ހަފުލާއެއްގެ ތެރޭގައި ފިތި ބާރުވެގެން ދެކުނު ކޮރެއާގައި 151 މީހުން މަރުވެއްޖެ

ސޯލް (30 އޮކްޓޯބަރު 2022): ދެކުނު ކޮރެއާގައި ހަލޮވީންގެ ކުޅިވަރުތައް ފާހަގަކުރަނިކޮށް ފިތިގެން 151 މީހުން މަރުވެއްޖެއެވެ.

ހަލޮވީން އަކީ ނަސާރާއިންގެ އަގީދާއާ ކޮންމެވެސް ވަރަކަށް ގުޅުން އޮންނަ އަދި އެމީހުންގެ ދީނީ އާދަކާދަތަކާ ސީދާ ގޮތެއްގައި ގުޅިފައިވާ ކުޅިވަރުތަކެކެވެ.

ދެކުނު ކޮރެއާގައި އިއްޔެ ބޭއްވި ހަލޮވީންގެ ކުޅިވަރުތަކާއެކު ވެރިރަށް ސޯލްގައި ބޭއްވި ހަފުލާއެއްގައި ބައިބޯވެ އެތައް ސަތޭކަބަޔަކު ފިތިގެންނާއި ހާސްވެގެން ހަޅޭއްލަވާ އަޑު އިވުނެވެ. ފަހުން ލިބުނީ އޭގެތެރެއިން އެތައް ބަޔަކު ފިތިގެން މަރުވި ޚަބަރެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުން ހަލޮވީން ފާހަގަކުރީ އެތައް ސަތޭކަ ބަޔަކު އެއްވެގެން ސޯލްގެ ވަރަށް ހަނިމަގެއްގައެވެ. ދެކުނު ކޮރެއާގެ ޔުންހާބު ނޫސް އެޖެންސީއިން ޚަބަރުދޭގޮތުގައި ހަލޮވީންގެ ހަފުލާ ބޭއްވީ ވެރިރަށް ސޯލްގެ މެދުތެރޭގައިވާ ވަރަށް ހަނި މަގެއްގައި ޓެންޓް ޖަހައިގެންކަމަށާ މި ހަފްލާގައި ގިނަ ބަޔަކު ފިތޭގޮތްވީ އެއްބަޔަކު އެނެއްބަޔަކު ކޮއްޕުމުގެ ސަބަބުންނެވެ.

އާންމު ވެފައިވާ މިތަނުގެ ފޮޓޯތަކުން ފެންނަނީ މަރުވެފައިވާ މީހުންގެ ހަށިތަކާއި އަނިޔާވެފައިވާ އެތައް ބަޔަކު ބިންމަތީގައި ދެމިފައިވާ މަންޒަރާއި އެތަނުގައި ތިބި އެހެން މީހުން އެމީހުންނަށް އެހީވާން އުޅޭ މަންޒަރެވެ. ޔުންހާބު ނޫސް އެޖެންސީއިން ބުނާ ގޮތުން މިހާދިސާގައި 151 މީހަކު މަރުވެ 76 މީހަކު ވަނީ ޒަޚަމްވެފައެވެ.

ޒަޚަމްވި މީހުންގެ ތެރެއިން 19 މީހެއްގެ ހަލާތު ވަރަށް ސީރިއަސް އެވެ. މަރުވި މީހުންގެ ތެރޭގައި ބޭރުގައުމުތަކަށް ނިސްބަތްވާ 19 މީހަކުވެސް ހިމެނެއެވެ. އެއީ އިރާން، އުޒްބަކިސްތާން، ޗައިނާ އަދި ނޯވޭއަށް ނިސްބަތްވާ މީހުންނެވެ.

އެ ހާދިސާ ހިނގުމުން އެ ސަރަހައްދަށް 140 އަށްވުރެ ގިނަ އެންބިއުލަންސް ދިޔައެވެ. މަރުވި މީހުންގެ ހަށިތަކާއި ޒަޚަމްވެފައިވާ މީހުންގެ ހަށިތައް ކައިރީގައިވާ ހޮސްޕިޓަލްތަކަށް ގެންދިޔައީ އެތަކެތީގައެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސޮކް ޔޮލް ވަނީ މިހާދިސާއާމެދު ހިތާމަ ކުރައްވައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށްވެސް އެދޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިހާ ގިނަ ބަޔަކު މަރުވެފައިވާތީ ރައީސް ޔޫން ސޮކް ވަނީ މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެއްކަމަށް ވެސް ކަނޑައަޅުއްވާފައެވެ.

comment ކޮމެންޓް