މަޖީދިއްޔާ ސްކޫލަކީ ދިވެހިންގެ އުމްރާނީ ފަންނުވެރިކަމުގެ އަގުހުރި ތަރިކައެއް ކަމަށާއި، މި އަގުހުރި ތަރިކަ އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ، ގައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ނައިބު ރައީސް ފައިޞަލް ނަސީމާއި، ސަރުކާރުގެ އިސްވެރިންނާއި، މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސިލްކޮށްފައިވާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ އެންމެ ބޮޑު އެއް ހިއްސާ އޮތީ މަޖީދިއްޔާ ސްކޫލްގައި ކަމަށާއި، އެ ސްކޫލް ހުޅުވުމަށް ފަހު، ރާއްޖޭގެ ގައުމީ ހަޔާތުގައި އައި ކޮންމެ ދުވަހަކީ، މަޖީދިއްޔާ ސްކޫލުން ދަރިވަރުވި ޒުވާނުންގެ ޚިދުމަތްތައް މި ގައުމަށް ލިބުނު ދުވަހެއް ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި އިއްޔެ ފާހަގަކުރީ މަޖީދިއްޔާ ސްކޫލުން 95 އަހަރު ކެނޑިނޭޅި ފޯރުކޮށްދިން ތައުލީމީ ދަންމަރުގެ އަލީގައި ދިވެހިން ހޯދި ތަރައްގީއާއި ދިވެހި އުންމަތަށް ލިބުނު ކާމިޔާބީގެ ހަނދާންތަކެވެ. އަދި، އެމަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލްގެ ބިންގާ އަޅުއްވައި، ދިވެހި ދަރިންނަށް ތައުލީމު ދޭން ފެއްޓެވި، އަލް މަރުޙޫމް ހުސައިން ޞަލާހުއްދީންގެ ހަނދާން އާ ކުރައްވާފައެވެ.
މީގެ އިތުރުން އެންމެ އިހުއްސުރެ ވެސް ދިވެހިންނަކީ ތައުލީމަށް ލޯބިކުރި ބައެއްކަމުގައި ވިދާޅުވަމުން، ރައީސް ވަނީ ރާއްޖޭގައި ތައުލީމީ ކަންކަން ކުރިއަރަމުން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން 1927 ވަނަ އަހަރުގެ އެޕްރީލް 19 ވަނަ ދުވަހު، މަދަރުސަތުއް ޞަލާޙިއްޔާ ވުޖޫދަށް އައުން އެއީ މަޖީދިއްޔާ ސްކޫލްގެ ފެށުންކަމަށާއި، މުޅި ދިވެހި އުންމަތަށް ތައުލީމު ފެތުރިގެން ދާން ފެށީ އެ މަދަރުސާ އުފަންވި ހިސާބުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މަޖީދިއްޔާ ސްކޫލުން ގައުމެއް ތަރައްގީވެ ކުރިއަރައި ދިއުމަށް ބޭނުންވާ ހުރިހާ ދާއިރާކުން މީހުން ބިނާކޮށްދީފައިވާ ކަމުގައި ވިދާޅުވަމުން، އެމަނިކުފާނު ވަނީ މަޖީދިއްޔާއިން ތައުލީމް ހާސިލުކުރި އެތައް ދަރިންނެއް، ގައުމުގެ އެންމެ ކުރީ ސަފުގައި ޚިދުމަތް ކޮށްދެއްވައި އަދި މިހާރު ވެސް ޚިދުމަތް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ޖަލްސާގައި ރައީސް، ވަނީ މަޖީދިއްޔާ ސްކޫލަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު އަރުއްވާފައެވެ. އަދި ރައީސްގެ އަނބިކަނބަލުން ވަނީ މަޖީދިއްޔާ ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ޚިދުމަތުގެ ޝަރަފު އަރުއްވާފައެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކި ގޮތްގޮތުން ސްކޫލަށް އެހީތެރިވެދެއްވާފައިވާ ކުންފުނިތަކަށް ހަނދާނީ ފިލާ ދެއްވާފައެވެ.