ސަރުކާރުގެ ވިސްނުން ހިއްސާ ނުކުރޭ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށް ގެންގޮސްފައިވާ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ ގުޅޭ ބައެއް މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ ގޮތުން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫމަތު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވި ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ޗާގޮސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ސިޓީ އާއި ޗާގޮސް މޮރިޝަސްއާ ހަވާޅުކުރުމަށް ގޮވާލާ ގަރާރަށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހަށް މިހާތަނަށްވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި ސަރުކާރުން ނަގަމުން އައި ސްޓޭންޑް ބަދަލުވެއްޖެކަން ހަބަރުތަކުން އެނގޭ ކަމަށާއި، މައްސަލަ ދިރާސާކުރުމަށް އެޓާނީ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށް އެދި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެޓާނީ ޖެނެރަލް އޮފީހަށް މިއަހަރުގެ ފެބްރުއަރީ މަހު ދެ ސިޓީއެއް ފޮނުވި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ސިޓީތަކުގެ ޖަވާބުގައި ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއާރާ ސަރަހައްދާ ގުޅޭ ގޮތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މައުލޫމާތު ހިމަނައި ދެ ސިޓީއެއް އެޓާނީ ޖެނަރަލްގެ އޮފީހުން މަޖިލީހަށް ފޮނުވިކަމަށް މަޖިލީހުން ބުނެފައިވެއެވެ.

އެ ސިޓީގައި، ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ކަންކަމަކީ އެ މައްސަލައިގެ އަޑުއެހުން ބޭއްވުމާ ހަމައަށް ސިއްރު ހިފަހައްޓަންޖެހޭ ކަންކަން ކަމަށާއި އެ ތަފުސީލުތައް ހާމަނުކުރުމަށް ރާއްޖެ ތަމްސީލުކުރުމަށް އައްޔަންކުރި ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ލަފާދީފައިވާ ކަމަށް ލިޔެފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އެއަށް ފަހު މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މޮރިޝަސްއިން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާ އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ޗާގޮސް, ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފައި ވީނަމަވެސް، މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެއެވެ.

އދ.އިން 2019 ވަނަ އަހަރު އެނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ އެގަރާރާ ދެކޮޅަށެވެ.

މައްސަލައިގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވުމުންނެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް ރިފްއަތު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކުޑަ މިންވަރެއް އުނިކުރުމަށް ވެސް ދިވެހި ދައުލަތުން ވަކާލާތުކޮށްފައިނުވާނެ ކަމަށާއި، މައްސަލަ ވެސް މޮރިޝަސްއާ އެއްކޮޅަށް ނުނިމޭނެ ކަމަށް ބެލެވޭ ކަމަށެވެ.

comment ކޮމެންޓް