ޔުވެންޓަސްއަށް ބޭނުންވަނީ ކުރީގެ ޕައުލް ޕޮގްބާ ކަމަށް އެ ކްލަބުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފިއެވެ.
ފްރާންސްގެ މިޑްފީލްޑަރު ޕޮގްބާ އެނބުރި ޔުވެންޓަސްއަށް ގުޅުމާއެކު އެކްލަބަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، އޭނާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕޮގްބާ ކަކުލުގެ ސާޖަރީއެއް ހެދި އިރު، އޭގެ ފަހުން ވެސް އަނިޔާއާ ކުރިމަތިލާން ޖެހުނެވެ.
އެންމެ ފަހުން ޕޮގްބާއަށް އަނިޔާވީ މާޗް މަހުގެ ތެރޭގައެވެ. އަނިޔާގެ މައްސަލަތަކާ ގުޅިގެން ޕޮގްބާއަށް 47 މެޗެއް ގެއްލުނު އިރު، އޭނާއަށް މި ސީޒަނުގައި ކުޅެން ލިބުނީ އެންމެ 74 މިނެޓުގެ ފުޓުބޯޅައެވެ.
"ޕޮގްބާގެ ބޭނުން ނުހިފޭތާ މިވަނީ އަހަރެއް ވެފައި. އަދި އޭނާ ހުރީ ކުޅުމަށް އެނބުރި އަންނަން އެންމެ ރަނގަޅު ހާލަތަކު ނޫން. އަހަރެން ބޭނުންވަނީ އެންމެ ފުރަތަމަ އަހަރެން ކޯޗުކޮށްދިން ޕޮގްބާ. ނަމަވެސް މިހާރު މިއޮތީ އެ ހާލަތަކު ނޫން. އާންމުކޮށް ކުޅުންތެރިޔަކު ގިނަ ދުވަސްތަކަކަށް އަނިޔާގައި ހުންނަން ޖެހިއްޖެ ނަމަ، އެކަމުން ރިކަވާވާން ވެސް ވަރަށް ވަގުތު ނަގާނެ،" ޕޮގްބާއާ ގުޅޭގޮތުން ޔުވެންޓަސްގެ ކޯޗު އެލެގްރީ ބުންޏެވެ.
އަލެގްރީ ބުނީ މޮޅެތި ކުޅުންތެރިންނަށް ވެސް ޔުވެންޓަސްގައި 30 މެޗު ނުވަތަ 40 މެޗު ކުޅުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެކްލަބުގެ ލެޖެންޑް ޖިއާންލުއިޖީ ބުފޮންއަށް ވެސް އެ އުނދަގުލާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
"ޔުވެންޓަސް މުޅިން ތަފާތު. ޕްރެޝަރާއި އެހެން ކަންތައްތައް ވެސް ހުންނާނެ. އަހަރެމެން ވަރަށް ވިސްނުންތެރިކަމާއެކު ޖެހޭނީ ކުރިއަށްދާން. މިއީ އަހަރެމެންނަށް އެންމެ އުނދަގޫ ދަނޑިވަޅު،" އޭނާ ބުންޏެވެ.
ޕޮގްބާއަކީ 2012 އިން ފެށިގެން ޔުވެންޓަސްގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ކުޅުންތެރިއެކެވެ. ނަމަވެސް 2016 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް އޭނާ ބަދަލުވުމާއެކު ވަނީ ކުޅުން ދަށްވެފައެވެ. އޭގެ ފަހުން އޭނާ އަލުން ޔުވެންޓަސްއާ ގުޅުނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
މިސީޒަނުގައި ޔުވެންޓަސްއަށް އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިވީ ޓްރާންސްފާތަކުގެ ހިސާބުތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ، އިޓަލީ ފުޓްބޯޅަ އިދާރާއިން މިއަހަރުގެ ކުރީކޮޅު އިޓާލިއަން ސެރީއާގައި ޔުވެންޓަސްގެ 15 ޕޮއިންޓު އުނިކުރުމުންނެވެ. ނަމަވެސް އިޓަލީގެ ކުޅިވަރުގެ ކަންތައްތަކާ ބެހޭ އެންމެ މަތީ ކޯޓުން ވަނީ އުނިކުރި ޕޮއިންޓުތައް ދިނުމަށް މިމަހުގެ ތެރޭގައި އިޓަލީގެ ފުޓުބޯޅަ އިދާރާއަށް އަންގައިފައެވެ.
އެ އެންގުމާއެކު އުނިކުރި ޕޮއިންޓުތައް ޔުވެންޓަސްއަށް ދިނުމުން މިހާރު އެޓީމު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. ޔުވެންޓަސްއަށް 31 މެޗުން 59 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ލާޒިއޯއަށް ލިބިފައިވަނީ 61 ޕޮއިންޓެވެ. އަދި ތާވަލުގެ އެއްވަނައިގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 78 ޕޮއިންޓެވެ.