ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ހިންގަން ވިލާއަށް

ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ހަވާލު ކުރުމުގެ ރަސްމިއްޔާތު --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތަކީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ކުރާ މަސައްކަތެކެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫއުއަކީ މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހިންގާ މަޝްރޫއެއް ކަމަށެވެ.

އެއީ މަޝްރޫއު ހިންގާ ފަރާތުން ފަންޑުކޮށްގެން އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ކުރާ އުސޫލުން ކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަނަލް ސާވިސްސްގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ހިލްމީއެވެ.

ކެނދިކުޅުދޫގައި ތަރައްގީކުރަން ހަމަޖެހިފައިވާ އެ ކޮލެޖު ޚާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އޭގެއިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ ކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ކޮލެޖް އިމާރާތް ކުރުމަށްޓަކައި ކެނދިކުޅުދޫއިން 86،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖައްސަވައިފައެވެ.

"ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޖޫނިއާ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ. އަދި ކޮލެޖުގައި ޓޫރިޒަމް އަދި ހޮސްޕިޓާލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްގީކުރެވިގެން ދާނެ،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ކޮލެޖުގައި މަދުވެގެން ހަ ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއް ވެސް ހުންނާނެ ކަމަށެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްސަ ސަރަހައްދަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ ސަރަހައްދެއްގެ އިތުރުން މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތައްވެސް ހުންނާނެ ކަމަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އެ އިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު އަސާސީ ޚިދުމަތްތައް ހިމެނިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހަޔާއެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ވަރަށް ގިނަ ދުވަހު ދެކެމުން އައި ހުވަފެނެއް އެ އެއްބަސްވުމުގެ ސަބަބުން ހަގީގަތަކަށް ވެއްޖެ ކަމަށެވެ. ޒަމާންތަކެއް ވަންދެން އެ ހުވަފެން ދެކެމުން އައި ކެނދިކުޅުދޫގެ ރައްޔިތުންނާއި ކައުންސިލް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާގެ އިތުރުން ޕާޓްނަރުގެ ގޮތުގައި ހޮވި ވިލާ ކޮލެޖަށް މިނިސްޓަރު މަރުހަބާ ދެންނެވިއެވެ.

"ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ސަރުކާރުން ވަރަށް ޒަމާންވަންދެން ދެކެމުން އައި ހުވަފެނެއް. މިއީ ސަރުކާރުގެ މެނިފެސްޓޯގައި ބޮޑު އަކުރުން ލިޔެވި، އެތައް ޚަރަދެއް ކޮށްފައިވާ ކަމެއް. މިއަދު އެކަން ހަގީގަތަށްވީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން. ޚާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ދެއްވި އެއްބާރުލުމާއި ކުރެއްވި މަސައްކަތާއި ކަމަށް ބެހެއްޓެވި ޝައުގާއި ދެއްވި އެހީތެރިކަން އަދި ކައުންސިލުން ކުރެއްވި މަސައްކަތް އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ސަރުކާރުން ޒުވާނުންނަށް މަސައްކަތުގެ ހުނަރާއި މަސައްކަތުގެ އާދަކާދައާއި މަސައްކަތުގެ ވައްޓަފާޅި ދަސްކޮށްދީ، ވަޒީފާއަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި ބޭނުންވާ ހުނަރު ފޯރު ކޮށްދިނުމަށް ކުރާ މަސައްކަތުގެ ވަރަށް މުހިއްމު ބައެއް އެ ޖޫނިއާ ކޮލެޖުގެ ތެރެއިން ހަގީގަތަށްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ ރަށުގެ ޒުވާނުންގެ މެދުގައި މަސައްކަތުގެ އަޚުލާގު އުފެދި، ވަޒީފާ ހޯދުމުގެ ރޫހު އަށަގަނެ ގައުމުގެ އިޖްތިމާއީ ފޭރާން ރަނގަޅުވެ، ގައުމުގެ އިގްތިޞާދަށް ވެސް އޭގެ ރަނގަޅު އަސަރު ކުރާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަ ވަނީ އެ ކޮލެޖް އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ވިލާ ކޮލެޖާއި ކެނދިކުޅުދޫ ކައުންސިލަށް ޝުކުރު ދަންނަވާފައެވެ.

މިއަދު ވި އެއްބަސްވުމުގެ ދަށުން ކޮލެޖް ތަރައްގީކޮށް ނިންމައި ހިންގުމުގެ މަސައްކަތް 27 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މުޅި އެއްބަސްވުމުގެ މުއްދަތަކީ 50 އަހަރެވެ.

comment ކޮމެންޓް