ނަދަމާގެ މައްސަލަ ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވެސް ނިންމައިފި

ނަދަމާ ހައިކޯޓުގެ ޝަރިއަތުގައި އޮންލައިންކޮށް ބައިވެރިވަނީ

އޮޕަރޭޝަން އަލިމަގުގެ ނަމުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފަށާފައިވާ ބޮޑޫ އޮޕަރޭޝަންގައި އައްޑޫން ހައްޔަރުކުރި އައްޑޫގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ ނަދީމް ނުވަތަ ނަދަމާގެ ހައްޔަރު މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް އެ ކޯޓުގެ ފަނޑިޔާރުން ވެސް ކަނޑައަޅައިފިއެވެ.

ނަދަމާގެ ހައްޔަރު މައްސަލަ ބޭރުކޮށްލީ ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ ނިންމުމަކުންނެވެ. އެ ނިންމުން ނަދަމާގެ ފަރާތުން ރިވައިސްކޮށްދިނުމަށް އެދި ހުށަހެޅުމުން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ވެސް ނިންމީ މައްސަލަ ބޭރުކޮށްލި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

ނަދަމާގެ ހައްޔަރު މައްސަލަ ބޭރުކޮށްލިއިރު، ނަދަމާގެ ބަންދު މުއްދަތު ޖެހި މައްސަލަ ހައިކޯޓަށް ބަލައިގަނެ އޮތީ މިހާރު އަޑުއެހުންތައް ފެށިފައެވެ.

ނަދަމާގެ ބަންދުގެ މުއްދަތު ޖެހި ޝަރީއަތް ސިއްރުކުރިކަން ވެސް ސިއްރުކުރި މައްސަލައެއް އޭނާގެ ފަރާތުން ހައިކޯޓުގައިވަނީ ފާހަގަކޮށްފައެވެ. އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ނަދަމާގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ، ނަދަމާގެ ބަންދު އަޑުއެހުން ސިއްރުކުރިކަން ވެސް ވަކީލަށް އެނގުނީ އަޑުއެހުން ނިމުނު ފަހުން ކަމަށެވެ.

https://sun.mv/215462

އެއީ، ގާނޫނުއަސާސީއާ ޚިލާފަށްކުރި ކަމެއް ކަމަށް ވަކީލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަޑުއެހުމުގައި ފަނޑިޔާރު އެ ވާހަކަ ވިދާޅުނުވާ ކަމަށާއި ފުލުހުން އެފަދައިން އެދުނުކަން ވެސް ހާމަނުކުރާ ކަމަށެވެ.

"އަސާސީ ހައްގެއް ނިގުޅައިގަނެގެން ހިންގާ ޝަރީއަތެއް ސައްހަ ނުވާނެކަން އަޅުގަނޑުމެން،" ޝަމީލް ވިދާޅުވިއެވެ.

ނަމަދާގެ ބަންދު މުއްދަތު މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. މި އޮޕަރޭޝަންގައި ނަދަމާ ހިމެނޭހެން ގިނަ ބަޔަކު ހައްޔަރުކުރީ މި މަހުގެ ކުރީކޮޅެވެ. ނަދަމާ ހުރީ އެ މައްސަލައިގައި 30 ދުވަހަށް ބަންދުކޮށްފައެވެ.

https://sun.mv/215727

ފުލުހުން ބުނި ގޮތުގައި ނަދަމާ ހިމެނޭ "ނެޓްވޯކް"ގެ މީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާރިޗު މަހުން ފެށިގެންނެވެ. އަދި، 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް"ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑުރަގު ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައެވެ.

މި ސަރުކާރު ވެރިކަމަށް ގެންނަން އައްޑޫގެ ކެމްޕެއިންގައި އިސްކޮށް އުޅުނު ނަދީމް ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް ވެސް މިދިޔަ އަހަރު ހަމަޖެއްސިއެވެ.

comment ކޮމެންޓް