ކެއުމެއްގައި ބައިވެރިވެގެން އައިވީއެފް ފަންޑަށް އެހީވުމުގެ ފުރުސަތެއް

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބޭއްވި ސެޝަންއެއްގެ ތެރެއިން--- ފޮޓޯ/ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ

ދުނިޔޭގެ ފާޓިލިޓީ ދުވަހާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް "އަ ނައިޓް އޮފް ހޯޕް" ގެ ނަމުގައި ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ގޮތުން ރޭގަނޑުގެ ކެއުމެއް ބާއްވަން ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ނިންމައިފިއެވެ.

އެ ސަޕޯޓް ކޮމިއުނިޓީން ބުނީ އެ ކެއުމަކީ ދައުވަތު އެރުވިގެން ވަޑައިގަންނަވާ ޚާއްސަ މެހެމާނުންނާއި އަދި އާންމުންނަށްވެސް ހުޅުވާލައިގެން ބާއްވާ ގާލާ ޑިނާއެއް ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ ދޭއްވާ ބުދަ ދުވަހުގެ ރޭ މީރުމާ ހޯލްގައި ކަމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުންޏެވެ.

އެ ހަރަކާތުގެ އެންމެ ޚާއްސަ ނަންބަރެއްގެ ގޮތުގައި ކުރިއަށްދާނީ ޖަމްޢިއްޔާގެ "އައިވީއެފް ފަންޑް" ލޯންޗްކުރުން ކަމަށް އެ ސަޕޯޓް ކޮމިއުނިޓީން ބުނެއެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނީ އެ ފަންޑަކީ، މާލީ ދަތިތަކާއި ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ މީހުންނަށް ޚާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި ޖަމްޢިއްޔާއިން ހުޅުވާލާ ފަންޑެއް ކަމަށެވެ.

ދަރިމައިވުމުގެ މައްސަލަތަކަކީ ރާއްޖޭގައި އިންތިހާއަށް ގިނަވެފައިވާ އަދި ގިނަބަޔަކު ފަރުވާ ހޯދަމުންދާ ކަމަކަށްވާއިރު، ރާއްޖޭގައި އަދި މިހާތަނަށް ދާއިމީގޮތެއްގައި މަސައްކަތްކުރައްވާ އެއްވެސް ފާޓިލިޓީ ޑޮކްޓަރެއް ނުވަތަ މިފަދަ ޚިދުމަތެއް ދެވޭނެފަދަ ފާޓިލިޓީ ސެންޓަރެއް ނެތްކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. އަދި ކޮންމެ އައިވީއެފް ސައިކަލްއަކަށް ދެ މަސްދުވަހަށް ރާއްޖެއިންބޭރަށް ދާން މަޖުބޫރުވެފައިވާއިރު، އެ ޚިދުމަތުގެ އަގު ގާތްގަނޑަކަށް 5000 ޑޮލަރަށް އަރާ ކަން ވެސް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނީ އެ ޖަމްޢިއްޔާގެ އެންމެ ބޮޑު އަމާޒަކީ ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެ، އިތުރު އެހެން އެއްވެސް ފަރުވާއަކުން ކުއްޖަކު ހޯދުމުގެ މަގު ބަންދުވެފައިވާ ފަރާތްތަކުގެ ތެރެއިން މާލީގޮތުން ދަތިކަންހުރި ފަރާތްތަކަށް މި ފަންޑްގެ އެހީގައި އައިވީއެފް ހެދުމުގެ މަގުފަހިކޮށްދިނުން ކަމަށެވެ.

ދަރިމައިވުމުގައި ދިމާވާ މައްސަލަތަކުގެ ވާހަކައަކީ އަދިވެސް ގިނަ ބަޔަކު ދައްކަން ފަސްޖެހޭ ވާހަކައަކަށްވާއިރު، އެ ވިސްނުން ބަދަލުކޮށް، އާންމުން ހޭލުންތެރިކޮށް، އެކަށީގެންވާ ރަނގަޅު ފަރުވާ ހޯދުމަށް ހިތްވަރުދިނުމަކީ އެ ޖަމްޢިއްޔާއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެއް ކަން ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓިން ބުންޏެވެ.

ދަރިމައިވުމުގެ މައްސަލައަކީ މުޅި ދުނިޔޭގައިވެސް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ބައްޔެކެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގާތްގަނޑަކަށް 48 މިލިއަން މީހުންނާއި 186 މިލިއަން މީހުންނާ ދެމެދުގެ އަދަދަކަށް ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދައެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ދަރިމައިވުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، އެ ކަމާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ލިބެންހުރި ފަރުވާތަކުގެ މައުލޫމާތުދީ، އެ އުނދަގޫތައް ތަހައްމަލުކުރާ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި އުފެއްދި ޖަމްޢިއްޔާއެވެ.

އާދައިގެ ގޮތަކަށް ބޭއްވުނު "ޕިއާ ޓު ޕިއާ ސަޕޯޓް ގްރޫޕް" ސެޝަންތަކަކުން ފެށިގެން، ދަރިމައިވުމުގެ ދަތިތަކާއި ގުޅުންހުރި ތަފާތު މައުޟޫތަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ އެކިއެކި ތަޖުރިބާކާރުންގެ އެހީއާއެކު މައުލޫމާތު ސެޝަންތައް ހިންގި، ޖަމްޢިއްޔާގެ ހަރަކާތްތައް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން މިވަގުތު އެ ޖަމްޢިއްޔާގެ 250 އަށްވުރެ ގިނަ އެކްޓިވް މެމްބަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެބަތިއްބެވެ.

ފަންޑްރެއިސިން ގާލާ ޑިނާގެ ޓިކެޓު މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް