ބީޖޭޕީ ޓިކެޓާއެކު ސިޔާސީ ދާއިރާއަށް ނުކުންނަން ތައްޔާރު: ކަންގަނާ

ބޮލީވުޑްގައި ފާހަގަކޮށްލެވޭ އެކްޓްރެސް ކަންގަނާ ރަނައުޓު ސިޔާސީ ދާއިރާއަށް ނުކުންނަން ތައްޔާރުކަމަށް ބުނެފިއެވެ.

ބޮލީވުޑްގައި ހިނގާ ކަންކަމާއި ދުނިޔޭގެ އެކި މައްސަލަތަކާ ބެހޭ ގޮތުންވެސް އަބަދުވެސް ޚިޔާލު ފާޅުކުރާ ކަންގަނާ ބުނީ އިންޑިއާގެ ވެރިކަން ކުރާ ބާރަތުޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ޓިކެޓު ދީފި ނަމަ ސިޔާސީ ދާއިރާއަށް ނުކުންނަން އޭނާ ތައްޔާރު ކަމަށެވެ.

ކަންގަނާގެ އުފަން ސްޓޭޓް ހިމާޗަލް ޕަރްދޭޝްގައި ބޭއްވި ހަފުލާއަކަށްފަހު ވާހަކަދައްކަމުން އޭނާ ބުނީ، ބީޖޭޕީގެ ޓިކެޓުގައި އޭނާ ނުކުންނާނެ ކަމަށާއި ސަރުކާރުން އޭނާގެ ބައިވެރިވުން ބޭނުންވާ ނަމަ އެކަމަށް އިޖާބަ ދޭނެ ކަމަށެވެ. އަދި ހިމާޗަލް ޕްރަދޭޝްގެ ރައްޔިތުންގެ އަޑު އިއްވުން އެ މީހުން ފުރުސަތު ދީފި ނަމަ އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 35 އަހަރުގެ ކަންގަނާ މިހާރުވެސް ދަނީ އެކި ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ އެންމެ އަވަހަށް ދެން ފެންނާނީ 'އެމަޖެންސީ' ކިޔާ ފިލްމަކުންނެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަޔާތާ ބެހޭ ގޮތުން ކަންގަނާ ލިޔެ، ޑައިރެކްޓް ކުރާ އެ ފިލްމުގައި އިންދިރާ ގާންދީގެ ރޯލުން ފެންނާނީ ކަންގަނާއެވެ. އެ ފިލްމުގައި އޭނާއާއެކު އަނުޕަމް ކޭރް އާއި ސަތިޝް ކޯޝިކް އަދި މިލިންދު ސޮމަން ވެސް ފެންނާނެއެވެ.

comment ކޮމެންޓް