ހިންމަފުށީ ސިއްހީ މަރުކަޒު ތަރައްގީކުރަން ޖަޕާނުން 2.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި

ހިލޭ އެހީގެ އެއްބަސްވުމުގައިި ސޮއިކުރުން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ކ. ހިންމަފުށީ ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކުރަން ޖަޕާނުން ހިލޭ އެހީ ދީފިއެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން އެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ގައުމުގެ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ)ގެ ދަށުންނެވެ.

އެ ޕްރޮޖެކްޓުގެ ދަށުން އެ ރަށު ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކުރަން 174،230 ޑޮލަރުވަނީ ހިލޭ އެހީގެ ގޮތުގައި ދީފައެވެ.

އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު ޖަޕާނުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު މިޑޯރީ ޓަކޭޗީއެވެ. ހިންމަފުށީ ސިއްހީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެ މަރުކަޒުގެ ސީނިއާ ހެލްތު އެޑްމިނިސްޓްރޭޓަރު އަބްދުﷲ ޝަފީއުއެވެ.

ހިލޭ އެހީގެ އެއްބަސްވުމުގައިި ސޮއިކުރި ހަފްލާގައި ހިންމަފުށީ ކައުންސިލާއި ހެލްތު މިނިސްޓްރީގެ ވެރިން އަދި އެމްބެސެޑަރު -- ފޮޓޯ/ ހެލްތު މިނިސްޓްރީ

އެ އެއްބަސްވުމުގެ ދަށުން އެމަޖެންސީ ރޫމަކާއި، ލެބޯޓަރީއެއްގެ އިތުރުން އެކްސްރޭ ރޫމެއް ތަރައްގީކުރާނެއެވެ. އަދި ދެ ކޮންސަލްޓޭޝަން ރޫމް ވެސް އަލަށް ތަރައްގީކުރާނެއެވެ.

މި ޚިދުމަތްތައް ގާއިމްކުރުމުން ލެބޯޓަރީ އާއި ރޭޑިއޮލޮޖީގެ ޚިދުމަތް ލިބޭނެއެވެ.

ޖީޖީޕީއަކީ ޖަޕަނީޒް އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ދަށުން ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓުގެ ތެރެއިން އިޖްތިމާއީ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެގޮތުން ސިއްހީ ޚިދުމަތްތަކާއި ތައުލީމީ ޚިދުމަތްތަކުގެ އިތުރުން ދަތުރުފަތުރުފަދަ ދާއިރާތައް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ހަމައެއާއެކު ހަކަތަ އުފެއްދުމުގައި ދެމެހެއްޓެނިވި ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދަން ވެސް އެހީތެރިވާނެއެވެ.

comment ކޮމެންޓް