އެޑިޓޯރިއަލް: ރައްޔިތުންގެ ކުންފުނި މުޖުތަމަޢުއަށް ޙިދުމަތް ކުރުމުގައި މެކުހަށް!

އެމްޓީސީސީއިން ކެނދިކުޅުދޫއަށް ހަދިޔާކުރި ބަސް-- ފޮޓޯ: އެމްޓީސީސީ

މީގެ 41 އަހަރު ކުރިން، 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އުފެދުނު އެމްޓީސީސީގެ އަމާޒަކީ ޤައުމު ބިނާކުރުމެވެ. ސަރުކާރުން ހިންގާ ޤައުމީ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ބިނާކުރުމެވެ. ދަތުރުފަތުރުގެ ވިއުގަތައް ޤާއިމުކުރުމެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ކަނޑު ދަތުރުފަތުރުގެ ޞިނާއަތްތައް އޮމާންކަމާއެކު ހިންގަމުން ގެންދިއުމަށް ބޭނުންވާ ވަސީލަތްތައް ލިބިގަތުމުގެ މަގު ފަހިކޮށްދިނުމެވެ. ކަން މިހެން އޮތް ކަމުގައިވިޔަސް، ރައްޔިތުންގެ ކުންފުނި އެމްޓީސީސީއަކީ އެ ކުންފުނިން އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގާ ރަށްރަށުގައާއި އަދި އެ ނޫން ވެސް އެކި ކަހަލަ އިޖުތިމާއީ ކަންކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ޒިންމާ އަދާކުރަމުންދާ ކުންފުންޏެކެވެ.

މުޖުތަމަޢުގެ ކަންކަމަށް ޙިއްސާކުރުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އެމްޓީސީސީގެ ސަޤާފަތުގައި ހިމެނޭ ކަމެކެވެ. ކުންފުނީގެ ތަޞައްވުރާއި ކުންފުނިން އަގު ވަޒަންކުރާ ކަންކަމުގައި ހިމެނޭގޮތުގެ މަތީން އެމްޓީސީސީން ހިންގާ ވިޔަފާރީގެ ޙަރަކާތްތައް މެދުވެރިކޮށް ކުންފުނީގެ އިޖުތިމާޢީ ޒިންމާ އަދާކުރަމުން ގެންދެވެއެވެ. މީގެ މަޤްސަދަކީ އިޤްތިސާދީ ނަފާ ފޯރުކޮށްދީ، ހަމަޖެހުން ބޮޑު ދެމެހެއްޓެނިވި މުޖުތަމަޢުއެއް ބިނާކުރުމުގައި ޙިއްސާވުމެވެ. ކުންފުނީގެ އިޖުތިމާޢީ ކަންކަން ހިންގުމުގައި އެމްޓީސީސީން ގެންގުޅޭ އުސޫލަކީ ކުންފުނީގެ ވަސީލަތްތަކާއި ހުނަރު އަދި ފަންނުވެރިކަން ބޭނުންކޮށްގެން ގުޅުންތައް އުފައްދާ، އެމްޓީސީސީގެ މަސައްކަތްތައް ހިންގާ ރަށްރަށާއި އަތޮޅުތަކަށް ނަފާ އިތުރުކޮށްދިނުމެވެ.

އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް ވިދާޅުވާގޮތުގައި " ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ދެއްވާފައިވާ ލަފާފުޅާ އިރުޝާދަކީ އަބަދުވެސް ރައްޔިތުންނަށް އޯގާތެރި، ހިތްހެޔޮ އަދި ދީލަތި ރައްޔިތުންގެ ކުންފުންޏެއްގެ ގޮތުގައި މި ކުންފުނި ދެމިއޮތުން. ވީމާ، އެމްޓީސީސީ އިޖްތިމާޢީ ޒިންމާ އަދާކުރުމުގައި އަބަދުވެސް ނަމޫނާ ކުންފުންޏެއް ގޮތުގައި އޮތުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެން."

މިއީ ވަރަށް ބޮޑު ހަގީގަތެއްކަން އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން އަދާކޮށްފައިވާ ހަރަކާތްތަކުގެ ތަފާސް ހިސާބުތަކަށް ބަލައިލުމުން އެނގެއެވެ. އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2019 އިން 2022 އާއި ހަމައަށް މިހާތަނަށް 835 މަސައްކަތެއް އެކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން 101 ރަށަކަށް ވަނީ ކޮށްދީފައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ކުންފުނީގެ އިޖުތިމާޢީ ޒިންމާ ނުވަތަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް.)ގެ ދަށުން، ގިނަގުނަ މަސައްކަތްތަކެއް ދަނީ މިހާރު ވެސް ކުރެވެމުންނެވެ. އެގޮތުން، ޤައުމުގެ މުސްތަޤްބަލް ކަމުގައިވާ ސްކޫލް ދަރިވަރުންނަށް ލުއި ފަސޭހަ ކޮށްދިނުމަށްޓަކައި ފޯރުކޮށްދެވޭ ކޮންމެ ޚިދުމަތަކީ އެމްޓީސީސީން އުފަލާއެކު އަދާކުރާ ޒިންމާއެކެވެ. މިއަހަރުތެރޭ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުންފުނީގައި އެދިވަޑައިގަތީ ނ. ކެނދިކުޅުދޫ ސްކޫލް ދަރިވަރުން ދަތުރު ކުރުމަށް ބަހެއް ހަމަޖައްސައި ދިނުމަށެވެ.

ޖުމުލަ 207 ހެކްޓަރުގެ ނ. ކެނދިކުޅުދޫއަކީ ބިމުގެ ގޮތުން ބޮޑު ރަށަކަށް ވުމުން، ދަތުރުފަތުރު ކުރުމުގައި ސްކޫލް ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ވަނީ ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރަން ޖެހިފައެވެ. މިހާތަނަށް އެ ސްކޫލް ދަރިވަރުން ބޭނުންކުރަމުން އައި ބަހަކީ ގިނަ ދުވަސްވެ ބާވެފައިވާ ބަހެއްކަމުން، އެންމެ އެކަށީގެންވާ ގޮތުގައި ބަހުގެ ޚިދުމަތް ދިނުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އެގޮތުން މި ދަތިކަން ހައްލުކޮށްދިނުމަށްޓަކައި، އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކެނދިކުޅުދޫ ސްކޫލް ދަރިވަރުން ބޭނުންކުރުމަށް 46 މީހުންގެ ޖާގައިގެ މޭން ކޯޗް ބަހެއް މިވަނީ ހަދިޔާކޮށްފައެވެ.

އެމްޓީސީސީއިން މި ބަސް ހަދިޔާކުރިނަމަވެސް މި ބަހުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ބެލެހެއްޓުމުގެ ޒިންމާ އަދާކުރާނީ ކެނދިކުޅުދޫ ކައުންސިލުންނެވެ.

ދެހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ކެނދިކުޅުދޫގެ ސްކޫލް ހުންނަނީ ދެ އަވަށް މެދުގައެވެ. ރަށުގެ ބޮޑު މަގަކީ ދެ ކިލޯމީޓަރު ދިގު ރާސްތާއެކެވެ. އަދި ސްކޫލް ރަށު މެދުގައި ހުރުމުގެ ސަބަބުން ކޮންމެ އަވަށަކުންވެސް އެއް ކިލޯމީޓަރުގެ ދިގުމިން ސްކޫލާއި ހަމައަށް ހުރެއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް، ހަސަން މުޙައްމަދު މިކަމާ ގުޅިގެން ވާހަކަފުޅު ދައްކަމުން ވިދާޅުވިއެވެ. "މި އަތޮޅުގައިވެސް އަޅުގަނޑު ހިތުން ސްކޫލަށް ދާ އާބާދީ ނިސްބަތުން އެންމެ ބޮޑު ރަށަކީ މިއީ. ގާތްގަނޑަކަށް 400 އެއްހާ ކުދިން މި ރަށު ސްކޫލްގައި މިހާރު ވެސް ކިޔަވަމުން އެބަދޭ. ސްކޫލަށް ދާން އޮތް މަގު ދިގުވެފައި ދުރުވުމުން ހަޤީގަތުގައި ވެސް ވަރަށް ގިނަ ދަތިތަކާ އަޅުގަނޑުމެންގެ ކިޔަވާކުދިން ކުރިމަތިލާންޖެހޭ. މި ރަށަށް ސްކޫލް ބަހެއް ވަރަށް މުހިއްމު. އަދި އެ ބަހަށް ގެއްލުމެއްވެ ނުދުއްވިއްޖެނަމަ ވަރަށް ބޮޑު ތަކުލީފާއި ކުރިމަތިލާންޖެހޭ. އެމް.ޓީ.ސީ.ސީއިން މި ހަދިޔާކުރެއްވި ބަހާއެކު ހަމަ އަސްލުގައި ވެސް ވަރަށް ބޮޑު ތަސައްލީއެއް ސްކޫލަށް ދަރިވަރުން ގެންދިޔުމުގައި އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ."

ދުރުން މަންޒަރު ބައްލަވާ ފަރާތްތަކަށް، މިއީ ކުޑަކުޑަ ކަމެކޭ ހީފުޅުވިޔަސް، ރަނގަޅު ފެންވަރުގެ ބަހެއްނެތި ދަތުރުކުރަމުން ދިޔަ ދަރިވަރުންނަށް ފެންވަރު ރަނގަޅު ބަހެއް ލިބުމަކީ ލިބުނު ވަރަށް ވެސް ބޮޑު ލުއި ފަސޭހައެކެވެ. ހަމައެހެންމެ ރައްޔިތުންގެ ކުންފުނިން ދެކޭގޮތުގައި އެ ތަކުލީފުން ކެނދިކުޅުދޫގެ ދަރިވަރުންނަށް ތަސައްލީއެއް ދެވުމަކީ އެ ކުންފުންޏަށް ވެސް ލިބުނު ނުހަނު ބޮޑު އުފަލެކެވެ. އިޖްތިމާޢީ ޒިންމާ އަދާކުރުމުގައި އެމްޓީސީސީން އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދޭނެކަން މިދަނީ ސާބިތުވަމުންނެވެ. މުޖުތަމަޢުއަށް ޙިދުމަތްކުރުމުގައި ރައްޔިތުންގެ ކުންފުނި ދަތުރު ކުރަނީ އެންމެ އުހަށެވެ. ފަސްއެނބުރި ބެލުމެއް ނެތިއެވެ.

comment ކޮމެންޓް