ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް: 18 އަހަރުން ދަށުގެ ޗެމްޕިއަންކަން އަމީރަށް

ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2022ގައި އަމީރު ރާޅާ އަޅަނީ --- ފޮޓޯ/ ސާފިން އެސޯސިއޭޝަން

މިހާރު ކުރިއަށްދާ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2022ގެ 18 އަހަރުން ދަށުގެ ޝޯޓް ބޯޑު ޗެމްޕިއަންކަން އަހުމަދު އަމީރު ހޯދައިފިއެވެ.

އަމީރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޝާނިފް ޝަފީގާ ވާދަކޮށެވެ.

ފައިނަލް މެޗު އަމީރު ކާމިޔާބުކުރީ 10.70 ޕޮއިންޓުންނެވެ. އެ މެޗުގައި ޝާނިފަށް ލިބުނީ 9.57 ޕޮއިންޓެވެ.

މިއަަދު އެ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލް އަދި 16 އަހަރުން ދަށުގެ ފައިނަލް މެޗު ވެސް ވަނީ ބައްވާފައެވެ. ސާދަ އަހަރުން ދަށުގެ ފައިނަލް ޔޫސުފް ކަޔަން ހަމްދާން ޒަކީ ކާމިޔާބުކުރީ ކަޔަން އަބްދުލް އަރީފްއާ ވާދަކޮށެވެ.

މީގެއިތުރުން 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔަސިން އަހުމަދު ނާޝިދެވެ. ޔަސިން އެ މެޗު ކާމިޔާބުކުރީ، ފައިނަލުގައި 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ކަޔަން އާ ވާދަކޮށެވެ.

ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2022 އަކީ އަންނަ އަހަރަށް ޖޫނިއާ ސާފިން ގައުމީ ޓީމު އެކުލަވާލަން ބާއްވާ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

އެ މުބާރާތުގައި ފިރިހެން ޑިވިޝަނުގައި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ ކެޓެގަރީގެ އިވެންޓްތައް ކުރިއަށް ދާނެއެވެ. އެ މުބާރާތް ފަށައިފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.

comment ކޮމެންޓް