ޕީސީއޯއެސްއާމެދު ހޭލުންތެރިކުރުވުމުގެ ސެމިނާއެއް ބާއްވައިފި

އެފްއެސްސީއިން، ޕީސީއޯއެސްއާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ސެމިނާގެ ތެރެއިން -- ފޮޓޯ: އެފްއެސްސީ

ދުނިޔޭގެ އިންފާޓިލިޓީ ދުވަހާ ގުޅުވައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ (އެފްއެސްސީ)އިން ޕީސީއޯއެސްއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެމިނާއެއް މިއަދު ބާއްވައިފިއެވެ.

މި ސެމިނާއަކީ 'ޕީސީއޯއެސް އެވެއާނެސް މަންތު'އާ ވެސް ގުޅުވައި ބޭއްވި ސެމިނާއެކެވެ. ސެމިނާއާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އެފްއެސްސީގެ އެގްޒެކެޓިވް މީޑިއާ ޑައިރެކްޓަރު އައިޝަތު މިހުނާ ނާސިހް ވިދާޅުވީ އެ ސެމިނާއަކީ އެތައް ގޮތަކުން ކާމިޔާބު ސެމިނާއެއް ކަމަށެވެ.

މިހުނާ ވިދާޅުވީ އިންފާޓިލިޓީ ނުވަތަ އަންހެނުންނަށް ދަރިމައިވުމުގައި މައްސަަލަތައް ދިމާވާ އެންމެ އާންމު ސަބަބުތަކުގެ ތެރޭގައި ޕީސީއޯއެސް ހިމެނޭކަމަށެވެ. އެގޮތުން ހަމައެކަނި އެފްއެސްސީގެ މެމްބަރުންނަށް ބަލާއިރު ވެސް އިންފާޓިލިޓީއާ ކުރިމަތިލާ 47 ޕަސެންޓް މެމްބަރުންނަކީ ޕީސީއޯއެސްގެ ބަލި ތަހައްމަލުކުރާ މެމްބަރުންކަމަށް މިހުނާ ވިދާޅުވިއެވެ.

އެއީ އެފްއެސްސީއިން، ޕީސީއޯއެސްއާމެދު ހޭލުންތެރިކަން އިތުރުކުރުވުމަށް ޚާއްސަ ސަމާލުކަމެއް ދޭ ސަބަބުކަމަށް ވެސް ވިދާޅުވިއެވެ.

އެފްއެސްސީއިން، ޕީސީއޯއެސްއާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ސެމިނާގެ ތެރެއިން -- ފޮޓޯ: އެފްއެސްސީ

"އެ ގޮތަށް ބައިވަރު ހަރަކާތްތަކެއް މީގެ ކުރިން ވެސް ރޭވިފައި ހުރުމާއެކު ދެން އަަޅުގަނޑުމެންނަށް ހިތަށް އެރީ ތަންކޮޅެއް ބޮޑު ހަރަކާތެއްގެ ގޮތަށް ކުރިއަށް ގެންދާނީއޭ. އެހެންވެ އަޅުގަނޑުމެންގެ އެޑްވައިޒަރީ ބޯޑު މެމްބަރުންނާ މަޝްވަރާކުރުމަށްފަހު ނިންމީ ސެމިނާއެއް ބާއްވަން،" މިހުނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސެމިނާ ބޭއްވީ އާންމުންނަށް ހުޅުވައިލައިގެން ކަމަށެވެ. ދެ ބަޔަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ ސެމިނާގައި، ބަލި ތަހައްމަލުކުރާ މީހުންގެ ވާހަކައާއި ސިއްހީ ގޮތުން، އެ ކަމާ ގުޅުންހުރި ވާހަކަ ދައްކައިފައިވެއެވެ.

"ސެމިނާ ނިންމައިލެވުނުއިރު ވަރަށް އިމްޕެކްޓްފުލް ވަރަށް ޕަވަފުލް ސެމިނާއަކަށް އަސްލުވެގެން މި ދިޔައީ. އެއީ މީގެ ކުރިން މީހުން ދަންނަ ކަމެއް. އެކަމަކު ދުވަހަކު ވެސް ނުދައްކާ ވާހަކައެއް ޕީސީއޯއެސް ޖާނީއަކީ. ވަރަށް އިމޯޝަނަލް ވާހަކަތަކެއް. ސޮސައިޓީން ޕީސީއޯއެސް ޕޭޝަންޓުންނާ ދިމާއަށް އެ ރައްދުކުރާ ބަސްތަކާއި އެ މަލާމާތާއި ފުރައްސާރައާއި ނޯމަލް މީހަކަށްވުރެ އޭނަގެ ދިރިއުޅުން ތަފާތުވާ ގޮތާއި..،" މިހުނާ ވިދާޅުވިއެވެ.

މިހުނާ ވިދާޅުވި ގޮތުގައި އެ ސެމިނާގައި މީހުންގެ ނަން ނޯޓުކޮށް، އޭގެ ތެރެއިން ހޮވައިލެވޭ 10 މީހަކަށް ގިވްއަވޭއެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެ ގިވްއަވޭއިން ހޮވޭ ފަރާތްތަކަށް ކަސްރަތު ޕެކޭޖަކާއި، އެންޑޮކްރޮނޮލޮޖީ އެޕޮއިންޓްމަންޓެއްގެ އިތުރުން އެހެން ބައެއް މުހިންމު ކަންކަން ފަހިކޮށްދޭނެއެވެ.

މި ސެމިނާގެ ރެކޯޑިން އެސްއެސްޓީވީއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް