މިހާރު ކުރިއަށްދާ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ ޝޯޓް ބޯޑު ޗެމްޕިއަންކަން ޔަސިން އަހުމަދު ނާޝިދު ހޯދައިފިއެވެ.
ޔަސިން ޗެމްޕިއަންކަން ހޯދީ މިއަދު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޔޫސުފް ކަޔަން ހަމްދާން ޒަކީއާ ވާދަކޮށެވެ.
އެ މެޗުގައި ޔަސިންއަށް 11.67 ޕޮއިންޓު ލިބުނިއިރު ކަޔަންއަށް ލިބުނީ 10.37 ޕޮއިންޓެވެ. ކަޔަން އަކީ އެ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެ ޗެމްޕިއަންކަން ހޯދި ރާޅާ އެޅުންތެރިއެކެވެ.

ޔަސިން އަހުމަދު ނާޝިދު ފައިނަލުން މޮޅުވެ އުފާ ފާޅުކުރަނީ--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ޔޫސުފް ކަޔަން 14 އަހަރުން ދަށުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ކަޔަން އަބްދުލް އަރީފްއާއެވެ. ޔޫސުފް ކަޔަން އެ މެޗު ކާމިޔާބުކުރީ 15 ޕޮއިންޓު ހޯދައިގެންނެވެ. އެ މެޗުގައި ކަޔަން އަބްދުލް އަރީފްްއަށް ލިބުނީ 8.26 ޕޮއިންޓެވެ.
އެ މުބާރާތުގައި މިއަދު ވަނީ 18 އަހަރުން ދަށުގެ ފައިނަލް މެޗު ވެސް ކުޅެފައެވެ. އެ މެޗު ކާމިޔާބުކޮށްގެން އެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދައިފައިވަނީ އަހުމަދު އަމީރެވެ.
ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2022 އަކީ އަންނަ އަހަރަށް ގައުމީ ޖޫނިއާ ގައުމީ ސާފިން ޓީމު އެކުލަވާލަން ބާއްވާ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
އެ މުބާރާތް ފަށައިފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.