ސައުދީގެ ހުށަހެޅުންތައް ޕޮގްބާ ގަބޫލެއް ނުކުރި

ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ -- ފޮޓޯ/ ގެޓީ

ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ސައުދީ އަރަބިއާގެ ކްލަބުތަކުން ހުށަހަޅާ ބޮޑެތި ހުށަހެޅުންތައް ގަބޫލުނުކުރަން އޭނާ ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ސައުދީގެ ގިނަ ކްލަބުތަކަކުން ޕޮގްބާއަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އޭނާ އެ ހުށަހެޅުންތައް ގަބޫލުނުކޮށް އަންނަ ސީޒަނުގައި ވެސް ޔުވެންޓަސްގައި މަޑުކުރުމަށް ވަނީ ނިންމައިފައެވެ. އޭނާ އެ ނިންމުން ނިންމާފައިވަނީ އަންނަ އަހަރު ބާއްވާ ޔޫރޯގައި ފްރާންސް ގައުމީ ޓީމުން ފުރުސަތެއް ހޯދުމަށް ބޭނުންވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕޮގްބާއަށް ސައުދީގެ ކްލަބުތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، އޭނާ ވަނީ ދާދިފަހުން ސައުދީ އަރަބިއާއަށް ދަތުރުކޮށްފައެވެ. އެ ދަތުރުގެ ތެރެއިން އަލް އިއްތިހާދުގެ ޓްރެއިނިން ފެސިލިޓީއަށް ވެސް އޭނާ ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަލް އިއްތިހާދަކީ ފްރާންސް ގައުމީ ޓީމުގައި އޭނާ އެކުގައި ކުޅުނު ކަރިމް ބެންޒެމާ އަދި އެންގޯލޯ ކަންޓޭ ވެސް އަންނަ ސީޒަނުގައި ފެންނާނެ ކްލަބެވެ.

މިދިޔަ ސީޒަނުގައި އަލުން ޔުވެންޓަސްއާ ގުޅުމަށްފަހު، ޕޮގްބާއަށް ކުރިމަތިލާން ޖެހިފައިވަނީ އުނދަގޫ ދުވަސްތަކަކާއެވެ. އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން މިދިޔަ ސީޒަނުގައި ޕޮގްބާ ފެނިގެން ގޮސްފައިވަނީ އިޓާލިއަން ސެރީއާގެ އެންމެ ހަތަރު މެޗުގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 30 އަހަރުގެ ޕޮގްބާގެ އަނިޔާގެ މައްސަލަތައް ގިނަވުމާއެކު ބޮޑު މުސާރައެއް ދޭން ޖެހޭތީ، ޔުވެންޓަސް އިން ބޭނުންވަނީ އޭނާ ވިއްކާލުމަށެވެ. ނަމަވެސް ޔުވެންޓަސް އިން ރަސްމީކޮށް އެފަދަ ވާހަކައެއް އަދި ދައްކައިފައެއް ނުވެއެވެ.

comment ކޮމެންޓް