ފިޔަވައްޗަށް އެހީވެވޭނެ ކަންކަމާ ގުޅޭގޮތުން މިފްކޯއިން މަޝްވަރާކޮށްފި

މިފްކޯއިން ފިޔަވައްޗަށް ކުރި ޒިޔާރާތުގެ ތެރެއިން --- ފޮޓޯ/ މިފްކޯ

މިފްކޯއިން ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ޒިޔާރާތްކޮށް އެ ކުންފުނީގެ ފަރާތުން އެތަނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިފްކޯގެ 29ވަނަ އަހަރީ ދުވަހާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ފިޔަވައްޗަށް ޒިޔާރާކޮށް އެ މަރުކަޒުން އިންތިޒާމުކުރި ކުޑަކުދިންގެ ކުޅިވަރު ދުވަހުގައި ބައިވެރިވެ އެތާގެ ކުދިންނަށާއި މުވައްޒަފުންނަށް ކިޔެވުމަށް ބޭނުންވާ ތަކެއްޗާއި ފޮތް އެ ކުންފުނިން ވަނީ ހަދިޔާކޮށްފައެވެ،

ކުޅިވަރު ދުވަހުގެ ހަރަކާތްތަކުގައި މިފްކޯގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް އަޒްހާން އާއި ޗީފް ފައިނޭންޝަލް އޮފިސަރ އިލްޔާސް ހަނީފް އާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުންގެ އިތުރުން ގިނަ މުއައްޒަފުން ބައިވެރިވިއެވެ. ފިޔަވަތީގެ ފަރާތުން ބައިވެރިވީ އެމަރުކަޒުގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު ޝަފީގެވެ.

މިފްކޯއިން ފިޔަވައްޗަށް ކުރި ޒިޔާރާތުގެ ތެރެއިން --- ފޮޓޯ/ މިފްކޯ

ފިޔަވަތިން އިންތިޒާމު ކުރި ކުޑަކުދިންގެ ކުޅިވަރު ދުވަހުގައި އެމަރުކަޒުގައި ދިރިއުޅޭ އެކި އުމުރުފުރާގެ ކުދިން ބައިވެރިވާ ގޮތަށް ގިނަ ކުޅިވަރުތަކެއް ކުޅުނެވެ.

އެގޮތުން ދުވުމުގެ ރޭހާއި ސްޕޮންޖު ޕާސްކުރުން ފަދަ ކުޅިވަރުތައް ކުޅުނެވެ. އޭގެ އިތުރުން ފިޔަވަތީގެ މުވައްޒަފުންނާއި މިފްކޯގެ މުވައްޒަފުން ބައިވެރިވާ ގޮތަށް ތްރީލެގްޑް ރޭސްއެއްވެސް ވަނީ ބާއްވާފައެވެ.

ހުޅުމާލޭގައި ދެ ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ފިޔަވަތި މަރުކަޒަކީ ދެ ޖިންސުގެ ކުދިންނަށް ވަކިން ދިރިއުޅެވޭ ގޮތަށް ވަސީލަތްތައް ގާއިމުކޮށްގެން ޚިދުމަތްދެވޭ މަރުކަޒެކެވެ.

މިފްކޯއިން ފިޔަވައްޗަށް ކުރި ޒިޔާރާތުގެ ތެރެއިން --- ފޮޓޯ/ މިފްކޯ

މިފްކޯގެ 29ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމެއް ނިމިގެން ދިޔައިރު އެ ކުންފުނީގެ މުވަޒަފުންގެ ގުޅުން ބަދަހިކުރުމަށް ގިނަ ކުޅިވަރުތައް ރާވާ ހިންގަމުން އެބަ ގެންދެއެވެ.

މިފްކޯއިން ބުނީ މިފްކޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަހާފައިވާ ސައިޓުތަކުން ވެސް ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ދިވެހީން ބާނާ މަސް ޕްރޮސެސްކޮށް އަދި އެކްސްޕޯޓް ކުރުމަށް ސަރުކާރުން މިފްކޯ އުފެއްދީ 1993ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް