ޑުރަގުގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު އަނެއްކާވެސް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު: އޭނާ އަނެއްކާވެސް ވަނީ ހައްޔަރުކޮށްފަ --- ފޮޓޯ/ ޕޮލިސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު އަރުޝަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދެހާސް ވިހި ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަރުޝަދު ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު އޭނާ އޭރު މިނިވަންވިއެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އޭގެ ފަހުން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި އޭނާ ހައްޔަރުކުރަން ބެލިއިރު އޭނާ ވަނީ ދުބާއީއަށް ގޮސް ފިލައިފައެވެ. އަދި ފަހުން އޭނާ ލަންކާގައި ހުއްޓާ، އޭނާ ބަންދުގައި ބަހައްޓައިގެން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ހައިކޯޓަށް ހާޒިރުކުރުމަށް އެ ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުނެވެ.

ފުލުހުން މި މަހުގެ 10 ވަނަ ދުވަހުގެރޭ އަރުޝަދު ހައްޔަރު ކުރި ނަމަވެސް، އޭނާ ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ދޫކޮށްލިއެވެ.

ހައިކޯޓުގައި ބުނީ އެ ކޯޓުގައި ތާވަލުކޮށްފައި އޮތް މައްސަލައަށް އަރުޝަދު ހާޒިރުވީ އަމިއްލައަށް ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމެން ނެތް ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އަރުޝަދު ދޫކޮށްލަން އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި އެ އޮފީހުން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

comment ކޮމެންޓް