އަންނަ އަހަރަށް ލަފާކުރާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަނީ --- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ 42.7 ބިލިއަން ރުފިޔާގެ ބަޖެޓު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ އިސް އަމާޒަކީ ކޮވިޑް-19 ގެ އިގްތިޞާދީ ކާރިސާއާ ގުޅިގެންނާ އޭގެ ފަހުން ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން އިތުރުވެގެން ދިޔަ ހިރާސްތައް ކުޑަކޮށް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވި ކަން ކަށަވަރު ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިޞާދީ ހީނަރުކަމުން އަރައިގަންނަން ފެށުމާއެކު މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރާފައިވާ ކަމަށެވެ. އަދި މި އަހަރު ނިމޭއިރު ކޮވިޑް ގެ ކުރިން އިގްތިޞާދު ހުރި މިންވަރަށް ވާސިލުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަންނަ އަހަރު ވެސް 7.6 އިންސައްތައިގެ ބާރު ދުވެއްޔެއްގައި ގައުމުގެ އިގްތިޞާދު ކުރިއަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި އަންނަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށް، ކޮވިޑްގެ ކުރިން ހުރި މިންވަރަށް ފަތުރުވެރިކަމުގެ ސިނާއަތް ވާސިލު ވާނެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މަތިވުމާއި، ރާއްޖޭގެ ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކާއެކު ރާއްޖޭގައި އަގުތަށް މި އަހަރާއި ކުރިއަށް އޮތް އަހަރު މަތިވެ، އަންނަ އަހަރު، އިންފްލޭޝަން ރޭޓު 5.4 އިންސައްތައަށް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

އަންނަ އަހަރު ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީ ރޭޓު މަތިކުރުމާއި ގުޅިގެން އިތުރުވާނެ ކަމަށް ބެލެވޭ 3.7 ބިލިއަން ރުފިޔާ ހިމެނެއެވެ. އެގޮތުން ޓެކުހުގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

ސަރުކާރުން ބުނީ އަންނަ އަހަރު ފައިނޭންސިންގެ ގޮތުގައި ޖުމްލަ 11.5 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރު ދައުލަތުގެ ސީދާ ދަރަނި 9.2 އިންސައްތައިން އިތުރުވެ، 102.0 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. ސަރުކާރުން ޚަރަދުގެ ގޮތުގައި ހުށަހަޅާފައިވަނީ 40.1 ބިލިއަން ރުފިޔާއެވެ.

ސަރުކާރުން ބުނީ ޖުމްލަ ދަރަނި އިތުރުވާ ނިސްބަތަށްވުރެ އުފެއްދުންތެރިކަން އިތުރުވާ ނިސްބަތް މަތިވާނެ ކަމަށް ބެލެވޭތީ އޭގެ ނިސްބަތުން ޖުމްލަ ދަރަނި މިއަހަރު ނިމޭއިރު 111 އިންސައްތައިގައި ހުރުމަށްފަހު އަންނަ އަހަރު ނިމޭއިރު 108.9 އިންސައްތައަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

comment ކޮމެންޓް