ނޭޕާލަށް ބާރުގަދަ ބިންހެލުމެއް، ހަ މީހުން މަރުވެއްޖެ

ނޭޕާލަށް 6.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރޭ ދަންވަރު އައި މި ބިންހެލުމުގައި ހަ މީހަކު މަރުވެ އިތުރު އެތަކެއް ބައެއްގެ ގެތައް ވަނީ ބިމާ ހަމަވެފައެވެ.

އެގައުމުގެ ސެެއިސްމޮލޮޖިކަލް ސެންޓަރ އިން މި ބިންހެލުމަކީ 6.6 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށް ނިންމާފައިވީ ނަމަވެސް، ޔޫރަޕިއަން-މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އިން ލަފާކޮށްފައިވާގޮތުގައި މިއީ 5.6 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެކެވެ.

ނޭޕާލަށް މި ބިންހެލުން އައިސްފައިވަނީ އިންޑިއާގެ އަވަށްޓެރި އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ޕީލީބީތުގެ އިރު އުތުރުން ގާތްގަނޑަކަށް 158 ކިލޯމީޓަރު ދުރުންނެވެ. މި ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިން ކަމަށް އީއެމްއެސްސީއިން ބުނެއެވެ.

މީގެ އިތުރުން މި ބިންހެލުމުގައި ފަސް މީހަކަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ. އަނިޔާ ލިބުނު މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް އެގައުމުގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ.

މި ބިންހެލުމުގެ ސަބަބުން އެ ގައުމުގައި ތިބި ދިވެހިންނަށް އަސަރު ނުކުރާ ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ނޭޕާލަށް 2015 ވަނަ އަހަރު އައި ބިންހެލުމުގައިވެސް 9000އަށް ވުރެ ގިނަ މީހުން މަރުވެ އެގައުމުގެ އިގްތިސާދަށް ހަ ބިލިއަން ޑޮލަރުގެ ގެއްލުން ވިއެވެ.

comment ކޮމެންޓް