މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވައި ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ނިންމައިފިއެވެ.
އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބުނުމުން އާއިލާއިން ވަނީ އެކަމާ ދެކޮޅުކަން ހާމަކޮށް ހަށިގަނޑު ހަވާލު ކޮށްދިނުމަށް އެދިފައެވެ.
މިދިޔަ އަންގާރަ ދުވަހު އަބްދުﷲ ރަޝީދު މަރުވީ ގދ. ހޯނޑެއްދުއިން އޭނާ ހައްޔަރުކޮށް އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާގެ މެންބަރުން ބުނެއެވެ.
ތުހުމަތުތަކާ އެކު އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހެދުމަށް ނިންމުނުން އެކަން ހުއްޓުވައި ދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރުމަށް އާއިލާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ސަބަބެއް ކަމަށް އާއިލާއިން ބުނެފައިވަނީ މައްޔިތާއަށް އިތުރު ގެއްލުމެއް ނުދީ ވީ އެންމެ އަވަހަކަށް ވަޅުލުމަށެވެ.
ނަމަވެސް އާއިލާއިން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ވަނީ ނިންމާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި މަރުވެފައިވާ މީހާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބެން ޖެހޭނެ ކަމަށް ޝަރީއަތުން ގަބޫލުކުރާ ކަމަށެވެ.
އަބްދުﷲގެ އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު ނުލިބިގެން އެޗްއާރުސީއެމްއާއި އެެހެން މުއައްސަސާތަކަށް ވެސް ޝަކުވާ ހުށަހަޅާފައެވެ.
ލަނޑާ ނަގައިގެން ވިއްކުމުގެ މަސައްކަތް ކުރި އަބްދުﷲ ރަށުގައި އުޅެމުން ދިޔައީ އެކަންޏެވެ. އޭނާގެ އަނބިމީހާއާއި ހަތަރު ކުދިން ތިބެނީ މާލޭގައެވެ. ތިން އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖަކު އޭނާގެ ހުންނައިރު އެތަނުން 18 އަހަރު ފުރުނީ އެންމެ ކުއްޖަކަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ އަބްދުﷲ ހަށިގަނޑު މާލެ ގެނެސް ވަނީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށް ލައިފައެވެ. މާދަމާ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ގެންދާތީ މިރޭ އާއިލާއަށް މޫނު ދެއްކުމަށް ވަނީ ނިންމައިފައެވެ.