އެމްއެންޕީން ސަރުކާރަށް: ގައުމީ މަސްލަހަތަށް ހެޔޮގޮތް އިޚުތިޔާރު ކުރެވޭނީ ޕާޓީތަކާ މަޝްވަރާކޮށްގެންް

އެމްއެންޕީގެ ރައީސާއި އެ ޕާޓީގެ އިސް ބޭފުޅުން --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ޗާގޯސްގެ މައްސަލާގައި ސިޔާސަތު ކަނޑައެޅުމުގައި، ރާއްޖެއާއި ދިވެހީންގެ ގައުމީ މަސްލަހަތަށް އެންމެ ހެޔޮ ގޮތް އިޚުތިޔާރު ކުރެވޭނީ، ސިޔާސީ ވާދަވެރިކަން ދުރަށް ޖައްސައި، ޕާޓީތައް ޝާމިލްކޮށްގެން ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން ބުނެފިއެވެ.

އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗާގޯސް މައްސަލައާ ގުޅިގެން އެ ޕާޓީން ދެކޭ ގޮތް ސިޓީއަކުން އޭގެ ތަފްސީލީ ސަބަބުތަކާއެކު ސަރުކާރަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެގޮތަށް ސަރުކާރަށް ގޮވައިލީ، ޗާގޯސް މައްސަލައާ ގުޅޭ ގޮތުން އެ ޕާޓީން މިހާތަނަށް އެއްކުރި މައުލޫމާތުން، އެއްވެސް ސަރުކާރަކުން ވެސް ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިންގުމަށް، ބައިނަލްއަގުވާމީ އެއްވެސް ފޯރަމެއްގައި ވަކާލާތު ކޮށްފައިވާކަން އެނގެން ނެތުމުން ކަމަށް އެމްއެންޕީގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު ޗާގޯސް މައްސަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިނގި ބަހުސްތަކުގަ އާއި މީސްމީޑިއާ އާއި ޚަބަރުފަތުރާ ވަސީލަތްތަކުގައި ރައްޔިތުން ފާޅުކުރަމުންދާ ޝުއޫރުތަކުން، ޗާގޯސްގެ މައްޗަށް ދިވެހީންގެ ހުކޫމަތު ހިންގޭނެ އެއްވެސް ގޮތެއް އޮވެއްޖެނަމަ އެމަގުން ދެވޭނެ ފަދަ ސިޔާސަތެއް ތަންފީޒު ކުރުމަށް ބޭނުންވާކަން ކަށަވަރު ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެމްއެންޕީން ބުނީ ދިވެހީންގެ ގައުމީ މަސްލަހަތާ ގުޅޭ ކަންކަން ނިންމުމުގައި ސިޔާސީ ޕާޓީތަކުން ބައިވެރިކުރަން ޖެހޭ އިތުރު ސަބަބެއް ވެސް ވާކަމަށެވެ.

އެގޮތުން ޗާގޯސްއާ ގުޅޭ އާ ސިޔާސަތަކީ ރާއްޖޭގެ ގައުމީ އެންމެ މަތީ މަސްލަހަތު ހިމާޔަތް ނުކުރެވޭ ސިޔާސަތެއް ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވިގެން އަޑުއުފުލުމުން ބަންޑާރަ ނައިބުގެ އޮފީހުން ތަކުރާރުކޮށް ދެއްވާ ރައްދުގައި އެއްވެސް ބުރަދަނެއް ނެތުމުމަކީ އެއް ސަބަބު ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ތަކުރާރުކުރާ ވާހަކައަކީ ޗާގޯސްގެ މިނިވަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ ސްޓޭންޑު ބަދަލުވުމަކީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ޚިލާފު އުފެދިފައިވާ ކަނޑުގެ ސަރަޙައްދަށް އަސަރުކުރާނެ ނިންމުމެއް ނޫން ކަމަށް ބުނާ ވާހަކަ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއެންޕީން ބުނީ އެ ވާހަކަ ގަބޫލު ކުރުމަށް ހުރަހަކަށް ވަނީ، ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން ސަރުކާރުން ހާމަކުރީ ބައިނަލްއަގުވާމީ ކަނޑުގެ ޚާއްސަ ޓްރައިބިއުނަލްގައި ކަމަށް ވާތީ ކަމަށެވެ.

"އެ އަޑުއެހުމުގެ ޖަލްސާއަކީ ޗާގޯސްގެ މިނިވަންކަމާ ގުޅޭ އަޑުއެހުމަކަށް ނުވާއިރު، އެ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ ޗާގޯސްގެ ވަށައިގެން އިނގިރޭސި ދައުލަތުން ހިންގާ އިން ވަކިކުރުމާއި އެ ސަރަޙައްދުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިންގުމަށް ކުރާ ދަޢުވާގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ވީތީ،" އެ ބަޔާނުގައިވެއެެވެ.

މީގެ އިތުރުން ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް ޔުނައިޓެޑް ނޭޝަންސްގެ ރެސޮލިއުޝަނަކުން 2019ވަނަ އަހަރުގެ މެއި މަހުގެ 22ވަނަ ދުވަހު ނިންމުމަކީ ވެސް ސަރުކާރުގެ އާ ސިޔާސަތާ މެދު އެމްއެންޕީން ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްއެންޕީން ބުނިގޮތުގައި ޗާގޯސްގެ މައްސަލާގައި، ދިވެހީން އެދޭގޮތް ހާސިލްކުރުމުގެ ޒިންމާއަކީ ކޮންމެ ސިޔާސީ ޕާޓީއަކުން ވެރިކަންކުރުމާ ހާވާލުވެގެން ތިބިކަމުގައި ވީނަމަވެސް، ހާމަކަމާއެކު ކުރަން ޖެހޭ ކަމެކެވެ.

މިއީ ހުޅުވާލެފައިވާ ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ކުރިއަށްދާ މައްސަލައަކަށް ވާއިރު އެކަމާ ގުޅިގެން ސަރުކާރުން އިޚްތިޔާރު ކުރާ ސިޔާސަތާއި ނިންމުންތަކަކީ ސިއްރު ކުރެވިފައިވާ ލިޔުންތަކަށް ވުމަކީ އެ ނިންމުންތަކުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެެ.

ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް މި އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ފޮނުވި ސިޓީ ހާމަކުރުމަށް ވެސް، އެމްއެންޕީން ވަނީ ގޮވާލައިފައެވެ.

މޮރީޝަސް މައްސަލައިގައި ސިޔާސަތު ބަދަލުކުރިނަމަ އެކަން ކޮށްފައިވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށްދިނުމަށް އެދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުން އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވަނީ މީގެ ކުރިން މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފައެވެ.

comment ކޮމެންޓް