އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް އަބްދުއްސައްތާރު އައްޔަން ކޮށްފި

އަނަސް އަބްދުއްސައްތާރު--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ތަރުޖަމާނަކަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި އަނަސް އަބްދުއްސައްތާރު ހަމަޖައްސައިފިއެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރިއިރު އަނަސް ވަނީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަނަސް އަކީ ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗްލާ އޮފް ލޯސް އެލްއެލްބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އަނަސް އަބްދުއްސައްތާރު އެންމެފަހުން ހުންނެވީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިސްގެ ރައީސްކަމުގައެވެ.

އޭގެ ކުރިން އޭނާ ވަނީ ވަކާލާތު ޗޭންބާސްގެ މެނޭޖިންގް ޕާޓްނަރުގެ މަގާމު ފުރުއްވާފައެވެ. އަދި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި އޭނާ ހުންނެވީ 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށެވެ.

އަނަސް އަކީ ސަރުކާރުގެ އެތައް ކުންފުންޏެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ.

ހަމައެހެންމެ، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެއެވެ.

comment ކޮމެންޓް