ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީ ހޯދަން އެންމެފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

މަހިބަދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ތޯރިގް

ފޯޅަވަހީގެ ސިޔާދީ ބާރުވެރިކަން މޮރިޝަސްއަށް ލިބިގެންވާކަމަށް ޤަބޫލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވިކަމަށް ބުނާ ސިޓީ ހޯދަން އެންމެފަހުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި ސިޓީ ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު ޢަހްމަދު ތޯރިގެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް، މެމްބަރު ތޯރިގު މިއަދު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ، މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާކަމަށް ދައުވާކުރާ މައްސަލައިގައި ޒަމާނުއްސުރެ، ދިވެހިރާއްޖެއިން އަމަލުކުރަމުން އަންނަ އަދި ދަމަހައްޓަމުން އަންނަ ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން، ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދުން ބައެއް އުނިވެފައިވާކަމަށެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ 22 ވަނަ ދުވަހު ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓިއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 3 ވަނަ މައްދާއިން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާ ކަމަކަށްވާތީވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީއަށް އެ ސިޓީ ގެންނަވައި މި މައްސަލަ ބަލައިދެއްވުމަށް ތޯރިގް ވަނީ އެދިފައެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ފޮނުއްވި ސިޓީގެ މައްސަލަ ބެލުމަށް މަޖިލީހުގެ ރައީސަށް ދަންނަވާފައިވާއިރު، މި ސިޓީގެ މައްސަލާގައި ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައިވަނީ ޤައުމުތަކުގެ ރައީސުންނަށް ފޮނުއްވާ ސިޓީތަކުގެ ސިއްރު ހާމަކުރުމަކީ މި ސަރުކާރުން ކުރާނޭކަމެއް ނޫން ކަމަށެވެ.

މި މައްސަލައިގައި އަދުގެ ސަރުކާރު މޮރިޝަސްކޮޅަށް ޖެހިފައިވާކަމަށް އިދިކޮޅު ސިޔާސީ ލީޑަރުންނާއި މި މައްސަލައާއި ގުޅުންހުރި ބޭފުޅުން ވިދާޅުވަމުންދާއިރު، ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، ފޯޅަވަހި މައްސަލައިގައި އެއްވެސް ސަރުކާރަކާ ވާހަކަ ދައްކަވާފައި ނުވާނޭކަމަށެވެ. ނަމަވެސް މި މައްސަލާގައި މީގެ ކުރީގެ ސަރުކާރުތަކުން އެކި ފަރާތްތަކާ ވާހަކަ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއްބަޔަކު އިނގިރޭސިވިލާތާ ވާހަކަތައް ކުރިއަށްގެންދިޔައިރު، އަނެއްބަޔަކު މޮރިޝަސްއާ ވާހަކަތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް