އަނިޔާގެ ސަބަބުން ޕޮގްބާއަށް ވޯލްޑްކަޕުގައި ނުކުޅެވޭނެކަން ޔަޤީންވެއްޖެ

ޕޮގްބާ ފްރާންސްގެ ފަރިތަކުރުންތަކުގައި. އަނިޔާގެ ސަބަބުން ޕޮގްބާ ވޯލްޑްކަޕުގައި ނުކުޅޭނެ--- ފޮޓޯ/ބީސޮކާ

އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާގެ ކަކުލުހުޅަށް ލިބުނު އަނިޔާ ކުރިން ހީކުރިގޮތާއި ހިލާފަށް ސީރިއަސްވެ، ކުރިއަށް އޮތް ވޯލްޑްކަޕުގައި އޭނާއަށް ނުކުޅެވޭނޭކަން ޔަޤީންވެއްޖެއެވެ.

ވޯލްޑްކަޕުގައި ފްރާންސް އޮސްޓްރޭލިއާ އާ ދެކޮޅަށް ނިކުންނަ މެޗަށް 21 ދުވަސް ކުރިއަށް އޮތްއިރު، އެންމެ ފަހު ވަގުތާއި ޖެހެންދެކަ އެންމެން ވެސް އުއްމީދުކޮށްގެން ހުރީ ޕޮގްބާ ފިޓްވާނޭ ކަމަށެވެ.

ޕޮގްބާގެ އޭޖެންޓް ރަފައެލާ ޕީމެންޓާ ނެރުނު ބަޔާނެއްގައި ބުނީ ޕޮގްބާގެ މެޑިކަލް ރިޕޯޓް އަލުން މުރާޖައާކުރުމުން ކަކުލު ހުޅަށް ލިބިފައިވާ އަނިޔާ ކުރިން ހީކުރިވަރަށް ވުރެ ހާލަތު ގޯސްކަމަށެވެ. އެހެންކަމުން މި ހާލަތަށް ބަލައި ކުރިއަށް އޮތް ވޯލްޑްކަޕަށް ފިޓްވެ، މުބާރާތުގައި ޕޮގްބާ ކުޅުމުގެ އެއްވެސް ފުރުސަތެއް މިހާރު ނެތްކަމަށް ޕީމެންޓާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"މެޑިކަލް ރިޕޯޓް އަލުން މުރާޖައާކުރުމުން މި އެނގުނީ ހާލަތު ވަރަށް ބޮޑަށް ގޯސްކަން. ސާޖަރީއަށްފަހު ރަނގަޅުވާން އަދިވެސް ދުވަސް ބޭނުންވޭ. މީގެ މާނައަކީ ޖުވެންޓަސް އަދި ފްރާންސްގެ ވޯލްޑްކަޕް ފަރިތަކުރުންތަކަށް ވެސް ޕޮގްބާއަކަށް ނިކުމެވޭކަށް ނެތް" ޕޮގްބާގެ އޭޖެންޓު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަނިޔާގެ ސަބަބުން ޕޮގްބާއަށް ވޯލްޑްކަޕްގައި ނުކުޅެވޭނޭކަން ޔަގީންވެފައިވާއިރު، މިއީ ފްރާންސްގެ ކޯޗް ޑިޑިއޭ ޑިޝޯމްޕްސްއަށް ކުރިމަތިވި ވަރަށް ބޮޑު ބޮލުގެ ރިހުމެކެވެ. އަނިޔާގެ ސަބަބުން ފްރާންސްގެ އެންގޯލޯ ކަންޓޭއަށް ވޯލްޑްކަޕް ނުކުޅެވޭއިރު، ރަފައެލް ވަރާން، ބޯބަކާ ކަމާރާ، ލޫކަސް ޑިގްނޭ އަދި ލޫކަސް ހެނާންޑެޒްވެސް ހުރީ މިހާލަތުގައެވެ.

ޕޮގްބާއަށް ނުކުޅެވޭނަމަ އޭނާގެ ބަދަލަށް ކޯޗް ޑިޝޯމްޕްސް ޓީމަށް ނަގާނޭކަމަށް އެންމެ ބެލެވޭ ކުޅުންތެރިއަކީ މާސޭއަށް ކުޅެމުން އަންނަ ޖޯޑަން ވެރެޓޯޓެވެ. ގަތަރުގައި އަންނަ މަހު ފަށަން ހަމަޖެހިފައިވާ ވޯލްޑްކަޕް ފަށަން މިހާރު އޮތީ 20 ދުވަހެވެ.

މިއަހަރުގެ ވޯލްޑުކްޕަގައި ފްރާންސްގެ ފުރަތަމަ މެޗުގައި އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ނިކުންނާނީ އޮސްޓްރޭލިޔާއާ ދެކޮޅަށެވެ. ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ފްރާންސް ހިމެނިފައި ވަނީ ޑެންމާކާއި ޓުނޭޝިއާއި އޮސްޓްރޭލިއާ އެކުގައެވެ.

comment ކޮމެންޓް