ޕީއެސްޖީ އަތުން ބަލިވި ނަމަވެސް ޔުވެންޓަސްއަށް ޔޫރޮޕާ ލީގުގެ ޖާގައެއް

ޔުވެންޓަސްއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ / ގެޓީ އިމޭޖްސް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއަތުން ޔުވެންޓަސް ބަލިވި ނަމަވެސް އެ ޓީމަށް ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.

މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި ބެންފިކާއަތުން 4-3 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިވުމުން އެ ޓީމު ވަނީ އެ މުބާރާތުން ކަޓައިފައެވެ.

ރޭ ޕީއެސްޖީ އަތުން ބަލިވުމުންވެސް ޔޫރޮޕާ ލީގުގެ ޖާގައެއް އެ ޓީމަށް ލިބިފައިވަނީ މެކާބީ ހައިފާ ބެންފިކާއަތުން ބަލިވުމުންނެވެ.

ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކެޓުމާއެކު އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނީ އެ ޓީމުގެ ޓާގެޓަކީ ޔޫރޮޕާ ލީގުގެ ޖާގައެއް ޔަގީންކުރުންކަމަށެވެ.

ނަމަވެސް ރޭގެ މަޗަށްފަހު މީޑީއާއާ ވާހަކަދައްކަމުން އަލެގްރީ ބުނީ ޕީއެސްޖީ އަތުން ބަލިވެ ޔޫރޮޕާ ލީގުގެ ޖާގައެއް ލިބުމުން އުފާ ކުރާކަމަށެވެ.

ގޯލު ޖެހުމަށްފަހު އެމްބާއްޕޭ އުފާ ފާޅުކުރަނީ --- ފޮޓޯ/ ގެޓީ އިމޭޖްސް

އޭނާ ބުނީ އެ މެެޗުން ބަލިވިނަމަވެސް އެ ޓީމުގެ ކުޅުން ރަނގަޅު ކަމަށެވެ. އަދި މެޗުން ބަލިވީ މޮޅަށް ކުޅެގެންކަމަށް ވެސް އަލެގްރީ ބުންޏެވެ.

ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން އެ ޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ 13 ވަނަ މިނެޓުގައި ޕީއެސްޖީން ގޯލު ޖަހައި މެޗުގެ ލީޑު ނެގިއެވެ. ލިއޮނަލް މެސީގެ އެހީތެރިކަމާއެކު އެ ގޯލު ޖެހީ ކީލިއަން އެމްބާޕޭއެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ގޯލެއް ޖަހައި މެޗުގެ ލީޑު ނެގިއެވެ. އެ ގޯލަކީ ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ ބޮލުގައި ޖެހިފައި ދިޔަ ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލިއަނާޑޯ ބޮނޮއްޗީ ޖެހި ގޯލެކެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ވަނީ އަލުން ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ. އެ ގޯލަކީ އެމްބާޕޭގެ އެހީއާއެކު އޭނާ ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު އެ ގްރޫޕްގެ އެއްވަނަ ލިބެނީ ބެންފިކާއަށެވެ. އެ ޓީމު އެއްވަނައިގައި އޮތީ 14 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޕީއެސްޖީއަށް ވެސް ލިބިފައިވަނީ 14 ޕޮއިންޓެވެ. ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވީ ނަމަވެސް ބެންފިކާއަށް ކުރި ލިބެނީ އަވޭ ގޯލުގެ ތަފާތުންނެވެ. އެ ޓީމަށް އަވޭ ގޯލުގެ ގޮތުގައި ނުވަ ގޯލު ލިބޭއިރު ޕީއެސްޖީއަށް ލިބެނީ ހަ ގޯލެވެ.

ގޯލު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ / ގެޓީ އިމޭޖްސް

އަވޭ ގޯލުގެ އުސޫލުން އެ ދެ ޓީމުގެ ތަފާތު ބަލަން ޖެހުނީ އެ ދެ ޓީމުގެ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ހެޑް ޓު ހެޑް އުސޫލަށް ބަލާއިރު ވެސް އެއްވަރު ވެފައިވާތީއެވެ. އެ ދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން ދެން ގޯލުގެ ތަފާތަށް ބެލިއިރު ވެސް އެ ޓީމު ވަނީ އެއްވަރު ވެފައެވެ. ދެ ޓީމަށް ވެސް ފައިދާ ނުވަ ގޯލު ލިބެއެވެ.

އެ ގްރޫޕްގެ ތިން ވަނަ ޔުވެންޓަސްއަށް ލިބެނީ ތިން ޕޮއިންޓާއެކުއެވެ. މެކާބީ ހައިފާ ތާވަލުގެ ފުލުގައި އޮތީ ވެސް ތިން ޕޮއިންޓު ލިބިގެންނެވެ. ނަމަވެސް ޔުވެންޓަސްއަށް ކުރި ލިބެނީ ހެޑް ޓު ހެޑް އުސޫލުންނެވެ.

ހެޑް ޓު ހެޑް އުސޫލަކީ ޕޮއިންޓުގެ ގޮތުން އެއްވަރުވާ ދެ ޓީމު ބައްދަލުކުރާ ދެ މެޗުގެ ގޯލުގެ ތަފާތަށް ބަލާ އުސޫލެކެވެ. އެ ސޫލުގެ ތެރެއިން ޔުވެންޓަސް ވަނީ އެ ޓީމު ދަނޑުގައި ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެކާބީ ހައިފާ ދަނޑުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް