ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފަހު 16 ޓީމުގެ ބުރުން ޖާގަ ހޯދުމަށް ކުޅެން ޖެހޭ ޕްލޭ އޮފްގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި މެންޗެެސްޓާ ސިޓީ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޔުއޭފާއިން އިންތިޒާމުކޮށްގެން ބާއްވާ ކްލަބް ތިން މުބާރާތަށް މި ސީޒަންގައި ގެނައި ބަދަލާއެކު ޗެމްޕިއަންސް ލިގުގެ ލީގު ފޭސް ނިމުމާއެކު މިވަނީ ގިނަ ބަޔަކު ހައިރާން ކުރުވާ ފަދަ ބަދަލުތަކެއް މިހާރު ވެސް މި މުބާރާތުގެ ތެރެއިން ފެންނަމުންނެވެ.
މިގޮތުން އާންމުކޮށް ގްރޫޕް ސްޓޭޖުން މާބޮޑު މައްސަލަތަކަކާ ކުރިމަތިނުވެ ސަލާމަތްވާ ޔޫރަޕްގައި ފާހަގަކޮށްލެވޭ ބޮޑެތި ބައެއް ކްލަބްތައް މިވަނީ މިއާ ފޯމެޓްގެ ސަބަބުން މި މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ޓަކައި އިތުރު މެޗްތަކެއް ކުޅެން ޖެހިފައެވެ. 36 ޓީމަށް އިތުރުކޮށް ލީގު އުސޫލުން ކޮންމެ ޓީމެއް އަށް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދި އަށް ޓީމު މި މުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ސީދާ ޖާގަ ލިބިގެންދިޔައިރު އެންމެ ފުލަށް ދިޔަ އަށް ޓީމުވަނީ މުބާރާތަށް އަލްވަދާއު ކިޔާފައެވެ.
އަދި ނުވަވަނައިން 24 ވަނައަށް ދިޔަ 16 ޓީމުން ފަހު 16 ޓީމގެ ބުރުގެ ބާކީ އޮތް އަށް ޖާގަ ހޯދުމަށް ޖެހިފައިވަނީ ޕްލޭ އޮފް ދެ މެޗު ކުޅޭށެވެ. މިގޮތުން މި ޕްލޭ އޮފްގައި އެންމެ ފާހަގަ ވެގެންދިޔަ އެއް ކުރިމަތިލުމަކަށް ވެފައިމިވަނީ ސިޓީ އާއި ރެއާލްގެ ކުރިމަތިލުމެވެ.
މި ދެ ޓީމަކީ މި މުބާރާތުގައި ފަހަކަށް އައިސް ކޮންމެ މުބާރާތެއްގައިހެން ވާދަކުރަން ޖެހިފައިވާ ދެ ޓީމެވެ. މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ޕްލޭ އޮފް ދެ މެޗުގެ ތެރެއިން ފުރަތަމަ ލެގު ކުޅެވިގެންދާނީ ފެބްރުއަރީ މަހުގެ 11 ނުވަތަ 12 ވަނަ ދުވަހު ސިޓީގެ ދަނޑުގައެވެ.
އަދި ދެވަނަ ލެގް ޖެހިގެން އަންނަ ހަފްތާގައި އޮންނާނީ ރެއާލްގެ ދަނޑުގައެވެ. އެހެން ކަމުން ފަހު 16 ޓީމުގެ ބުރުން ޖާގަ ލިބިގެންދާނީ މި ދެ ޓީމުގެ ތެރެއިން އެއް ޓީމަށްކަން މިވަނީ ޔަގީންވެގެން ގޮސްފައެވެ.
މީގެ އިތުރުން ޕްލޭ އޮފްގެ އެހެން ކުރިމަތިލުން ތަކަށް ބަލާލާއިރު ބްރެސްޓް އާއި ޕެރިސް ސެއިންޓް ޖާމެއިން ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ކްލަބް ބްރޫޖް ބައްދަލުކުރާނީ އެޓަލާންޓާ އާއެވެ. ޔުވެންޓަސް އާއި ޕީއެސްވީ އެއިންދްހޯވެން ބައްދަލުކުރާއިރު އޭއެސް މޮނާކޯ ކުރިމަތި ލާނީ ބެންފީކާ އާއެވެ.
ސްޕޯޓިން ލިޒްބަން އާއި ބޮރޫޝިއާ ޑޯޓްމުންޑް ޖެހޭއިރު ސެލްޓިކް ބައްދަލުކުރުމަށް ދިމާވީ ބަޔޭން މިޔުނިކާއެވެ. އަދި ފެޔެނޯޑް ލައްވާލީ އޭސީ މިލާނާއެކުއެވެ.
މިޓީމުގެ ތަކުގެ މެޗުގައި ކުޅޭ ދެ ލެގްގެ ޕްލޭ އޮފް މެޗުތަކަށްފަހު ފަހު 16 ބުރުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހެވެ.