ބެންފިކާ އަތުން ބަލިވެ ޔުވެންޓަސް ޗެމްޕިއަންސް ލީގުން ކަޓައިފި

ޔުވެންޓަސްގެ ކުޅުންތެރިއެއް--- ފޮޓޯ/ ގޯލް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބެންފިކާ އަތުން ބަލިވެ ޔުވެންޓަސް މުބާރާތުން ކަޓައިފިއެވެ.

ރޭ ބެންފިކާގެ އަމިއްލަ ދަނޑުގައި ޔުވެންޓަސް އާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ބެންފިކާއިންނެވެ. އެ ގޯލަކީ މެޗުގެ 17 ވަނަ މިނެޓުގައި ބެންފިކާގެ އެންޒޯ ފަނާންޑޭޒްގެ އެހީތެރިކަމާއެކު އެންޓޯނިއޯ ސިލްވާ ޖެހި ގޯލެކެވެ.

ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑޫސާން ވްލަހޯވިޗް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން މޮއިސް ކީން ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށް ޗެމްޕިއަންސް ލީގުގެ އުންމީދު އާކުރިއެވެ.

މެޗުގެ 28 ވަނަ މިނިޓްގައި ޔުވެންޓަސްގެ އޭރިއާ ތެރެއިން ހުއާން ކުއަޑްރާޑޯ އަތުގައި ބޯޅަ ޖެހުނުކަމަށް ނިންމައި ރެފްރީ ވަނީ ބެންފިކާއަށް ޕެނަލްޓީއެއް ދީފައެވެ. ޔާއޯ މާރިއޯ އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަލުން ބެންފިކާއަށް ލީޑު ނަގައިދިނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންފިކާއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ބޮޑު ކޮށްފައެވެ. އެ ގޯލަކީ މެޗުގެ 35 ވަނަ މިނެޓުގައި މާރިއޯ ތަނަވަސްކުރި ފުރުސަތަކުން ރަފާ ސިލްވާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުން މޮޅުވެ ބެންފިކާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ--- ފޮޓޯ/ ބެންފިކާ

އެ ނަތީޖައިން މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ބެންފިކާއިން އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލަކީ އެލެކްސް ގިރިމާލްޑޯގެ އެހީތެރިކަމާއެކު ރަފާ ސިލްވާ ޖެހި ގޯލެކެވެ.

ނަމަވެސް ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމުގެ އުންމީދުގައި ކުރި މަސައްކަތުން މެޗުގެ 77 ވަނަ މިނެޓުގައި އާކަންޑިއުޒް މިލިކް ލަނޑެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ.

އޭގެ ދެ މިނެޓު ފަހުން ޔުވެންޓަސްއިން ގޯލު ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ގޯލަކަށް ކުޑަކޮށް އުންމީދު އާކުރިއެވެ. އެ ގޯލަކީ ވެސްޓޮން މިކެނީ ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު ޔުވެންޓަސް ހިމެނޭ ގްރޫޕް އެޗްއިން ދެވަނަ ބުރަށް ދާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. ގްރޫޕްގެ އެއްވަނައިގައި ޕީއެސްޖީ 11 ޕޮއިންޓާއެކު އޮތްއިރު ބެންފިކާ ގްރޫޕްގެ ދެވަނައިގައި އޮތީ ވެސް 11 ޕޮއިންޓާއެކުއެވެ. ޕީއެސްޖީއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ޔުވެންޓަސް ތާވަލުގެ ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާއެކުއެވެ. ތާވަލުގެ ފުލުގައި އޮތް މަކާބީ ހައިފާއަށް ވެސް ވަނީ ތިން ޕޮއިންޓު ލިބިފައެވެ.

ރޭ ޗެމްޕިއަންސް ލީގުގައި އެ ގްރޫޕްގައި ހިމެނޭ ޕީއެސްޖީއާއި މަކަބީ ހައިފާ ވަނީ ބައްދަލުކޮށްފައެވެ. އެ މެޗު 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީންނެވެ. އެ މެޗުގައި މެސީގެ ކުޅުން ވަނީ ވަރަށް ބޮޑަށް ފެނިފައެވެ. މެސީ ވަނީ ދެ ގޯލު ޖަހައި ތިން ގޯލުޖެހުމަށް އެހީތެރިވެދީފައެވެ.

comment ކޮމެންޓް