ރާއްޖޭގެ އެކައުންޓިން ދާއިރާއިން ފެންނަނީ އުޖާލާ ކުރިމަގެއް ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް)ގެ މިއަހަރުގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ އެކައުންޓިން ދާއިރާއަށް ވަނުމަށް ޒުވާނުންގެ ޝައުގުހުރި މިންވަރު ސްކޮލާޝިޕްތަކަށް ކުރިމަތިލި މީހުންނަށް ބެލުމުންވެސް އެނގޭ ކަމަށެވެ. މިކަމުން ވެސް ދައްކައިދެނީ ރާއްޖޭގައި މިދާއިރާގެ ކުރިމަގު އުޖާލާކަން ކަމުގައި ނިޔާޒީ ވިދާޅުވިއެވެ.
"މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ސްކޮލާޝިޕް ސްކީމްގެ ދަށުން 150 އަށް ވުރެ ގިން ސްކޮލާޝިޕް ސްކީމަށް ފުރުސަތު ހުޅުވާލެވުނުއިރު، 190 އަށް ވުރެ ގިނަ ފުރުސަތުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ދަށުން މިދާއިރާއަށް ހުޅުވާލެވުނު. މި ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލި ފަރާތްތަކުގެ އަދަދުތައް އެހާމެ ގިނަ. އެގޮތުން 500 އަށް ވުރެ ގިނަ ބޭފުޅުން ހަޔާ އެޑިޔުކޭޝަންގެ ސްކޮލާޝިޕަށް ކުރިމަތިލިއިރު 1000 އަށް ވުރެ ގިނަ ބޭފުޅުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފުރުސަތުތަކަށް ކުރިމަތިލި. މިކަމުން އެނގިގެން މިދަނީ ރާއްޖޭގައި މިދާއިރާގެ ކުރިމަގު އުޖާލާކަން،" ނިޔާޒީ ވިދާޅުވިއެވެ.
އެކައުންޓިން ދާއިރާއިން އިތުރު ސްކޮލާޝިޕް ފުރުސަތުތައް އިއުލާންކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ނިޔާޒީ ވިދާޅުވިއެވެ.
ނިޔާޒީގެ ވާހަކަފުޅުގައި އިންސްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) ވޫޖޫދަށް އައުމުގެ ކުރިން ދިމާވި ގޮންޖެހުންތަކާއި ސީއޭގެ މައިގަނޑު އަމާޒުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
އެމްއޭއެފް ވުޖޫދަށް އައިސް އެންމެ ފުރަތަމަ މަހާސިންތާ ބޭއްވިފައިވަނީ 2017 ވަނަ އަހަރު އޭރުގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ ބެލުމުގެ ދަށުންނެވެ. އެއިރު ރާއްޖޭގައި އެކައުންޓެންޓުންނަށް ޤާނޫނީ ވަކި ޚާއްސަ އިންސްޓިއުޓެއް ނެތެވެ. އޭރު އެކައުންޓެންޓުންނަށް ބޭނުންވާ އޮޑިޓްކުރުމުގެ ލައިސެންސް ފަދަ ލައިސެންސްތައް ވެސް ދޫކުރަމުން އައީ އޮޑިޓް އޮފީހުން ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބައިވަރު ދަތިތަކާއި ކުރިމަތިވި. ނަމަވެސް އެންމެ މުހިއްމުކަމަކަށް އަޅުގަނޑުމެން އެންމެންގެވެސް އޮތީ އެންމެ އަމާޒެއް. އަޅުގަނޑުމެން އެންމެންވެސް ބޭނުންވީ އެކައުންޓެންޓުންނަށް އެއަށްވުރެ ފަހި، ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުމަށް. އަޅުގަނޑުމެން ބޭނުންވީ އިތުބާރާ އެކު ޔަގީންކަން މި ދާއިރާގައި ދަމަހައްޓަން. އެގޮތުންވެސް ސީއޭ އުފެދުމުގެ އެންމެ ބޮޑު އެއް ތީމްއަކީވެސް މި ފޯރަމް،" ނިޔާޒީ ވިދާޅުވިއެވެ.
ޗާޓާޑް އެކައުންޓެންޓުންގެ ގާނޫނެއް ވުޖޫދަށް ގެނައި ކަމަށްޓަކައި އޮޑިޓާ ޖެނެރަލް ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ޝުކުރު ދަންނަވާފައެވެ.
ނިޔާޒީ ވިދާޅުވިގޮތުގައި ރާއްޖޭގެ ދިހަ ކުންފުންޏެއް ޕައި ރަޖިސްޓާޑް އޮޑިޓަރުންގެ ގޮތުގައި މިހާރުވަނީ ރަޖިސްޓްރީ ކުރެވިފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ތާރީޚުގައިވެސް އަލަށް ސަރުކާރު ކުންފުނިތައް އޮޑިޓްކުރަން ބިޑްކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބިފައިވެއެވެ.
ސަރުކާރު ކުންފުނިތައް އޮޑިޓް ކުރުމަށް ހުޅުވާލި ބީލަމުގެ ތެރެއިން ތިން ބައި ކުޅަ އެއް ބައި އޮޑިޓްތައް ބަލަހައްޓަމުން ގެންދަނީ ރާއްޖޭގެ އޮޑިޓް ކުންފުނިތަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއަދާހަމައަށް ދިހަ އޮޑިޓްފާމެއް ޕައި އޮޑިޓް ރެގިއުލޭޝަންސްގެ ދަށުން ޕައި އޮޑިޓާސްގެ ގޮތުގައި ރަޖިސްޓާ ކުރެވިފައިވާއިރު، އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އެސްއޯއީ އެކައުންޓް އެންޑް އޮޑިޓް ރެގިއުލޭޝަން އެ ކުންފުނިތަކަށް ފޯރުކޮށްދީފައި. އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮށްލަން ބޭނުން ސަރުކާރުގެ 29 ކުންފުނިތަކުގެ ތެރެއިން ދިހައަކަށް ވުރެ ގިނަ ކުންފުނިތަކުގެ އޮޑިޓްތައް އެވޯޑްކޮށްފައި ވަނީ ލޯކަލް އޮޑިޓް ފާމްތަކާ،" ނިޔާޒީ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އޮޑިޓް ސްޓެންޑަޑްތަކުގައި ހިފެހެއްޓުމަކީ ސީއޭގެ އެންމެ މައިގަނޑު އެއް އަމާޒުކަމުގައި ފާހަގަ ކުރައްވަމުން ނިޔާޒީ ވިދާޅުވީ ރާއްޖޭގެ އެކައުންޓިންގެ ހަރަކާތްތަައް ރެގިއުލޭޓް ކުރާ ފަރާތުގެ ހައިސިއްޔަތުން ސީއޭގެ އަމާޒަކީ ބައިނަލްއަގުވާމީ އޮޑިޓް އަދި އެކައުންޓިން މިންގަނޑު ތަކުގައި ހިފެހެއްޓުން ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ ބައިނަލްއަގުވާމީ ފައިނޭންޝަލް ރިޕޯޓިން މިންގަނޑުތަކާ އެއްގޮތަށް، އެ ފްރޭމްވޯކްގެ ތެރެއިން މަސައްކަތްތައް ކުރެވެމުންދިޔުން. އަދި، އޮޑިޓް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އަޅުގަނޑުމެންގެ އޮޑިޓްކުރުމާ ބެހޭ ލައިސެންސް ހޯދައިފައި ތިބި އޮޑިޓަރުން ޢަމަލުކުރަމުންދާކަމަށް އުންމީދުކުރަން،" ނިޔާޒީ ވިދާޅުވިއެވެ.
މިއަހަރުގެ އެކައުންޓެންޓުންގެ މަހާސިންތާގައި ހަތް ޕެނަލް ޑިސްކަޝަން، 10 ކީނޯޓް އެޑްރެސް އަދި 40 ބޭފުޅުން އެބޭފުޅުންގެ ޚިޔާލާއި ތަޖުރިބާ އަށް މައުޟޫއެއްގެ މައްޗަށް ހިއްސާކުރައްވާނެއެވެ. މިއަހަރުގެ މަހާސިންތާގެ ތީމަކީ "އިގްތިޞާދީ ބަދަލުތައް؛ ގައުމުގެ އާ އިގްތިޞާދު ކުރިއެރުވުމާ މެދު ވިސްނުން،"މިއެވެ.