ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބަހުގެ ޚިދުމަތް ދިނުމަށް އައު ބަސް ރޫޓެއް

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަލަށް ގެނައި ބަސްތައް، މި ބަސްތައް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މާލެއާއި، ހުޅުމާލޭ ދެވަނަ ފިޔަވައްސާ ދެމެދު --- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އާރްޓީއެލްގެ ބަހުގެ ޚިދުމަތް ދިނުމަށް އައު ރޫޓެއް އެމްޓީސީސީއިން ކަނޑައަޅައިފިއެވެ.

އެގޮތުން އެމްޓީސީސީއިން ނިންމާފައިވަނީ މި މަހުގެ 11ވަނަ ދުވަހުން ފެށިގެން R5ގެ ނަމުގައި އައު ރޫޓެއް ތައާރަފް ކުރުމަށެވެ. އެ ރޫޓުން ގުޅުވައި ދެނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނުމަގު ސަރަހައްދުން، މެއިން ބަސްރޫޓާއެވެ. މެއިން ބަސްރޫޓް ހުންނަނީ ނިރޮޅުމަގުގައެވެ.

މި ރޫޓްއިން ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން އިރުއޮއްސި 18:00 އަށް ޙިދުމަތްދޭން ނިންމާފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ކޮންމެ 15 މިނެޓަކުން މިރޫޓްގެ ކޮންމެ ބަސް ސްޓޮޕަކުން ޚިދުމަތް ދޭން ނިންމާފައިވާއިރު، ހުކުރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް މި ޙިދުމަތް މެދުކެނޑޭނެއެވެ.

މި ބަސް ރޫޓްގެ ޙިދުމަތުގެ އަގަކީ ފަސް ރުފިޔާއެވެ. ޓިކެޓް އާރްޓީއެލްގެ ވެބްސައިޓް އަދި އެޕްލިކޭޝަންއިން ނެގޭނެއިރު، ކިއުއާރް ޓިކެޓް ނެގުމަށްޓަކައި އާރްޓީއެލްގެ ޔޫޓިއުބް އަދި އާރްޓީއެލްގެ މީސް މީޑިޔާގެ މަންސަތަކުގެ އެހީގައި ނެގޭނެއެވެ.

އާރްޓީއެލްގެ ޚިދުމަތްތަކުން 65 އަހަރުން މަތީގެ ބޭފުޅުންނަށާއި ތިން އަހަރުން ދަށުގެ ކުދިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ހިލޭ ދަތުރުކުރެވޭނެއެވެ.

މި ބަސްރޫޓާއެކު ގްރޭޓާރ މާލެ ސަރަހައްދުގައި މިވަގުތު 12 ރޫޓެއް އެމްޓީސީސީއިން ވަނީ ތާވަލްކޮށްފައެވެ.

comment ކޮމެންޓް