އިޓާލިއަން ލީގުގައި އިންޓަ މިލާން ބަލިކޮށް ޔުވެންޓަސް ފަސްވަނައަސް ޖެހިލައިފިއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އިންޓަ މިލާންއާ ދެކޮޅަށް ރޭ ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ފަސް ވަަނަ މިނެޓުގައި އިންޓަގެ ލައުޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 26 ވަނަ މިނެޓުގައި އިންޓައަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނިކޯލޯ ބަރެލާ ނެގި ކޯނަރެއް ބޮލުން އެޑިން ޒެކޯ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑީގައި ޖެހިފައި ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އިންޓައިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ބަރެލާ ހުރަސް ކޮށްދިން ބޯޅައެއް ގޯލުގެ އޭރިއާ ތެރޭގައި ޑެންޒެލް ޑަމްފްރައިސް ހުސްކޮށްހުރެ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.

އިންޓަ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް
މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ފްލިޕް ކޯސްޓިކް ތަނަވަސްކުރި ފުރުސަތަކުން އެޑްރިއެން ރޭބިއޮޓް ޖެހި ގޯލެކެވެ.
އެ ނަތީޖާއާއެކު މެޗުން ދިޔަ ނަމަވެސް މެޗުގެ ފަހު 10 މިނެޓު ތެރޭގައި ޔުވެންޓަސް އެ ޓީމުގެ ދެވަނަ ގޯލު ޖެހިއެވެ. އެ ގޯލަކީ ކޯސްޓިކްގެ އެހީއާއެކު ނިކޯލޯ ފިގްލިއޯ ޖެހި ގޯލެކެވެ.
ޔުވެންޓަސްގެ އެ މޮޅާއެކު އެ ޓީމު ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. އެ ޓީމު ފަސްވަނައިގައި އޮތީ ކުޅުނު 13 މެޗުން ލިބުނު 25 ޕޮއިންޓާއެކުއެވެ. އަދި ޔުވެންޓަސްއަށް ވުރެ އެއް ޕޮއިންޓު މަދުން ލިބިގެން އިންޓަ އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.