ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް: 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަޔަންއަށް

ޔޫސުފް ކަޔަން ހަމްދާން ޒަކީ ރާޅާ އަޅާނީ --- ފޮޓޯ/ ސާފިން އެސޯސިއޭޝަން

މިހާރު ކުރިއަށްދާ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ޝޯޓް ބޯޑު ޗެމްޕިއަންކަން ޔޫސުފް ކަޔަން ހަމްދާން ޒަކީ ހޯދައިފިއެވެ.

ޔޫސުފް ކަޔަން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކަޔަން އަބްދުލް އަރީފްއާ ވާދަކޮށެވެ.

ޔޫސުފް ކަޔަން އެ މެޗު ކާމިޔާބުކުރީ 15 ޕޮއިންޓު ހޯދައިގެންނެވެ. އެ މެޗުގައި ކަޔަން އަބްދުލް އަރީފްްއަށް ލިބުނީ 8.26 ޕޮއިންޓެވެ.

ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް 2022 އަކީ އަންނަ އަހަރަށް ޖޫނިއާ ސާފިން ގައުމީ ޓީމު އެކުލަވާލަން ބާއްވާ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

އެ މުބާރާތުގައި ފިރިހެން ޑިވިޝަނުގައި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ ކެޓެގަރީގެ އިވެންޓްތައް ކުރިއަށް ދާނެއެވެ. އެ މުބާރާތް ފަށައިފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.

މިއަދު ވަނީ 16 އަހަރުން ދަށުގެ އަދި 18 އަހަރުން ދަށުގެ ފައިނަލް މެޗުތައް ވެސް ކުޅެފައެވެ. 16 އަހަރުން ދަށުގެ ފައިނަލުން މޮޅުވެ އެ މުބާރާތް ކާމިޔާބުކޮށްފައި ވަނީ ޔަސިން މުހައްމަދު ނާޝިދެވެ. އަދި 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އަހުމަދު އަމީރެވެ.

comment ކޮމެންޓް