ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ (އެފްއެސްސީ) އާއި އެސްއެސްޓީވީ ގުޅިގެން މުޖުތަމައު ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަކެއް ހިންގަން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސަން ސިޔާމް މީޑިއާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެެއްބަސްވުމުގައި އެފްއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިއުނިޓީގެ ބާނީ އަދި ރައީސް އާޝާ ހުސެއިންނެވެ. އަދި އެސްއެސްޓީވީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ.
މި އެއްބަސްވުމުގެ ދަށުން މުޖުތަމައުގައި ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ތަފްސީލީ މައުލޫމާތުތަކެއް ލިބޭނެ ޕްރޮގުރާމެއް އެސްއެސްޓީވީ މެދުވެރިކޮށް ގެނެސްދޭނެއެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެފްއެސްސީގެ އެކްސްކްލޫސިވް މީޑިއާ ޑައިރެކްޓަރު އައިޝަތު މިހުނާ ނާސިހް ވިދާޅުވީ، މި ޕްރޮގްރާމްތައް މެދުވެރިކޮށް، މުހިންމު މައްސަލަތަކާ ގުޅޭ ތަފްސީލީ މައުލޫމާތު އާންމުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
"ކުރިއަށް ރޭވިގެންދާ ޕްރޮގްރާމަކީ މުޖުތަމައުގައި ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމެއް،" މިހުނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، އެފްއެސްސީ އާއި އެސްއެސްޓީވީގެ ގުޅުން ބަދަހިކޮށް، ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެސްއެސްޓީވީގެ ޕްރޮގްރާމްތަކުގެ ހެޑް އައިމިނަތު ހައިފާ ވިދާޅުވީ "ވޯލްޑް ފާޓިލިޓީ ޑޭ" އާ ގުޅިގެން އޮންނަ މަޝްވަރާތައް އެސްއެސްޓީވީ މެދުވެރިކޮށް ގެނެސްދޭނެ ކަމަށެވެ.
"މިކަމާ ގުޅުން ހުރި ތަޖުރިބާކާރު ބޭފުޅުންގެ އެހީއާއި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ސަޕޯޓާ އެކު ސިލްސިލާ ޕްރޮގުރާމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނެ،" ހައިފާ ވިދާޅުވިއެވެ.
އެސްއެސްޓީވީ އާއި އެފްއެސްސީ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ހައިފާ ވިދާޅުވިއެވެ.