ދަރިން ނުލިބޭ މީހުން އިތުރުވަނީ، ކީއްވެ؟

ދަރިން ނުލިބޭ މައްސަލައަށް ހޭލުންތެރި ކުރުވާ ފޮޓޯއެއް: ރާއްޖޭގައި ވެސް ދަރިން ނުލިބޭ މައްސަލަ އިތުރު---

މަރިޔަމް ނަޖްމާ، (އަސްލު ނަމެއް ނޫން) އުމުރުން 20 އަހަރުގައި ކައިވެނި ކުރަން ނިންމީ ބޮޑު އުއްމީދެއްގައެވެ. އޭނާ ބޭނުންވީ މަންމަ އާއި މާމަގެ ނަސޭހަތް އަޑުއަހައި ޅަ ދުވަހު ދަރިން ހޯދައި، ގައިގައި ބާރު ހުއްޓައި އެ ކުދިން ބޮޑު ކުރުމަށެވެ. އެހެންކަމުން ކައިވެންޏަށް އަހަރެއް ފުރުމާއެކު ކުއްޖަކު ހޯދަން ގަސްތުކޮށް، މަސައްކަތް ފެށިއެވެ. ނަމަވެސް ކަންކަން ދިމާވީ އުއްމީދު ކުރިގޮތަކަށް ނޫނެވެ.

"އަންނަ މަހު ކައިވެންޏަށް 10 އަހަރު ވާނެ. ވަރަށް ވަރަށް އެކިގޮތްގޮތުން މަސައްކަތް ކުރެވިއްޖެ. އަދި ހަމަ ދަރިއެއް ލިބުމުގެ ނަސީބު ނުލިބޭ،" ފެންކަޅިވެ ހުރެ މިހާރު އުމުރުން 30 އަހަރުގެ ނަޖްމާ ކިޔައިދިނެވެ.

"އައިވީއެފް ހެދޭތޯ މިހާރު މިއުޅެނީ. އެއީ ދެން އޮތް އުއްމީދަކީ."

އޭނާ އެހުރި ހާލުގައި އެތައް ބަޔަކު އެބަތިއްބެވެ. ދަރިން ނުލިބޭ ދެމަފިރިންގެ ވާހަކަތައް މިހާރު އިވޭލެއް ވަރަށް ގިނައެވެ. އެއާއެކު އުފެދޭ ސުވާލަކީ މި މައްސަލަ މިހާރު އެހާ އިތުރު ވެފައި މިވަނީ ކީއްވެގެންތޯއެވެ؟ ދުނިޔޭގެ ފާޓިލިޓީ ދުވަސް މިއަދު ފާހަގަ ކުރާއިރު މިވާހަކަ ދައްކަން އެބަޖެހެއެވެ.

ދެ އަންހެނަކު އައިޖީއެމްއެޗް ކައިރީގައި: ރާއްޖޭގައި ދަރިން ނުލިބޭ މައްސަލަ އިތުރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒުވާނުންގެ މެދުގައި އާއްމު މައްސަލައެއް

އަންހެނުންގެ ބަލިތަކަށް ފަރުވާދެއްވާ ޑރ. ޒާހިޔާ އަބްދުލް ބާރީ ވިދާޅުވިގޮތުގައި ދަރިމައިނުވުމުގެ މައްސަލަތައް މިހާރު އިތުރުވާކަން ފާހަގަ ކުރެވެއެވެ. އޭގެ އެއް ސަބަބަކީ މީހުން ހޭލުންތެރިކަން އިތުރުވުމުން ފަރުވާ ހޯދާ މިންވަރު އިތުރުވުން ކަމަށާއި އަނެއް ސަބަބަކީ ލައިފްސްޓައިލްގެ ސަބަބުންނާއި ދިމާވާ ސިއްހީ މައްސަލަތައް ކަމަށް ޒާހިޔާ ވިދާޅުވިއެވެ.

"ބޮޑަށް ޒުވާނުންގެ ތެރޭގައި މި މައްސަލަ އިތުރީ. އެކަމަކު އިންފާޓިލިޓީގައި އުޅޭނެ ޕްރައިމަރީ ފާޓިލިޓީއާއި ސެކަންޑްރީ ފާޓިލިޓީ. ޕްރައިމަރީ ފާޓިލިޓީގެ މާނައަކީ އަލަށް ވެސް ދަރިޔަކު ނުލިބިގެން އުޅުން. ސެކަންޑްރީ އިންފާޓިލިޓިއަކީ ކުއްޖެއް ލިބިފައި ނުވަތަ އެއް ފަހަރަށް ޕްރެގްނެންޓް ވެފައި ދެން އިތުރަށް ދަރިމައިވުމަށް އުނދަގޫތަކާ ކުރިމަތިވުން. ތަންކޮޅެއް ދުވަސްވީ މީހުން އާދޭ ސެކަންޑްރީ އިންފާޓިލިޓީގެ މައްސަލައިގައި. ޒުވާނުން ވެސް އާދޭ،" އޭޑީކޭގައި މަސައްކަތް ކުރައްވާ ޑރ. ޒާހިޔާ ވިދާޅުވިއެވެ.

ޑރ. ޒާހިޔާ "ސަން" އަށް އިންޓަވިއޫ ދެއްވަނީ: ސަން ފޮޓޯ: މުހައްމަދު ހައްޔާން

ޑރ. ޒާހިޔާ ވިދާޅުވިގޮތުގައި ދަރިމައިނުވުމުގެ މައްސަލަ ދިމާވެފައިވާ ދިވެހި އަންހެނުންގެ ތެރޭގައި އެންމެ އާއްމު އެއް ކަމަކީ، ޕޮލިސިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އެވެ.

ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް އޮތް މިންވަރާއި ދަރިމައިވުމަށް ހުރި ހުރަސްތަކަކީ ކޮބައިކަން ބަލާ ދިރާސާތައް ހެދުމުގެ މަސައްކަތް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ކުރެއެވެ. އެގޮތުން އެ ޖަމުއިއްޔާގެ މެންބަރުން ހިމަނައިގެން ސާވޭއެއް ހެދުމަށް ފަހު، މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެ ޖަމުއިއްޔާގެ މެންބަރުންގެ ތެރޭގައި ދަރިމައިވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ، ވެސް ޕީސީއޯއެސްގެ ސަބަބުންނެވެ.

ޕީސީއޯއެސް އަކީ ޕޮލިސިސްޓިކް އޯވަރިއަން ޑިޒީސް، ނުވަތަ ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމްއެވެ. އެއީ ހޯމޯނަލް އިންބެލެންސްއެއްގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކެކެވެ. މިއާ ގުޅިގެން ހަށިގަނޑުގައި ފިރިހެން ހޯމޯން ގިނަވުމާއި ޕީރިއަޑް މައްސަލަ ޖެހުމާއި އޯވަރީ (ބިސްރަވަ) ތެރޭގައި މެޗުއާ ނުވާ ކުދިކުދި ސިސްޓުތަކެއް ހުރުން ހިމެނެއެވެ.

"ޕީސީއޯއެސް އާއްމުވި މައިގަނޑު ސަބަބަކީ އަޅުގަނޑުމެންގެ ލައިފްސްޓައިލް. ފަލަ މީހުން އަޅުގަނޑުމެންގެ އާބާދީގައި އެބަ ގިނަވޭ. ޒުވާން އުމުރުގައި ވެސް މާބޮޑަށް ބަރުދަން އިތުރުވެގެން ދިއުން. އެކަހަލަ ކަންތައްތަކާހުރެ ޕީސީއޯއެސް މި އާއްމު ވަނީ،" ޑރ. ޒާހިޔާ ވިދާޅުވިއެވެ.

"ބަރުދަން އިތުރުވީމައި ދެން ދިމާވާ އެހެން މައްސަލަތައް އެބަހުރި. މިސާލަކަށް ހޯމޯން އިމްބެލެސް އައުމާއި އިންސިއުލިން ރެސިސްޓެންޓް ވުން މިހުރިހާ ކަމަކާހެދި އިންފާޓިލިޓީއަށް އަސަރު ކުރޭ."

ހަމައެއާއެކު އެންޑޯމެޓްރިއޯސިސްގެ މައްސަލަވެސް ގިނަ ކަމަށް ޑރ. ޒާހިޔާ ވިދާޅުވިއެވެ. އެންޑޯމެޓްރިއޯސިސްއަކީ އަންހެނުންނަށް މައްސަރު ކަންތަކުގައި ނުވަތަ ޕީރިއަޑު ވުމުގައި ދިމާވާ ވަރަށް ވޭންހުރި އާންމު ބައްޔެކެވެ. މި ބައްޔަކީ ކޮންމެ 10 އަންހެނުންގެ ތެރެއިން އަންހެނަކަށް ޖެހޭ ބައްޔެކެވެ.

އޭގެ އިތުރުން ރަހިމުގައި އައިބެއް ހުރުން ފަދަ ކަންކަން ވެސް ދިވެހި އަންހެނުންގެ ފަރާތުން ފާހަގަވާ ކަމަށް ޑރ. ޒާހިޔާ ވިދާޅުވިއެވެ.

ދަރިމައިވުނުމުގެ މައްސަލަ ދިމާވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ވެސް ދަރިން ހޯދަން ދަތިވެއެވެ. އޭގެ ތެރޭގައި ދަރިފަނީގެ އަދަދު ދަށްވުމާއި ދަރިފަނީގައި އައިބުތައް ހުރުން ހިމެނެއެވެ.

އަމިއްލައަށް ގޮތް ނިންމައި ގޯސްތަކެއް އެބަ ހެދޭ

އަންހެނުންގެ ބަލިތަކަށް ހާއްސަ، ޑރ. ލީނާ ސަލީމް ވިދާޅުވިގޮތުގައި ދަރިމައިވުމުގައި މައްސަލައެއް އުޅޭކަމަށް ނިންމޭނީ ކުއްޖަކު ހޯދުމަށް އަހަރެއްހާ ދުވަހު މަސައްކަތް ކޮށް އެކަން ނުވުމުން ހަދާ ޓެސްޓްތަކެއްގެ ފަހުންނެވެ. ނަމަވެސް ބައެއް ޒުވާންނުން ކައިވެނި ކުރާތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުއްޖަކު ނުލިބުމުން ދަރިމައިވުމުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ ފަރުވާ ހޯދަން ބޭނުން ވެގެން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އެބަ އާދޭ ފިރިމީހާ ރަށުން ބޭރުގައި އުޅެފައި ތިން އަހަރު ވެގެން މި އަންނަނީ ދަރިއަކު ނުލިބިގެން. އެއް އަހަރު އެކީގައި އުޅެން އެބަޖެހޭ. އެކީގައި ދެ މީހުން އުޅުން ވަރަށް މުހިންމު." ޑރ. ލީނާ ވިދާޅުވިއެވެ.

ޑޮކްޓަރުން ލަފާ ދޭގޮތުގައި ދަރިޔަކު ހޯދުމަށް އެއް އަހަރު ދުވަހު ދެމަފިރިން އެކުގައި އުޅެ، ގަވައިދުން ގުޅުން ހިންގަން ޖެހެއެވެ. އޭގެ ފަހުން ބަނޑުބޮޑު ނުވާ ނަމަ ޑޮކްޓަރަށް ދައްކައިގެން ދެމަފިރިން ޓެސްޓްތައް ހަދަން ޑޮކްޓަރުން ލަފާދެއެވެ.

ބައެއް މީހުން އަމިއްލައަށް މައުލޫމާތު ހޯދައިގެން ދަރިމައިވުމުގެ މައްސަލަ ހުރި ކަމަށް ނުވަތަ ޕީސީއޯއެސް ހުރި ކަމަށް ގޮތް ނިންމުން ވެސް އާންމެވެ. އެއީ ހެދޭ ގޯހެކެވެ.

ދަރިން ނުލިބިގެން ޑޮކްޓަރީ ފަރުވާ ހޯދުމުގެ ބަދަލުގައި ރުގްޔާ ކުރުމާއި ހިޖާމާ ޖެހުން ފަދަ ކަންކަން ކުރުމަކީ ވެސް ރާއްޖޭގައި އާއްމުކަމެކެވެ. އޭގެ އިތުރުން ވެސް އަމިއްލައަށް އެކިއެކި ބޭސްތައް ހަދައެވެ.

ޑރ. ޒާހިޔާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް އެކިއެކި ކަންކަން ކުރުމުގެ ބަދަލުގައި ސިއްހީ ފަރުވާ ހޯދުމެވެ.

ދިވެހި ބައެއް ފިރިހެނުން އެމީހުންގެ މައްސަލައެއް ހުންނަ ކަމަށް ގަބޫލު ނުކުރުމަކީ ވެސް ދިމާވާ ކަމެކެވެ. ބައެއް ފިރިހެނުންނަށް ވިސްނެނީ ދަރިން ނުލިބެނީ އަންހެން މީހާގެ ހުންނަ މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެހެންވެ ފިރިހެން މީހާ ޓެސްޓްނުކޮށް އަންހެން މީހާ ޓެސްޓް ކުރަން ފޮނުވުން ގިނަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ޖިމެއްގައި ކަސްރަތު ކުރަނީ --

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރަން ޖެހޭ

މީގެ ކުރިން އެތައް ކުދިންނެއް ވިހާފައި ތިބި މަންމަމެންނަށް ބަލާއިރު އެ މީހުންނަކީ ދިރިއުޅުމަށް ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރި މީހުންނެވެ. މިހާރަށް ބަލާއިރު ދިރިއުޅުމަށް އައި ބަދަލުތަކުގެ ސަބަބުން ހެލިފެލިވެ އުޅުން މިވަނީ މަދުވެފައެވެ.

ދަރިމައިވުމަށް ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޑރ. ޒާހިޔާ ފާހަގަ ކުރެއްވީ ދެ ކަމެކެވެ. އެއީ އިންހަމަކޮށް ކެއުން ގެންގުޅުމާއި ހެލިފެލިވެ އުޅޭ މިންވަރު އިތުރު ކުރުމެވެ. ހަމައެއާކު ސްޓްރެސްއާ ދުރުވުން ވެސް ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އުމުރުން ދުވަސް ވުމުގެ ކުރިން ދަރިން ހޯދަން ޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ދަރިމައިވުމުގެ މައްސަލައަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަރުވާގެ ހަރަދު ބޮޑުވުމެވެ. އެ ފަރުވާއަށް އާސަންދައެއް ވެސް ނުލިބެއެވެ. އެހެންކަމުން އަގުބޮޑު ޓެސްޓްތަކާއި ބޭސްތަކުގެ އިތުރުން އެހެން ފަރުވާތައް ވެސް ކުރަން ޖެހެނީ އަމިއްލަ ހަރަދުގައެވެ. އެކަމަށް ބޮޑު ހޭދައެއް ދާތީ އެއީ ކުދިން ހޯދުމަށް ބައެއް ދެމަފިރިންނަށް އޮތް ގޮންޖެހުމެކެވެ.

ދަރިމައިނުވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ޕީސީއޯއެސްގެ ސަބަބުން ކަމަށްވާއިރު އެކަމަށް ފަރުވާ ކުރާ ބޭސްތައް ރާއްޖޭން ލިބެއެވެ. ނަމަވެސް އެއަކަށް އާސަންދައެއް ނުލިބެއެވެ.

ދަރިން ނުލިބޭ ނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް ހަދައިގެން ދަރިން ހޯދުމެވެ. ރާއްޖޭގައި މި ވަގުތު ލިބެނީ އައިޔޫއައިގެ ފަރުވާ އެކަންޏެވެ. އައިވީއެފް ހަދަން ޖެހެނީ ރާއްޖޭން ބޭރަށް ދާށެވެ. އެއީ ވަރަށް ހަރަދު ބޮޑު، އަދި ދިގު މުއްދަތެއް ނަގާ ފަރުވާއެކެވެ.

އިންވިޓްރޯ ފާޓިލައިޒޭޝަން ނުވަތަ އައިވީއެފް ހަދަނީ އަންހެން މީހާގެ ބިހަކާއި ފިރިހެން މީހާގެ ދަރިފަނި ނަގައި، ލެބޯޓްރީގައި މުޑުވައްކޮށް، އެއަށް ފަހު އަންހެން މީހާގެ ރަހިމުގައި ގަރުބަގަނުވައިގެންނެވެ.

އިންޓްރާޔުޓެރައިން އިންސެމިނޭޝަން (އައިޔޫއައި) އަކީ ފިރިމީހާގެ ދަރިފަނި އުފައްދާ މިންވަރު މަދު ނަމަ ނުވަތަ ފެންވަރު ދަށްނަމަ ދޭ ފަރުވާއެކެވެ. އެގޮތުން އައިޔޫއައި ނުވަތަ އާޓިފިޝަލް އިންސެމިނޭޝަންގައި އޯވަރީން ބިސް ދޫކުރާ ދުވަސްވަރު ރަހިމުގެ ތެރެއަށް ދަރިފަނި ފޯރުކޮށްދެއެވެ. އޭގެ ސަބަބުން ދަރިފަންޏަށް ބިހާ ހަމައަށް ވާސިލުވުމުގެ ފުރުސަތާއި މީހާ ބަލިވެ އިނުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.

ދަރިން ނުލިބުމަކީ ބޮޑު ހިތާމައެކެވެ. އެ ހިތާމަކުރަނީ ނަޖްމާ އެކަންޏެއް ނޫނެވެ. އެ ހާލަތުގައި އެތައް ބަޔަކު އެބަތިއްބެވެ. ފަރުވާ ހޯދަން ފަސް ނުޖެހި ކުރިއަށް ދާންޖެހެއެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން އަމަލު ކުރަންޖެހެއެވެ. ހަމައެއާއެކު ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރުން މުހިންމެވެ.

comment ކޮމެންޓް