ހުޅަނގުގެ ޤައުމުތަކުން ކަންބޮޑުވާ ފަދަ ބޮޑެތި މައްސަލަތަކެއް ރާއްޖޭގައި ހުރިކަމަށް ވަރަށް ގިނައިން ކުރީގެ ސަރުކާރުން ވާހަކަ ދައްކަަވާފައިވެއެވެ. ވެރިކަމުގައި ތިއްބެވިއިރުގައިވެސް މެއެވެ. ވެރިކަމުން ދުރުވުމަށް ފަހު ބައިނުލް އަޤްވާމީ މީޑިއާތަކުގައި އެއަޑު މާގަދަކަޮށްފިއެވެ. ކުރީގެ ރައީސް ދެވަނަ، ބޭރުގެ ނޫސްތަކަށް، އަމިއްލަފުޅަށް ލިއުއްވާ ބައެއް މަޒްމޫނުތަކުގައިވެސް މިދެންނެވުނު މައްސަލަތައް ރާއްޖޭގައި ހުރިކަމަށް ލިއުއްވާފައިވެއެވެ. އެގޮތަށް އެފަރާތްތަކުން ހާމަކުރައްވަމުން ގެންދަވާނެކަމަށް ޤަބޫލުކުރެވެނީ އެފަރާތްތަކަށް ޤަބޫލުކުރެވޭ ފަދަ ހެއްކާ ޤަރީނާތަކެއް ލިބޭ ކަންތައްތަކެއްވެސް ފެނިގެންނެވެ. މިވާހަކަތައް ބަލައި ގަންނަން އުނދަގޫވަނީ އެފަރާތްތަކުން، އެ ހާމަކުރައްވާ މައްސަލަތައް ކަންބޮޑުވާ ދަރަޖައަށް ރާއްޖޭގައި އޮންނަކަމަށްވާނަމަ އެފަދަ ކަންތަކުގެ ވާހަކަ ރާއްޖޭގައި ކުރިން ނުދެއްކެވުމުންނެވެ. ކީއްވެގެންތޯއެވެ؟ އަދި ވެރިކަމުން ދުރުވުމަށްފަހުވެސް ސިޔާސީ ސްޓޭޖްތަކުގައި އެވާހަކަތައް ނުދެއްކެވުމުންނެވެ. ކޮންސަބަބަކާހުރެތޯއެވެ؟ ޤައުމަށް އެހާބޮޑު މައްސަލަތަކެއް ކުރިމަތިވެފައި އޮތްއިރު އެކަމަށް ހައްލެއް ހޯއްދެވުމަށް ވެރިކަމުގެ އާރާއި ބާރު އޮތް އިރު އެއްވެސް ފިޔަވަޅެއް އެޅުނުތަން އަޅުގަނޑުމެންނަށް ފެނިގެންނުދިޔައީ ކީއްވެގެންތޯއެވެ؟ ރާއްޖޭގެ ސިޔާސީ ސްޓޭޖްގައި އިވެމުންދާ އަޑަކީ "ގަދަކަމުން ވެރިކަމުން ދުރުކުރެވުނު"ކަމަށްބުނާ ވާހަކައިގެ އަޑެވެ. އެހެންނަމަވެސް ބައިނުލްއަޤްވާމީ ސްޓޭޖްގައި މައިގަނޑުގޮތަކަށް ދައްކާ ކަމަށް ފެންނަނީ މުޅިން އެހެން ވާހަކަތަކެކެވެ. ތެދުފުޅެކެވެ. "ގަދަކަމުން ވެރިކަމުން ބޭލިކަމުގެ" ވާހަކަވެސް އާދައެވެ.

ކުރީގެ ސަރުކާރުގެ އެންމެ އިސްވެރިއާ އަށް ބޭރުގެ މީޑިއާތަކުން ލިބިވަޑައިގެންނެވި ކޮންމެ ފުރުޞަތެއްގައި ކަހަލަގޮތަކަށް ރާއްޖޭގައި ހައްދު ފަހަނައަޅާފައި ވާ މުސްލިމުން އުޅޭ ވާހަކަ ދައްކަވައެވެ. އަދި އެބައި ރާއްޖޭގައި ފެތުރެމުންދާ ވާހަކަ ވިދާޅުވެއެވެ. އެއީ ތެދު ވާހަކަފުޅަކަށްވެސް ވެދާނެއެވެ. އެހެން ކަމަށްވާނަމަ، އެކަން ހުއްޓެވުމަށް ކުރީގެ ސަރުކާރުން ކުރެއްވީ ކޮން މަސައްކަތެއްތޯއެވެ؟ އެޅުއްވީ ކޮން ފިޔަވަޅެއްތޯއެވެ؟ ބެހެއްޓެވީ ކޮންކަހަލަ ހުރަސްތަކެއްތޯއެވެ؟ އެފަދަ ފަރާތްތަކަށް ކުރިޔަށް ދިއުމަށް އެހެން މަގެއް ދެއްކެވިތޯއެވެ؟ މި ނުރައްކާ، އެހާ ސީރިއަސްކަމަށްވާނަމަ އެވާހަކަ ސިޔާސީ ސްޓޭޖްތަކުގައި ގިނަ ގިނައިން ނުދެއްކެނީ ކީއްވެގެންތޯއެވެ؟ ރާއްޖޭގެ ބައެއް ދީނީ ޢިލްމްވެރިންވެސް އިސްލާމްދީނާއި ބެހޭ ވާހަކަތައް ދެއްކުމަށް ވަކި މިންގަނޑެއް އޮންނަންވާނެކަމަށް ވާހަކަފުޅު ދައްކަވާފައިވެއެވެ. ހުރިހާ މުސްލިމު ޤައުމެއްގައި ވެސް އެއީ، އެކަން އޮންނަގޮތްކަމަށް ވިދާޅުވެއެވެ. ދީނީ ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދެއްކެވޭނީ ދީނީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުންނަށެވެ. ބޭސްފަރުވާ ކުރެއްވޭނީ އެފަންނުން އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުންނަށްވާފަދައިންނެވެ. ދީނީ ޢިލްމުވެރިން ހެދުންކޮޅު ތުރުކުރައްވާގޮތަށް ހެދުންލާ ކޮންމެ މީހަކީ، ނުވަތަ ވަގުތުން ފަސްނަމާދުކުރާ ކޮންމެމީހަކީ ދީނީ ޢިލްމުވެރިއަކަށްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް އެއީ ޞާލިޙް އަޅުވެރިއަކަށްވެދާނެއެވެ. ދީނީ ޢިލްމުވެރިންގެ ގިންތީގައި ނުހިމެނޭ ބައެއް މީހުން، ދީނާއި ބެހޭގޮތުން ދައްކާ، އޮޅުންބޮޅުންއަރާފަދަ ބައެއްވާހަކައިގެ އަޑު އަޅުގަނޑުމެންނަށްވެސް އިވެއެވެ. އެހެންނަމަވެސް އެފަދަ އަޑުތައް ދާއިމީގޮތަކަށް ހުއްޓެވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅެއް އެޅުނުބާވައެވެ؟ މިވާހަކަ މިގޮތަށް ދަންނަވަންޖެހުނީ، މިއީ ބޮޑު މައްސަލައަކަށްވެގެން ކުރީގެ ސަރުކާރުން ރާއްޖޭގައި މިވާހަކަ ދައްކަވާފައިނުވާއިރު ބޭރުގެ ފަރާތްތަކާއި ވާހަކަ ދައްކަވާއިރު ކުރިންވެސް އަދި މިހާރުވެސް މިއީ ބޮޑު މައްސަލައެއްގެގޮތުގައި ވާހަކަ ދައްކަވަމުން ގެންދަވާތީވެއެވެ.

ކުރީގެ ސަރުކާރުން ބޭރުގެ މީޑިއާތަކާއެކު ނަންގަވާ އަނެއް މައްސަލައަކީ ރާއްޖޭގައި އަލްޤައިދާ އިން ތަމްރީނު ލިބިފައިވާ ޓެރަރިސްޓުން އުޅޭ ވާހަކައެވެ. އަނެއްކާވެސް ދަންނަވަންޖެހެނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިވާހަކަތައް މައްސަލައެއްގެގޮތުގައި ދެއްކޭ އަޑުނީވޭ ވާހަކައެވެ. އަލްޤައިދާ އިން ތަމްރީނު ލިބުނީ ކިތައް މީހުންނަށްތޯއެވެ؟ އެކަން އެނގުނީ ކިހިނެއްތޯއެވެ؟ އެފަދަ މީހުން ރާއްޖޭގައި ޓެރަރިޒަމްގެ މަސައްކަތްކުރަމުންދޭތޯއެވެ؟ ތެދުފުޅެކެވެ. ރާއްޖޭގައި ޓެރަރިޒަމްގެ ޙަރަކާތްތައް ހިންގައެވެ. އެކަމަކު އެހަރަކާތްތަކަކީ އަލްޤައިދާއިން ތަމްރީނު ލިބިފައި ތިބި މީހުން ހިންގާ ޙަރަކާތްތަކެއްތޯއެވެ؟ ސަރުކާރު ބަދަލުވުމުން، އައްޑު އަތޮޅުގައާއި، ހުވަދު އަތޮޅުގައާއި، ހައްދުންމަތީގައި ހިންގި ހުޅުޖެހުމުގެ ގެއްލުންދެނިވި، ނޭއްގާނި ޓެރަރިޒަމްގެ އަމަލަކީ އަލްޤައިދާގެ ތަމްރީނު ލިބިފައިތިބި މީހުން ހިންގި އަމަލެއްތޯއެވެ؟ ޚަބަރު ލިބޭގޮތުގައި އެ ސަރަހައްދުގެ މުހިއްމު ވަޒީފާތަކުގައި ތިބި ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިންވެސް މި ނާތަހުޒީބު އަމަލުގެ ފަހަތުގައިވެއެވެ. ނުވަތަ މިއަމަލުގައި ބައިވެރިވެފައިވެއެވެ.

އިޒްރޭލު ސަރުކާރާއި ގުޅުން ބަދަހިކުރުމުމުގެ ވާހަކައާއި އިންސާނީ ޙައްްޤުތަކާއި (ޚާއްޞަކޮށް މެޑަމް ޕިއްލޭ ނެންގެވި މައްސަލަ) ޑެމޮކްރަސީ ހަރުދަނާކުރުމުގެ ވާހަކައަކީ ހުޅަނގުގެ ޤައުމުތަކުގެ ސަމާލުކަން ލިބޭނެ މައްސަލަތަކެވެ. "ނިއުޔޯރކް ޓައިމްސް" ފަދަ ނޫސްތަކުން ޖާގަ ލިބިދާނެ މައްސަލަތަކެވެ. އެމެރިކާގެ ސަރުކާރާއި ތިމާއާއި ނުބެހޭ ހުރިހާކަމަކާއި ބެހޭ އިނގިރޭސިވިލާތުގެ ކޮންސަރވޭޓިވް ތާއީދު ބޮޑު ސަރުކާރުގެ ރުހުން ލިބޭނޭ މައްސަލަތަކެވެ.

ކުރީގެ ރައީސް ދެވަނަ، "ނިއުޔޯރކް ޓައިމްސްގައި" ލިއުއްވާފައިއޮތެވެ. " ޚުދުމުޚްތާރުވެރިއަކު ވެރިކަމުން ވަކިވުމުން ޚުދުމުޚްތާރުވެރިކަމެއް މަރެއް ނުވެއެވެ." ތެދުފުޅެކެވެ. އެމަނިކުފާނު މަސައްކަތް ކުރެއްވީ ޚުދުމުޚްތާރު ވެރިކަމެއް ދިރުވާށެވެ. އެކަމުގައި ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް އަށްވުރެ ވެސް ކުރީގައި ހުންނެވުމަށެވެ. ތަފާތު ޙާލަތެއްގައެވެ. އާރޯ ތާނުން ކަނޑާލި ޑެމޮކްރެޓިކް ޤާނޫނުއަސާސީއެއް އޮއްވައެވެ. ދިވެހިރާއްޖޭގެ ތާރީޚް ދެކެފައިނުވާހާ ގިނަ މިނިވަންކަމާއި ފަރުދީ ޙައްޤުތައް ދީފައި އޮތް ޤާނޫނުއަސާސީއެއް އޮއްވައެވެ. ޤާނޫނުއަސާސީން ތިންބާރު ވަކިކުރެވިފައި އޮއްވައެވެ. ޤާނޫނުއަސާސީން، މުހިއްމު މުއައްސަސާތައް ސިޔާސީ ބާރުތަކުން، ވަކިކޮއްފައި އޮއްވައެވެ. އަމިއްލަފުޅަށް ޤާނޫނާއި ޤާނޫނުއަސާސީ ތަރުޖަމާ ކުރައްވައިގެންނެވެ. އެވެސް މިޤަރުނުގައެވެ! އެކާވީސް ވަނަ ޤަރުނުގައެވެ! ޑެމޮކްރަސީގެ މާތްނަމުގައެވެ!
ގުޅޭ ޓެގު
comment ކޮމެންޓް