ޗެމްޕިއަންސް ލީގް ގަދަ 16ގައި ލިވަޕޫލް، ރެއާލް މެޑްރިޑާ ބައްދަލުކުރަން ޖެހިއްޖެ

ޗެމްޕިއަންސްލީގު މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ލިވަޕޫލް އަދި ރެއާލް މިފަހަރު ކުޅޭނީ ގަދަ 16 ގައި-- ފޮޓޯ/ގޯލް ޑޮޓްކޮމް

ޗެމްޕިއަންސް ލީގް ނޮކްއައުޓް ސްޓޭޖްގެ ގުރުއަތު ނެގުން ނިންމާލިއިރު، އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ، ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގް ގަދަ 16ގެ ގުރުއަތުނެގުން ސްވިޒަލެންޑުގައި މިއަދު ކުރިއަށްގެންގޮސްފައިވާއިރު، އެންމެ ފާހަގަކުރެވުނީ މިދިޔަ އަހަރުގެ ޗެމްޕިއަންސްލީގު ފައިނަލުގައި ކުޅުނު އިނގިރޭސިވިލާތުގެ ލިވަޕޫލާއި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހުމެވެ. މިދިޔަ ފަހަރުގެ ފައިނަލް 0-1 ގެނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފައިވާއިރު، މިއީ ލިވަޕޫލަށް ބަދަލުހިފުމަށް ލިބޭނޭ ރަނގަޅު ފުރުސަތެކެވެ.

ޗެމްޕިއަންސްލީގުގައި މިހާތަނަށް މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު، ބޮޑަށް ބުރަވެވެނީ ރެއާލް މެޑްރިޑު ކޮޅަށެވެ. މި ދެޓީމު މިހާތަނަށް ކުޅުނު މެޗުތަކުން ރެއާލް ވަނީ ފަސް މެޗުން މޮޅުވެފައެވެ. ލިވަޕޫލް ތިން މެޗުން މޮޅުވިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޗެމްޕިއަންސްލީގް ތާރީހަށް ބަލާއިރު، ރެއާލް މެޑްރިޑަކީ މުބާރާތުގައި އެންމެ ކާމިޔާބު ޓީމެވެ. ރެއާލް މެޑްރިޑް ވަނީ ޗެމްޕިއަންސްލީގް 14 ފަހަރު ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސްލީގް ގަދަ 16ގެ ދެން އެންމެ ވަރުގަދަ މެޗެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ޖަރުމަނުވިލާތުގެ ބެޔާން މިއުނިކާއި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރާ މެޗެވެ. ޔުއެފާ ޗެމްޕިއަންސްލީގްގައި މި ދެ ޓީމު މިހާތަނަށް 11 ފަހަރު ބައްދަލުކޮށްފައިވާއިރު، މީގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީއެވެ. އަނެއް ފަސް މެޗު ކާމިޔާބުކޮށްފައިވަނީ ބެޔާން މިއުނިކެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގައި މިފަހަރު އިންގްލެންޑްގެ މެންޗެސްޓާ ސިޓީ ނިކުންނާނީ ޖަރުމަނުވިލާތުގެ އާރްބީ ލެއިޕްޒިގާއާ ދެކޮޅަށެވެ. އިޓަލީގެ އޭސީމިލާން، އިންގްލެންޑްގެ ސްޕާސްއާ ދެކޮޅަށް ނިކުންނައިރު، ޗެލްސީ ނިކުންނާނީ ބޮރޫޝިއާ ޑޯޓުމުންޑާ ދެކޮޅަށެވެ.

ގަދަ 16ގެ އިތުރު މެޗުތައް:

ބެންފީކާ – ކްލަބް ބްރޫޖް

ނަޕޯލީ – އެންތްރެޗް

އިންޓަމިލާން – ޕޯޓޯ

ޔުއެފާ ޗެމްޕިއަންސްލީގުގެ ގަދަ 16ގެ މެޗުތައް ކުޅުމަށް ތާވަލްކޮށްފައި ވަނީ ވޯލްޑް ކަޕަށް ފަހު، އަންނަ އަހަރުގެ ފެބުރުއަރީމަހުއެވެ. ފުރަތަމަ ލެގުގެ މެޗުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ މަހުގެ 14-15 އަދި 21-22 ދުވަހުގެ ރެއެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާޗްމަހުގެ 7-8 އަދި 14-15 ދުވަހުގެ ރެއެވެ.

comment ކޮމެންޓް