ކޮރަޕްޝަނުގެ މައްސަލައެއްގައި ފެނަކައިގެ ކުރީގެ އެމްޑީ ނިމާލަށް ދައުވާ ކުރަން ޕީޖީއަށް

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލު --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ކޮރަޕްޝަނުގެ މައްސަަލައެއްގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީއިން މިއަދު ބުނީ ފެނަކައިން އުސޫލުތަކާ ޚިލާފަށް، ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ މިންވަރަށް ވުރެ އިތުރަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ.

އެއީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ފެނަކައަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކަކާ ގުޅިގެން ބެލި މައްސަލައެއް ކަމަށާއި އެ އެއްބަސްވުންތަކުގައި ފެނަކައަށް ވުރެ ސަޕްލަޔަރުންގެ މަސްލަހަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވުނު ކަމަށް އޭސީސީއިން ބުންޏެވެ.

ހަމައެއާއެކު، އެ އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައި ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީއިން ބުންޏެވެ. އަދި އެ އެއްބަސްވުންތަކާއި ފެނަކަ ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޕޮލިސީގައި، މުދާ ޑެލިވާކުރުން ލަސްވި މުއްދަތަށް ފައިސާ އުނިކުރެވޭނެ ކަމަށް އޮތް ނަމަވެސް ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނި ކުރަންޖެހޭ އަދަދަށް ވުރެ މަދުން އުނިކޮށްގެންކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީއިން ނެރުނު ބަޔާނުގައިވެއެވެ.

އެ މައްސަލައިގައި، އުނިކުރަން ޖެހޭ ފައިސާ އުނިކޮށްފައި ނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށް ވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވާތީ، އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެނަކަ ކޯޕަރޭޝަނަށް ގެއްލިފައިވާކަން އެނގެން އޮތް ކަމަށް އޭސީސީއިން ބުންޏެވެ.

މީގެ އިތުރުން އެ މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކުން ފެނަކަ ކޯޕަރޭޝަނުގެ މަސްލަހަތަށްވުރެ އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މަސްލަހަތަށް އިސްކަންދީފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ކަނޑައަޅައި ދައުވާ ކުރަން ފޮނުވާފައިވާ ހަތަރު މީހުންނަކީ ނިމާލްގެ އިތުރުން، ފެނަކައިގެ ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި މިންހާޖު ވަހީދާއި ޕްރޮޖެކްޓް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަހުމަދު ސާލިހު ނާސިރާއި ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަހުމަދު އަޒްލީމް އެވެ.

އެ ހަތަރު މީހުންގެ މައްޗަށް ކުރަން އޭސީސީއިން އެދިފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ފެނަކައަށް މިހާރު އަންގާފައިވާ ކަމަށް އޭސީސީއިން ބުންޏެވެ.

ނިމާލްއަކީ ފެނަކައިގެ އެންމެ ފުރަތަމަ އެމްޑީއެވެ. އެގޮތުން 2012 ވަނަ އަހަރުގެ ޖޫން މަހު ފެނަކަ އުފެއްދުމާއެކު އެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތީ އޭނާއެވެ.

comment ކޮމެންޓް