ޑަބްލިއުޑީސީ މެމްބަރުން އިސްތިއުފާދޭ ސަބަބުތައް ހޯދަން ދިރާސާއެއް ކުރަނީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ގުނުން ކުރިއައްދަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން

ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން އަވަސް އަވަހަށް އިސްތިއުފާ ދޭ ސަބަބުތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތައް ގުޅިގެން ދިރާސާއެއް ކުރަމުން އަންނަ ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން މަގާމުތަކަށް ޝައުގުވެރިކަން ކުޑަ މައްސަލައާއި އަވަސް އަވަހަށް އިސްތިއުފާ ދިނުމާއި ގުޅިގެން ބައި-އިލެކްޝަންތައް ބޭއްވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މިމައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އެގޮތަށް ހުސްވާ ގޮނޑިތަކަށް އަހަރަކު އެއް ފަހަރު ބައި-އިލެކްޝަން ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ.

ލާމަރުކަޒީ ކޮމިޓީން އެބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދީގެން 30 އަށް ވުރެ ގިނަ ބައި-އިލެކްޝަން ބާއްވާފައިވާ ކަމަށެވެ.

"އެބޭފުޅުންގެ ޝަކުވާއަކީ ތިމަންނާމެން އެހާ ބުރަކޮށް މަސައްކަތް ކޮށްގެން އެވަރުގެ އިންތިހާބަކާ ކުރިމަތިލައިގެން އައިމަ ތިމަންނާމެންނަށް ލިބެން ޖެހޭނީ ޕާޓް ޓައިމް މުސާރައެއް ނޫނޭ. މި ކޮމެޓީތަކުގެ މެމްބަރުންނަށް ވިހެއިމާ ލިބޭ ޗުއްޓީއެއް ނުލިބޭ. ރޯދަ އިނާޔަތެއް ނުލިބޭ. އެއީ ޕާޓް ޓައިމް ވަޒީފާއެއް ވީމަ ވާ ގޮތް،" ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު ވިދާޅުވީ ލާމަރުކަޒީ ކޮމިޓީއާއި އިތުރު ކޮމިޓީއެއް ގުޅިގެން މިހާރު ކުރަމުންދާ ދިރާސާއިން މިފަދަ ބައެއް ކަންކަން މިހާރު ދެނެގަނެވިފައިވާ ކަމަށާއި، ކޮމެޓީތައް ހިންގުމުގައި ދިމާވާ ދަތިތަކަށް މި ދިރާސާގެ ސަބަބުން ހައްލު ލިބިގެން ދާނެ ކަމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ވަނީ ބުދަ ދުވަހު ފާސްކޮށްފައެވެ.

މެމްބަރު ހުށަހެޅުއްވި އިސްލާހުގައި ދެ ބައި އިލެކްޝަނެއްގެ ދެމެދުގައި 365 ދުވަހަށްވުރެ ދިގު މުއްދަތެއް އަދި 300 ދުވަހަށްވުރެއް ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް