އެފްއޭއެމްގައި ފައިސާ ނެތިގެން 1.7 މިލިއަން ރުފިޔާ ނުދެއްކިފައި، އޭޑީކޭއިން ލުޔެއް ނުދިން!

އެފްއޭއެމްގެ ރައީސް ބައްސާމް(ވ) އަދި ޖެނަރަލް ސެކްޓްރީ ޖަވާޒު: ބަނގުރޫޓްވުމާ ގާތްވެފައިވާ އެފްއޭއެމް އިން އޭޑީކޭއަށް 1.7 މިލިއަން ރުފިޔާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައި --- ސަން ފޮޓޯ// މުހައްމަދު އަފްރާހް

ބަނގުރޫޓުވުމާ ގާތް ވެފައިވާ ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އެފްއޭއެމްއިން އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޭޑީކޭއިން ޚިދުމަތް ހޯދުމަށްފަހު އެފްއޭއެމްއިން އެ ހޮސްޕިޓަލަށް ދައްކަން ޖެހޭ 15 އިންވޮއިސްއަށްވާ 1,703.084.75ރ. ދެއްކުމަށް ދިން މުއްދަތު ފަހަނަ އަޅައިގެން ދިޔައިރު ވެސް އެ ފައިސާ ނުދެއްކުމުން އޭޑީކޭއިން އޮތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ޝަރީއަތުގެ މަރުހަލާގައި އެފްއޭއެމްއިން ވަނީ އެ ފައިސާ ދައްކަން ޖެހޭ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އޭޑީކޭއިން އެދުނު ގޮތަށް އެ ފައިސާ އެއްފަހަރާ ދެއްކުމަކީ ދަތި އަދި އެހާމެ އުނދަގޫ ކަމެއް ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. އަދި އެދުނީ އެ ފައިސާ ދެއްކުމަށް އެއް އަހަރު ދުވަސް ދިނުމަށެވެ.

ނަމަވެސް އެފްއޭއެމްއިން އެދުނު ގޮތަށް އޭޑީކޭއިން އެއްބަހެއް ނުވިއެވެ. އަދި އޭޑީކޭއިން ކޯޓުގައި އެދިފައިވަނީ އެ ފައިސާ އެއް މަސް ދުވަސްތެރޭގައި އެފްއޭއެމްއިން ހޯދައި ދިނުމަށެވެ.

ފައިސާ ދައްކާނެ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވެމުން ޝަރީއަތުން ނިންމާފައިވަނީ ފައިސާގެ ހައްގުވެރި ފަރާތުން އެދުނު ގޮތަށް އެއް މަސް ދުވަސް ތެރޭގައި އެ ފައިސާ ދައްކަން އެންގުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށެވެ.

އެހެންކަމުން މައްސަލަ ބެއްލެވި ގާޒީ އަހްމަދު ނިމާލް ޖުނައިދު އިއްޔެ ކުރި ހުކުމުގައި އަންގާފައިވަނީ އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި އެފްއޭއެމްއިން ސިވިލް ކޯޓަށް ދައްކާ ހަލާސް ކުރުމަށެވެ.

ކުޅުންތެރިންނާ ކޯޗުން އަދި މުވައްޒަފުންނަށް ދޭން ޖެހޭ އެތައް ފައިސާއެއް ނުދެވިފައިވާ ކަމުގެ ތުހުމަތު އެފްއޭއެމްއަށް ކުރެވެއެވެ. އެފްއޭއެމްއިން ކަރަންޓް ބިލްތަކަށް ފައިސާ ނުދެއްކުމުން ސްޓެލްކޯއިން ވަނީ އެ އިދާރާއިން ކަރަންޓް ވެސް ކަނޑާލާފައެވެ. އެފްއޭއެމްއިން ސްޓެލްކޯއަށް 6.5 މިލިއަން ރުފިޔާ ނުދައްކައި އެބައޮތެވެ.

comment ކޮމެންޓް